މިއަދު މާފަންނު ސްޓޭޑިއަމްގައި ބެއްވި ޔޯގާ ޑޭ ހުއްޓުވުމުގައި ހަރަކާތްތެރިވީ ފުލުހުންގެ އެއްބާރުލުމާއިއެކުކަމަށް ދޭހަވަާ ނޫސް ބަޔާނެއް ފުލުހުން އާންމުކޮށްފިއެވެ.
ބަޔާނުގައި ބުނެފައިވަނީ މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންގެ މީހުންނާއި ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ އަދި ތަކެއްޗަށް ގެންދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައު ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ދަނީ ތަހުގީގުކުރަމުންކަމަށެވެ. އަދި މިހާތަނަށް މައުލޫމާތު ލިބިފައިޥާ ގޮތުގައި، މި އަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުންކަން އެގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މައްސަލަ އާއި ގުޅިގެން ދިވެހި ހަ ފިރިހެނުން ހައްޔަރު ކުރެވިފައިވާކަމަށްވެސް މި ނޫސްބަޔާނުގައިވެއެވެ.
މި ބަޔާނުގައިވާ ”މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުތައް ބަލައި ދިވެހި ފުލުހުންގެ ހިދުމަތުން ރެސްޕޮންޑު ކުރިގޮތުގެ އިންޓަރނަލް ރިވިއުއެއް ކުރާނެކަމުގެ ޔަގީންކަން“ ދީފައިވުމުން ދޭހަވަނީ މިކަމުގައި ފުލުހުންގެ އެއްބާރުލުންވާކަމަށެވެ.
ރާއްޖޭގައި ޔޯގާޑޭ ފާހަގަކުރުމަށް ރޭވިފައިވާކަން ޔޫތް މިނިސްޓްރީން ހާމަކުރުމާއިއެކު އާންމުން ވަނީ މިކަމާއިމެދު ނުރުހުންވުން ފާޅުކޮށް މިކަންތައް ހުއްޓުވުމަށް ފުލުހުގައިވެސް އެދިފައެވެ. ފުރަތަމަ ރަސްފަންނު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް ގަލޮޅު ސްޓޭޑިއަމްއަށް ބަދަލު ކުރެވިގެންދިޔައީ އާންމުގެ ގިނަ އަދަދެއްގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ހުށައެޅުމާއިއެކު، ކައުންސިލުން ރަސްފަންނު މި ހަރަކާތަށް ދޫނުކުރުމަށް ނިންމުމުންނެވެ. ކައުންސިލްގެ ޑެޕިއުޓީ މޭޔާރ އަހްމަދު ނަރީޝް ވަނީ ޔޯގާ ގެ އަމަލަކީ، ބުދު ދީނުގައި އަޅުކަންތައްކުގެ ތެރޭގައިވެސް ހިމެނިފައިވާކަމެއް ކަމަށް ބުނެ އާންމުންގެ ޝަކުވާތައް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.
ޔޯގާ ގައި ޖައްސާ ހަރަކާތްތަކަކީ ބުދު ދީނުގައި އަޅުކަންތައް ކުރުމަށް ބޭނުންކުރާ ހަރަކާތްތަކެއް ކަމަށް ފާހަގަކޮށް ގިނަ ޝަކުވާތައް އާންމުންގެ ފަރާތުން ހުށައެޅުމާއި އެކު، ޔޯގާ ޑޭ ހިންގުމަށް ރަސްފަންނު ނުދިނުމަށް މާލެ ސިޓީކައުންސިލުން ނިންމުމުން ޔޫތު މިނިސްޓްރީންވަނީ ގަލޮޅު ދަނޑުގައި އެ ހަރަކާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިއެވެ. ނަމަވެސް މި ހަރަކާތައް ކުރިއަށް ގެންދަނިކޮށް ގިނަ އަދަދެއްގެ މީހުންވަނީ އެ ސަރަހައްދަށް ވަދެ ހަރަކާތް ހުއްޓާލުމަށާއި، އެސަރަހައްދު ދޫކޮށް ދިއުމަށް ޔޯގާ ޑޭ ގެ ބައިވެރިންނަށް ގޮވާލައި މިކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.
މިނިސްޓާ މަހުލޫފް ވަނީ ހަރަކާތް ހުއްޓުވުމުގައި ޕީޕީއެމްގެ މެންބަރުން އިސްސަފުގައި މަސައްކަތްކުރިކަމަށާއި އަދި ޖަމިއްޔަތުލް ސަލަފް ވެސް މި ކަމުގައި ހިމެނޭކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް ސަލަފުން ވަނީ މިކަންތައް ދޮގު ކޮށްފައެވެ.

