އަންނަ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އުފައްދާ ގޮފިތަކުގެ ރައީސުންނަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
އަންނަ އޯގަސްޓް މަހުގެ 19 ގައި ބޭއްވުމަށް ހަމަޖެހިފަައިވާ އެމްޑީޕީގެ ކޮންގްރެސްއާއި ބައިވެރިވާ ރައީސުން ކަނޑައެޅުމަށް ގޮފި އުފެއްދުމާއި މިހާރު ހުރި ގޮފިތައް އިސްލާހު ކުރުމަށް ދީފައިވާ މުއްދަތު މި މަހުގެ 15 ވަނަ ދުވަހަށް ހަމަވާއިރު، މި މުއްދަތުގެ ތެރެއަށް ރަސްމީ ބަންދު ދުވަސްތަކެއް ވަންނާތީ މި ބަންދު ދުވަސްތަކުގައި ހުށައަޅާ ގޮފި ފޯމްތަކުގެ ޕީޑީއެފް އަދި ގޮފި ލިސްޓްތައް އެކްސެލް ފޯމެޓުގައި registrar@mdp.org.mv އަށް ހުށައެޅޭނެ ކަމަށް އެމްޑީޕީ އިން ވަނީ އެދިފަ އެވެ.
ޕާޓީއަށް އީމެއިލް ކޮށްގެން ހުށައަޅާ ގޮފިފޯމް ތަކުގެ އަސްލު މިމަހުގެ 17 އަދި 18 ވަނަ ދުވަހުގެ މެންދުރު 1.30 ގެ ކުރިން ޕާޓީ އޮފީހަށް ހުށައެޅުމަށް ވަނީ އަންގާފައެވެ.
އަންނަ މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ޤާނޫނު އަސާސީ އަށް އިސްލާހު ގެންނަން ފެންނަ އިސްލާހުތައް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. އެ އިސްލާހަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ހުށައަޅާ އިސްލާހެވެ.
ގާނޫނު އަސާސީ އަށް ރައީސް ނަޝީދު ގެންނަންނ ބޭނުންވާ ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ އަދަދު އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހު ތައް ކޮންގްރެސް އިން ފާސްކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމާއި ގާނޫނު އަސާސިގައި ހިމަނާނެ ލާމަރުކަޒީ ނިޒާމްގެ އިތުރު ތަފްސީލާއި އުސޫލު ތައް ކަނޑައެޅުމާއި ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުން ހިމެނެއެވެ.
މީގެ އިތުރުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަގާ ނިޒާމީ ވޯޓް ނަގާނެ ތާރީހެއް ކަނޑައަޅައި އެ ވޯޓްގެ ނަތީޖާއާ އެއްގޮތަށް ގާނޫނު އަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސް އިން އެއްބަސްވުން ރައީސް ނަޝީދުގެ ހުށައެޅުއްވުން ތަކުގައި ހިމެނެއެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ލިބޭ މީހަކު ނުވަތަ 30 އިންސައްތަ ވޯޓް ކާމިޔާބު ކުރާ މީހަކު ވެރިކަމަށް ހޮވޭ އިސްލާހަކީ އެމްޑީޕީގެ ފަރާތުން މީގެ ކުރިން ބޭއްވުނު ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ވަނީ ހިޔާލު ހުށައަޅުއްވާފައެވެ. ނަމަވެސް އެމްޑީޕީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެފައިވާ ގޮތުން އެކަމަކީ އެމަނިކުފާނު އެހާ ތާއީދު ކުރައްވާ ކަމެއް ނޫންކަމަށާއި އެމަނިކުފާނު ތާއީދު ކުރައްވަނީ މިހާރުވެސް ގާނޫނު އަސާސީގައި އޮންނަ ގޮތަށް 51 އިންސައްތަ ވޯޓް ލިބޭ މީހަކު ވެރިކަމަށް އައުން ކަމަށެވެ.

