ކުރަން އުޅޭކަން ނޫން އެހެން ކަމެއް، ކުރާކަން ދެއްކައިގެން ވެރިކަން ހޯދަން މަސައްކަތްކުރުމަކީ ސިޔާސީ މަކަރުވެރިކަން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑެޓަކަށް، އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ކަމުދާކަމަށް ދޭހަވާ މޭރުކަމުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައި އެ މަނިކުފާނު ޓެގްކޮށް، ކުރެއްވި ޓްވީޓެއްގައި އަލްހާން ވިދާޅުވީ، އެނާއަށް މައުލޫމާތު ލިބިފައިވާގޮތުން، ރައީސް ނަޝީދު، އެމްޑީޕީގެ ރިޔާސީ ކެންޑިޑެސީ، މިނިސްޓަރ އަބްދުﷲ ޝާހިދަށް ދޭން ނިންމެވީ، އެ މަނިކުފާނު ބޭނުންވެލައްވާ ގޮތަށް، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެއްބަސްވެވަޑައިނުގަތުމުންކަމަށެވެ. އަދި މިނިސްޓަރ ޝާހިދަށް ރިޔާސީ ޓިކެޓް ދެއްވަން ނިންމެވީ، ރައީސް ނަޝީދު ބޭނުންވެލައްވާ ގޮތަށް މިނިސްޓަރ ޝާހިދު އެއްބަސްވެވަޑައިގެންފައިވާތީކަމަށް ފާހަގަކުރައްވާ އަލްހާން ވިދާޅުވީ، ކުރަން އުޅޭކަން ނޫން އެހެން ކަމެއް ކުރާކަން ދައްކައިގެން ވެރިކަން ހޯދަން މަސައްކަތްކުރުމަކީ ސިޔާސީ މަކަރުވެރިކަންކަމަށެވެ.
ވެރިކަން ހޯދަން މަސައްކަތްކުރުމުގެ މަގުސަދު އޮޅުވާލައިގެން އެ މަގާމު ހޯދުމަށް މަސައްކަތްކުރުމަކީ ސިޔާސީ މަކަރުވެރިކަން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވީއިރު، 2018 ވަނަ އަހަރު އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގުރެސްއިން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށް ރިޔާސީ ޓިކެޓް ދިން އިރު ވެފައިވާ އެއްބަސްވުމާއި ރައީސް ސާލިޙް ހިލާފް ވެވަޑައިގެންފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދުވަނީ ދާދި ފަހުން ވިދާޅުވެފައިއެވެ.
ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިން އިރު، ވެވަޑައިގެންފައިވާ އެއްބަސްވުމާއި ރައީސް ސާލިޙް ހިލާފުވެފައިވާކަމަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ”އާސްކް ސްޕީކަރ“ ޕްރޮގްރާމްގައި ރައީސް ނަޝީދާއި ކުރެވުން ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އުކުޅަހުގައި ބޭއްވި ކޮންގުރެސްގައި ވަކިކަހަލަ އެއްބަސްވުންތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވެފައި ވަނީ ކޮން ކަންތަކަކަށް ކަމެއް އެ މަނިކުފާނު ހާމައެއް ނުކުރައްވައެވެ. ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިޙް ކަން ކުރެއްވީ އުކުޅަހުގައި ބޭއްވި ކޮންގުރެސްގައި އެއްބަސްވި ގޮތަށް ނޫން ކަމަށްވީނަމަވެސް، އެމަނިކުފާންގެ ހިތްޕުޅުގައި ރައީސް ސާލިހުއަށް އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށާއި، އެއްބަސް ވެވަޑައިގެންނެވި ގޮތަށް ރައީސް ސާލިޙް އަމަލު ކުރެއްވި ނަމަ ވަރަށް އުފާފުޅު ވީސް ކަމަށްވެސް ރައީސް ނަޝީދުވަނީ ފާހަގަކުރައްވާފައިއެވެ.
މީގެ އިތުރުން ”އާސްކް ސްޕީކާރ“ ޕްރޮގްރާމްގައި ރައީސް ނަޝީދުވަނީ ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓުދެއްވައިފިނަމަ، ޕާޓީއަށް ގެއްލުންވާނެކަމަށްވެސް ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ހިތް ބުރަކަމެއް ނެތްކަމަށް ވިދާޅުވި ނަމަވެސް، ރައީސް ސާލިހު ނަންގަވާ ގިނަ ފިޔަވަޅުތަކަށް އެ މަނިކުފާނުގެ ފާޑުކިޔުންތައް އަމާޒު ކުރައްވާކަންވެސް ފާހަގަކޮށްލެވެއެވެ.

