މާލޭގެ ގެއެއްގައި ބިންގަރާހެއް ހަދައި ފޮރުވާފައި ހުރި 42 ކިލޯގެ މަސްތުވާތަކެއްތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލަން ޖެހުނު ސަބަބުތަކެއް ކަމަށް ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހުން ފާހަގަކޮށްފައިވާ ފުލުހުންގެ އިހުމާލުތަކުގެ މައްސަލަ އިތުރަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅުމަށް މަޖިލީހުގެ މެމްބަރުން ތައްޔާރުވެއްޖެ އެވެ.
42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ދޫކޮށްލަން ޖެހުނުކަމަށް ޕީޖީއިން ފާހަގަކުރި ސަބަބުތަކުގައި ފުލުހުންގެ ބޮޑެތި އިހުމާލުތައް ހިމެނެ އެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމާއި ސުވާލުކޮށް، މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ބޮޑުން އާދައިގެ ގޮތަކަށް ދޫވެގެންދާ ސަބަބު އޮޅުން ފިލުވުމަށް ވެސް ބައެއް މެމްބަރުން ވަނީ ގޮވާލާފަ އެވެ. ތަހުގީގީ އިދާރާތްތަކުގެ ތެރޭގައި އާއި ކޯޓުގެ ތެރެއިން ދައުލަތުގެ ފަރާތުން ފާހަގަ ކުރެވޭ އިހުމާލުތަކުގެ މައްސަލަ ބޮޑުވެ ޝަމީމް މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ މެމްބަރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮންސްޓްރަކްޝަން މަސައްކަތް ހުއްޓިފައި ހުރި އިމާރާތެއްގެ ތަޅުގަނޑު ދަށުގައި މަސްތުވާތަކެތި ވަޅުލާފައި ހުރި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ހައްޔަރުކުރީ އަހުމަދު ހުސެއިނާއި (39 އ.) ، އަބްދުﷲ ނަޝީދު (46 އ.) އެވެ. ދައުވާ ކުރުމަށް ފޮނުވި ނަމަވެސް، އެ މީހުންގެ މައްޗަށް ދައުވާ ކުރެވެން ނެތްކަމަށް ޕީޖީން ނިންމީ މައިގަނޑު ތިން ސަބަބަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ.
އޭގެ ތެރޭގައި ކޯޓު އަމުރެއް ނެތި ތަން ބަލައި ފާސް ކުުރުމާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ހެކި އެއް ކުރުން އަދި ގޭގެ ވެރި ފަރާތް ނޫން އެހެން މީހެއްގެ ފަރާތުން ހުއްދަ ހޯދުމާއި ކްރައިމް އޮފް ސީނާއި މެދު އުފެދޭ ސުވާލުތައް ފާހަގަ ކުރެވެ އެވެ. އަދި ތުހުމަތު ކުރެވޭ މީހުންނާއި މަސްތުވާތަކެތި ގުޅޭގޮތުން ބުނެ ދެވިފައި ނެތުމުގެ އިތުރުން ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތުން ހިމެނެ އެވެ.
ޕީޖީން މީޑިއާތަކަށް ހިއްސާ ކުރި މެސެޖުގައި ފުލުހުންގެ އިހުމާލުތައް ފާހަގަކޮށްފައި ވެއެވެ. އެހެންވެ މައްސަލަ 241 ކޮމިޓީއަށް ހުށަހެޅުމަށް މެމްބަރުން ނިންމީ އެވެ.
މައްސަލައިގައި މާފަންނު މެދު ދާއިރާގެ މެމްބަރު، އިބްރާހިމް ރަޝީދު ވިދާޅުވީ، ގައުމެއްގެ މުޖުތަމައަށް ވުރެ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ހައްގަށް ޕީޖީ ޝަމީމް އިސްކަން ދެއްވާ ސަބަބަކީ ކޮބައިތޯ ބަލާ، ވަޒީފާއިން ވަކި ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން ޖެހޭނެ ކަމަށެވެ. އޭނާގެ ޓްވީޓަށް ޕީޖީ ގްރޫޕުގެ އެހެން ބައެއް މެމްބަރުން ތާއީދު ކުރި އެވެ.

