ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްރު ހެކިންނަށް ހިމާޔަތް ނުދެވި، ހެކިން ހާޒިރު ނުކުރެވުން އާއްމުކަމަކަށް!

މަރުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްގެން ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ކުރިއަށްދާ މަރުތަކާއި ބެހޭ ބޮޑެތި މައްސަލަތައް ހެކި ނެގުމާއި ބެހޭ މަރުހަލާއާއި ހަމައިން ތާށިވެ، އެ މައްސަލަތައް ފަސްވުން އާއްމުކަމަކަށް ވަނީ ވެފަ އެވެ. ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ކޯޓުގައި ކުރިޔަށް ދިޔައިރު ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި އެވެ. ނަމަވެސް އެ ދުވަސްވަރު، ހެކިވެރިންނާއި އެ މީހުންގެ އާއިލާއަށް ކެނޑިނޭޅި ލިބެމުން ދިޔަ އިންޒާރުތަކާއި، އަދި ހަމަލާތަކުގެ ސަބަބުން އެންމެ ފަހުން ހެކި ބަސް ދޭން ދެކޮޅު ހެދި އެވެ.

ހެކިވެރިންނަށް ހަމަލާ ދިން އިންޒާރު ދިން މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ފަރާތުން ފުލުހަށް ހުށަހެޅި ނަމަވެސް އެއްވެސް ތަހުގީގެއް ކުރިޔަށް ދާކަން އެނގިފައި ނެތެވެ.

އޭގެ އިތުރުން ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހުގައި މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ހުށަހެޅި ހެކިންނަށް ނުރައްކާ އޮތުމުން ދައުލަތުން އެކަން ކޯޓުގައި ފާހަގަ ކުރިއެވެ. ދައުލަތުން ބުނީ 2021، ޖެނުއަރީ 31 ވަނަ ދުވަހުގެ ރޭ ސިލްސިލާކޮށް މާލޭގައި ހިންގި މާރާމާރީތަކަކީ ނަދީމްގެ މަރުގެ މަސައްލައިގައި ދިން ހެކިބަހާ ގުޅުންހުރި މާރާމާރީތަކެއްކަން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ހާމަވާކަމަށެވެ.

ޖުލައި 31، 2017 ގައި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހެޅި 9 ސިއްރު ހެކިން ހާޒިރު ކުރުމަށް ދެވުނު ގިނަ ފުރުސަތުތަކަށްފަހު ވެސް ހެކިން ހާޒިރު ކުރެވިފައި ނުވާތީ، އެ ހެކިންގެ ހެކިބަސް އިތުރަށް ނުނެގުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ. އަދި ގދ. ފަރެސްމާތޮޑާ، އާގިލް އަށް ތޫނު އެއްޗެހިން ހަމަލާދީ އޮގަސްޓް 31، 2018 ގައި، މަރާލި މައްސަލައިގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިން ހާޒިރު ކުރުމުގައި ވެސް ދަތިތަކައި ކުރިމަތިލާން ޖެހުނެވެ. މިފަދަ އެތައް މައްސަލައެއް ފާހަގަ ކުރެވިދާނެ އެވެ. ނަމަވެސް އޭގެ ސަބަބު ދެނެގަންނަން ކުރެވުނު މަސައްކަތެއް ފެންނާން ނެތެވެ.

ބޮޑެތި މައްސަލަތަކުގެ ތުހުމަތު ކުރެވޭ ކުށްވެރިން މުޖްތަމައުގެ ތެރެއަށް ދޫވެގެން ދިޔަ އެންމެ ބޮޑު ސަބަބަކީ، ދައުލަތަށް ހެކިވެރިންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ނުދެވުމުގެ ސަބަބުންނެވެ. ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ބަސް ނެގި ނަމަވެސް، އެ ހެއްކަކަށް ނުފޫޒު ފޯރުވައި އެ ބަދަލު ކުރުވާ ފަހަރުތައް ދިމާވެ އެވެ. މާރާމާރީތަކާއި، މަރުތަކާއި ގުޅުން ހުރި މައްސަލަތަކުގައި ސިއްރު ހެކި ނަގަން ފެށީ އެ މީހުންނަށް ގާނޫނީ ހިމާޔަތް ދިނުމަށް ނަމަވެސް ހެކީންގެ މައުލޫމާތު ކޮންމެވެސް ގޮތަކުން ލީކުވެ އާއްމުވެ އެވެ.

ސިއްރު ހެކިވެރިޔާ ހެކި ބަސް ދެނީ ކާކުކަން ނޭނގޭ ގޮތަށް އެ މީހާގެ އަޑުބަދަލުކޮށްގެންނެވެ. އަދި އެ މީހަކާއި ބެހޭ އެއްވެސް މައުލޫމާތެއް ޝަރީއަތުގެ ތެރޭގައި އާއްމު ނުކުރެ އެވެ. މި މައުލޫމާތު އެނގޭނީ ހަމައެކަނި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށާއި، އެ މައްސަލަ ބައްލަވާ ގާޒީ އަދި ފުލުހުންނަށެވެ.

ކޯޓުގައި އެ މީހާ ހެކިބަސް ދޭއިރު ޒާތީ ސުވާލެއް ކުރުން، ނުވަތަ އެ މީހަކީ ކާކުކަން ދެނެގަނެވޭ ގޮތަށް ސުވާލު ކުރުން މަނާވާނެ އެވެ. ޒާތީ މައުލޫމާތު ހިމެނޭ ލިޔުންތަކަކީ ހަމައެކަނި މައްސަލަ ބައްދަލަވާ ގާޒީ، އަދި ދައުލަތުގެ ވަކީލުންގެ އަތުގައި ހުންނަ ލިޔުންތަކަށްވާއިރު ކޮންމެވެސް އެއް މުވައްސަސާއެއްގެ ތެރެއިން މައުލޫމާތުތައް ލީކުވުމަކީ އެއީ ބޮޑެތި އެތައް މައްސަލައެއްގައި ހެކިބަސް ދޭން އާއްމުން ދެކޮޅު ހަދާ އެއް ސަބަބެވެ.

