އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އަމާޒުކޮށް، އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފައްޔާޒްގެ އުފަން ދުވަސް ފާހަގަކޮށްފި އެވެ.
މި މަހުގެ 14 ގައި ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ފައްޔާޒަކީ ”ބްރޯ“ އެއްގެ ގޮތުގައި ސިފަކޮށް އޭނާއަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރި އެވެ. ސަރުކާރުގެ ވަސީލަތްތަކާއި، ނުފޫޒާއި ބާރުގެ ބޭނުންކޮށް އިންތިހާބު ކާމިޔާބު ކުރިކަމުގެ ތުހުމަތުތައް ފައްޔާޒަށް ކުރިކަން ވެސް ފާހަގަކުރެވެ އެވެ
ޕާޓީގެ އެތެރޭގައި ”ބްރޯ“ ހެދިހެން ނޫޅުމަށް ގޮވާލައި ރައީސް ނަޝީދު ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް މެސެޖެއް ފޮނުވާފައި ވަނިކޮށް، ފައްޔާޒް އިންތިހާބު ކާމިޔާބު ކުރީ ވެސް ބޮޑު ތަފާތަކުންނެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ވާދަކޮށް ފައްޔާޒް ވަނީ 28،000 އަށް ވުރެ ގިނަ ވޯޓު ހޯދި އެވެ.
Happy birthday Chairperson @faya_i ???? pic.twitter.com/QoTt1q5h9g
— Maimoon (@mrsays_) May 16, 2022
އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، ފައްޔާޒަށް މަރުހަބާ ދަންނަވައި ރައީސް ނަޝީދު މަރުހަބާ ވިދާޅުވެފައި ވަނިކޮށް މިއަދު ޕާޓީ އޮފީހުގައި ދެ ބޭފުޅުންގެ ބައްދަލުވުމެއް ބޭއްވި އެވެ. އަދި ފައްޔާޒްގެ އުފަންދުވަހުގެ ކޭކު ފެޅިއިރު އެންމެ ކައިރީގައި ހުންނަވައި ލަވަ ކިޔުއްވަމުން ގެންދެވީ ރައީސް ނަޝީދެވެ.
މިއަދު އާއްމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ފައްޔާޒް ކޭކު ފަޅުއްވާއިރު، ރައީސް ނަޝީދު ބާރަށް އަތް ޖައްސަވަ އެވެ. އަދި ”ހެޕީ ބާތްޑޭ ޓޫ ޔޫ“ ކިޔާ ބާރަށް ލަވަ ކިޔުއްވާ އަޑު ވެސް އިވެއެވެ. ވީޑިއޯގައި ހުޅުމާލެ ދާއިރާގެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވެސް ހުނަވަ އެވެ. އަދި ޕާޓީގެ އެޑްމިނިސްޓްރޭޓިވް ބޭފުޅުން ތިއްބެވި އެވެ. ރައީސް ނަޝީދު ނޫން އިތުރު ބޭފުޅަކު ލަވަ ކިޔާފައި ނުވެއެވެ.

