ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރަން ޖެހޭ މީހުން އަދިވެސް އެބަ ތިބި ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ޔޯގާ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރު ކޮށްފައިވާ ކަަމަށާ މިހާތަނަށް ބެލި ބެލުމުން އެ ހަމަނުޖެހުން ހިންގުމުގައި ހަތަރު މީހަކު އިސްކޮށް އުޅުނު ކަމަށް ފާހަގަ ވެފައިވާ ކަމަށެވެ. އެ މީހުންނަކީ އަނިޔާވެރި ވުމަށް ބާރުދީ އެފަދަ ހަމަނުޖެހުމެއް ހިންގުމަށް ހިތްވަރު ދިން މީހުން ކަމަށެވެ. އަދި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ހަމަނުޖެހުން ހިންގި މީހުން ސަފުތައް ފޫއަޅުވާލާފައި ވަތްއިރު ދަނޑުގައި ހަ ގައުމެއްގެ ސަފީރުން ތިއްބެވި ކަމަށެވެ. އަދި ސަރުކާރުގެ މިނިސްޓަރުންނާއި ކުޑަކުދީންނާއި ބައެއް އާއިލާތައް ތިބި ކަމަށެވެ. ހަމަނުޖެހުން ހިންގި ނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރެއިން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހަރަކާތް ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް އާއި އިބްރާހިމް ރައްޒާނާއި ޝެއިހު އާދަމް ނިޝާން އަދި ޝެއިހު ފަޒްލޫން މުހައްމަދު ހިމެނެއެވެ.
ޝެއިހް މުހައްމަދު ފަޒްލޫނާއި އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓައިފަ އެވެ. ދަނޑުގައި ޔޯގާ ހަމަނުޖެހުން ހިންގީ، އެ ހަރަކާތް ހުއްޓުވަން ސޯޝަލް މީޑިއާގައި އަޑު އުފުލުމަށް ފަހު ކަން ފާހަގަކޮށްލެވެއެވެ.
ޔޯގާޑޭ ފާހަގަ ކުރުމުގެ ހަރަކާތް ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ވަގުތު އެތަނުގެ ތެރެއަށް އާއްމުންގެ ތެރެއިން ބަޔަކު މީހުން ވަނީ އެހަރަކާތް ހުއްޓުވައި ހަމަނުޖެހުން އުފައްދާފައެވެ. އަދި އެ ހަމަ ނުޖެހުމުގައި ޔޯގާޑޭ ފާހަގަ ކުރުމަށް އެއްވެ ތިބި މީހުންނަށް އެކި ވަރުގެ އަނިޔާލިބިފައިވެއެވެ.

