އިންޑިއާގެ ނުފޫޒު ރާއްޖެއަށް ވެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕެއިނުގެ ތެރެއިން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅުގައި ދަމާފައި ހުރި ބެނާ ނެގުމުގެ އަމުރަށް އެހެން އޮފިސަރެއްގެ ލޮގިން ބޭނުންކޮށްގެން އެދުނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒުކަމަށް ބުނެ ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ”އިންޑިއާ އައުޓް“ ބެނާ ނެގުމަށް ކޯޓު އަމުރެއް ނެރުނީ، މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅުއްވައި ރައީސުލްޖުމްހުރިއްޔާ ގަރާރެއް ނެރުއްވި ދުވަހު އެވެ. ނަމަވެސް އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކޯޓު އަމުރަކަށް އެދުނީ، ފުލުހުންގެ ސިސްޓަމްއިން އެހެން އޮފިސަރެއްގެ ލޮގިން ބޭނުންކޮށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒުކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ހަބަރުތައް ދޮގުކޮށް ބަޔާނެއް އާއްމުކޮށް، ފުލުހުން ބުނީ އެއީ އުސޫލާއި ހިލާފު އަމަލެއްކަމަށާއި އެއްވެސް އޮފިސަރަކަށް އަނެއް އޮފިސަރުގެ ލޮގިން ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ކޯޓު އަމުރު ނެރުމުގެ އުސޫލު ހަމަޖެހިފައިި ވަނީ އިންވެސްޓިގޭޝަން އޮފިސަރުން އެދުމުން، އެ އޮފިސަރެއްގެ ސުޕަވައިޒަރު އެޕްރޫވްކޮށް ކޯޓު އަމުރު ރިކުއެސްޓު ސިސްޓަމުން ޖެނެރޭޓުވާ ގޮތަށްކަމަށެވެ.
މި ހަބަރު ގެނައި މީޑިއާއިން ވަނީ، ފުލުހުންގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދީފައި ނުވާކަމަށް ރިޕޯޓުކޮށްފަ އެވެ. އެކަމަށް ރައްދު ދީ ފުލުހުންގެ ބަޔާނުގައި ވަނީ، އެ މައްސަލައިގައި ނޫސްވެރިއާގެ ފަރާތުން މެސެޖެއް ލިބުނީ ހަބަރު ޝާއިއު ކުރި ދުވަހުގެ ހެނދުނު 10:11 ހާއިރުކަމަށާއި، އެއަށް ފަހު ފުލުހުންގެ މީޑިއާ އޮފިޝަލުންގެ އެއްވެސް އިތުރު ނަމްބަރަކަށް ގުޅާފައި ނެތްކަމަށެވެ.
ފުލުހުން ބުނީ އެ ހަބަރު ޝާއިއުކޮށްފައި ވަނީ ފުލުހުންނަށް މެސެޖެއް ފޮނުވިތާ 20 މިނެޓަށް ފަހު ކަމަށެވެ.
ނޫސްވެރިން ފޮނުވާ މެސެޖުތަަކަށް ޖަވާބުދޭކަމަށް ބުނި ނަމަވެސް، ނޫސްވެރިން ތަކުރާރުކޮށް ކުރާ ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުލިބެ އެވެ. އަދި ތަކުރާރުކޮށް ފޯނަަށް ގުޅުމުން ވެސް ޖަވާބު ނުލިބޭކަން ފާހަގަ ކުރެވެ އެވެ. މި މައްސަލައިގައި، ބައެއް ނޫސްވެރިން ގްރޫޕުގައި ޕޮލިސް މީޑިއާ ބޮއިކޮޓު ކުރުމަށް ވެސް ގޮވާލާފައި ވެއެވެ.

