ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 9:30 އަށް ޔާވަލް ކުރި އަޑުއެހުން ކެންސަލް ކުރީ ރައީސް ޔާމީންގެ ވަކީޅުން ހައިކޯޓުގައި ތާވަލް ކޮށްފައިވާ އެހެން އަޑުއެހުމަކަށް ދާން ޖެހޭތީ އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދުމުން ކަމަށެވެ.
ވ އާރަށު މައްސަލައިގައި ރައީސް ޔާމިންއާއި ޔޫސުފް ނައީމްގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ، އެ ރަށް ކުއްޔަށް ދިނުމަށް އެއް މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތަށް ގަބޫލު ކުރުމާއި، އެ ފައިސާތައް ލޯންޑަރ ކުރެއްވި ކަމުގެ ތުހުމަތެވެ.
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ވަނީ ދައުލަތުން ހުށަހަޅާފައުވާ ހެކިވެރިއެއްގެ ހެކިބަސް ނަގާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހާޒިރުކުރީ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރުމަށްފަހު އެއާ ބެހޭގޮތުން ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާ އެވެ. އޭނާ ބުނިގޮތުގައި ޒިޔަތުގެ ލެޕްޓޮޕުން ވައިބާ މެދުވެރިކޮށް 2015 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ތިން މީހަކާ ކޮށްފައިވާ މުއާމަލާތްތައް އެނަލައިޒް ކޮށްފައިވާނެ ކަމަށެވެ.
ދައުލަތުން އުފުލާފައިވާ ދެ ދައުވާއަށްވެސް ރައީސް ޔާމީންވަނީ ކޯޓުގައި އިންކާރުކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އިތުރަށް މި މައްސަލާގައި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ހުށަހަޅާފައިވާ ޔޫސުފު ނައީމުވެސްވަނީ އެ ދައުވާއަށް އިންކާރުކުރައްވާފައެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ދިފާއީ ހެކީގެ ގޮތުގައި 7 މީހަކާއި 11 ލިޔުމެއް ހުށަހަޅުއްވާފައިވެއެވެ. މި މައްސަލާގައި ދައުވާ ލިބޭ ޔޫސުފް ނައީމުގެ ފަރާތްޕުޅުން ތިން މީހުންނާއި 10 ލިޔުމެއް ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅުއްވިއެވެ.

