ދިވެހި ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމަށް ސަރުކާރުން ހިނގަމުންދާ ޕްރޮޖެކްޓްތައް މަޑުޖައްސާލުން ބުއްދިވެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރަށް ތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކާއި މެދު ވާހަކަދެކެވެމުންދިއަ ހިނދު ތެލުގެ އަގު 121 ރުފިޔާއަށް މައްޗަށް ގޮސްފައިވާކަމަށް އިޝާރާތްކުރަށްވާ ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖޭގެ މާލިއްޔަތަށާއި ދުނިޔޭގެ މަޝްރަހަށް އަދި އިގްތިސޯދަށް އަންނަ ބަދަލުތަކަށާއި އަވައްޓެރި ސްރީލަންކާގެ ހާލަތަށް ވިސްނާލުމުން ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގަމުންދާ މަޝްރޫޢތައް މަޑުޖައްސާލުމަކީ ބޭނުންތެރި ކަމެއް ކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަންވާކަމަށެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި ޕްރޮޖެކްޓްތައް މަޑުޖައްސާލުމަކީ ބޭނުންތެރި ކަމެއް“ ރައީސް ނަޝީދު
ސަރުކާރުން ހިންގަމުންދާ މަޝްރޫޢތަކާއިމެދު އިތުރަށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސުލް ޖުމުހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ވުޒާރާތަކުން މަސައްކަތްކުރަމުންދާކަމަށް އެ މަނިކުފާނު ގަބޫލުކުރަށްވާކަމަށެވެ. ނަމަވެސް އެފަދަ މަޝްރޫޢތައް މަޑުޖައްސާލުމަކީ މިވަގުތު ދިވެހި ރާއްޖެއަށް އެންމެ ރަނގަޅުގޮތް ކަމަށް އެ މަނިކުފާނު ދެކިވަޑައިގަންނަވާކަމަށް ތަކުރާރު ކުރަށްވާ ރައީސް ނަޝީދު ވިދާޅުވީ، އިސްވެދިއަ ވާހަކަތައް ރައްޔިތުންގެ ގާއްތު ދައްކަން އެ ދާއިރާއެއްގެ މެމްބަރުނަށް ދަތިވެލައްވާނެކަން އިންގިވަޑައިގަންނަކަމަށެވެ. އެހެން ނަމަވެސް އެ ވާހަކަތައް ރައީސް ނަޝީދު ދެއްކަވީ އެކަން ކުރަށްވަން ޖެހިވަޑަައިގަންނަކަމަށް ދެކިލައްވާތީކަމަށްވެސް އެ މަނިކުފާނު ފާހަަގަކުރެށްވިއެވެ. އަދި މިވަގުތަކީ ބާރަށް ކޮންކްރީޓްގެ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެންމެ ރަނގަޅު ދަނޑިވަޅުކަމަށް އެ މަނިކުފާނު ދެކިވަޑައިނުކަންނަކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މިފަދައިން ވިދާޅުވީ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރ މުހައްމަދު އަސްލަމް މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތަކާއި ގުޅިވަޑައިގެންނެވެ. އެހެންކަމުން ޕްރޮޖެކްޓްތައް ލަސްވެދިއުމާއި މެދު މިނިސްޓަރ އަސްލަމް ވިދާޅުވީ، ރައީސުލް ޖުމުހޫރިއްޔާ ނުވަތަ ސަރުކާރުގެ ބޭފުޅުންވެސް ރައްޔިތުންނަށް ކަމަކު ވައުދު ވެވަޑައިގަންނަވަނީ އެކަމެއް ކުރެއްވުމުގެ ނިޔަތާއިގެންކަމަށެވެ. އަދި ވައުދު ވެވަޑައިގެންނެވި ކަމެއް ނަމަ ފުރިހަމަ ކުރަން މަސައްކަތްކުރަށްވާކަން ފާހަގަކުރަށްވާ އަސްލަމް ވިދާޅުވީ، އެހެންނަމަވެސް ބައެއް މަސައްކަތްތަކަކީ ބާރު ދުވެއްޔެއްގައި ކޮށް ނިންމާލެވޭ ކަންކަމަށްވާ އިރު ބައެއް ޒާތުގެ މަސައްކަތްތައް ކުރުމުގެ ތެރޭގައި ކުރިމަތިވާ ދަތިތަކުގެ ސަބަބުން ލަސްވެގެންދާ ކަންކަންވެސް ވައުދުތަކުގެ ތެރޭގައި ހިމެނުމަކީ އެކަޝީގެންވާ ކަމެއް ކަމަށެވެ އެގޮތުން އެކަން އެހެން ވެދިއުމަކީ އެކަން ނުކުރަށްވަން ގަސްތުކޮށްފައިވުން ނޫންކަމަށް މިނިސްޓަރ އަސްލަމް އިޝާރާތްކުރެއްވެއެވެ.
ދިވެހި ރާއްޖޭގެ މާލިއްޔާތަށް އަދި ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް ބިނާކޮށް ސަރުކާރުން ހިނގަމުންދާ ޕްރޮޖެކްޓްތައް މިވަގުތު މަޑުޖައްސާލަން ފެނިވަޑައިގަންނަކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ އިރު، ދާދި ފަހުން އެމެރިކާގެ އިސް އިންވެސްޓްމެންޓް ބޭންކެއް ކަމަށްވާ ޖޭޕީ މޯގަންއިން އިން ނެރެފައިވާ ބަޔާނުގައި ވާގޮތުން ކައިރި މުސްތަގުބަލުގައި ދަރަނިތައް ނުދެއްކި ޑެޓް ޑީފޯލްޓަކަށް ގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެވެސް ހިމެނެއެވެ. ޖޭޕީ މޯރގަން އިން މިފަދައިން ބުނެފައިވީއިރު، ދިވެހި ރާއްޖޭގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ދިވެހި ރާއްޖެއިން ދަރަނިތައް ދެއްކުމުގައި ދަތިތަކެއް ކުރިމަތި ނުވާނެކަމަކުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ދިވެހި ރާއްޖޭގައި ހިންގަމުންދާ ހުރިހާ މަޝްރޫޢތަކަކީ މުހިންމު މަޝްރޫޢތަކެއް ގޮތުގައި މިނިސްޓަރ އަމީރު ވަނީ ފާހަގަކުރަށްވާފައިއެވެ.