ހެކިބަސް ދޭން ބޭނުން ނުވާކަމަށް ހެކިވެރިޔާ އަންގާ ހިސާބުން، އެކަން އިތުރަށް ބެލުމަށް މާބޮޑު މަސައްކަތެއް ނުކުރެވެ އެވެ. ހާއްސަކޮށް އޭނާއަށް އަނިޔާއެއް ދޭން މަސައްކަތް ކުރިކަމަށް، ނުވަތަ އާއިލާގެ މީހަކަށް ދިން ގެއްލުމެއްގެ ވާހަކައެއް ހިމަނާފައި އޮތަސް އެގޮތަށް ކަން ހިނގަން މެދުވެރިވީ ގޮތް ނުހޯދެ އެވެ. މައްސަލަ ނިމިގެން ދާނީ، ދައުވާ ލިބުނު މީހުން ދޫވެގެންނެވެ. މީޑިއާތަކުން އެ ހަބަރެއް ކަވަރު ކުރާ ހިސާބުން، އާއްމުން ކެކި އަރަ އެވެ. ގިނަ ފަހަރަށް ދައުލަތުގެ ބޮޑެތި އިހުމާލާއި ގޯސްތަކާއި، ހެއްކާއި މެދު އަމަލު ކުރި ގޮތުގެ ސަބަބުން މީޑިއާ ރިޕޯޓުތައް އާދެ އެވެ.

ހެކިވެރިއާ އަކީ ކާކުކަން ނޭނގޭ ގޮތަށް ޝަރީއަތުގެ މަޖިލީހާއި، ވަކިން އެހެން ތަނެއްގައި ބައިންދައިގެން އެންމެ ފުރަތަމަ ހެކި ބަސް ނެގީ 2011 ގަ އެވެ. މިގޮތަށް އަމަލު ކުރަން ފެށި ސަބަބަކީ ހެކިންނަކީ ކޮބައިކަން، ދައުވާ ލިބޭ މީހުންނަށް އެނގި އެކަމުގެ ނުފޫޒުތަކެއް އަންނާތީ އެވެ. އަދި ހެކި ބަސް ބަދަލުކޮށް ސިޓީތައް ފޮނުވުން، އާއްމުކަމަކަށް ވުމުގެ ސަބަބުން ޖިނާއީ މައްސަލަތައް ސާބިތުނުވުން އޮތީ ކަންބޮޑުވާ ދަރަޖައެއްގަ އެވެ.

އެއަށްފަހު ނާއީ މައްސަލައެއްގެ ބާވަތާއި ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހު، ހެކިބަސް ދެނީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނެގިދާނެކަމަށް 2013 ގައި ހައިކޯޓުން ނިންމި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ހެކިބަސް ނަގަންވާނީ ޝަރީޢަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް މި ޤާނޫނުގެ 147 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، އަދި އެ ޤާނޫނުގައި ހެކިބަސް ދޭ މީހުން ޙިމާޔަތްކޮށް، ރައްކާތެރިކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

ޖިނާއި މައްސަލަތަކުގައި ހުށަހަޅާފައިވާ ހެއްކެއްގެ ފުރާނައަށް ނުވަތަ މުދަލާއި އާއިލާއަށް ގެއްލުމެއް ދީފާނެކަމުގެ އިންޒާރު ލިބިފައިވާނަމަ ނުވަތަ އެފަދަ ނުރައްކަލެއް މެދުވެރިވެދާނެކަމަށް ގަބޫލު ކުރެވޭ ހާލަތެއް އޮތްނަމަ އެ މީހަކަށް ރައްކާތެރިކަން ދޭން ޖެހޭނެ އެވެ. ޝަރީއަތުން ސުވާލެއް ކުރުމުން، އެ ސުވާލެއް ފަހުމު ނުވާކަމަށް ނުވަތަ އެ މީހުންނާއި ކުރެވުނު ސުވާލުތަކަށް ދޭ ޖަވާބު އެކަށީގެން ނުވާކަމަށް ކޯޓަށް ފެންނަ މީހުން ފިޔަވައި އެހެން ކޮންމެ މީހަކަށް މައްސަލަތަކުގައި ހެކި ބަސް ދެވޭނެ އެވެ.

ހެކިބަސް ނެގުމަށް އެދޭ ފަރާތަކުން މި ޤާނޫނުގެ 119 ވަނަ މާއްދާގައިވާ ގޮތުގެމަތިން މައްސަލައިގެ ޝަރީޢަތް ފެށުމުގެ ކުރިން އެކަމަށް އެދެންވާނެއެވެ. އެއީ ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތަކެވެ. މާނައަކީ ސިއްރު ހެކި ބަސް ނެގޭނީ އެކަމަށް އޮންނަ އުސޫލުގެ ދަށުންނެވެ.

ހެއްކާއި ބެހޭ ގާނޫނު ބުނާގޮތުގައި ކަމެއްގެ ހަގީގަތާއި ގުޅޭގޮތުން ހެކިވެރިއަކު ޝަރީއަތުގެ މަޖިލީހަކަށް ދިނުން އެ މަޖިލިސް ހުއްދަ ކުރާ ނުވަތަ ހެކިވެރިއެއްގެ ކިބައިން ޝަރީއަތުގެ މަޖިލީހަށް ބޭނުން ކުރާ ކޮންމެ ބަޔާނަކީ ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ބަޔާނަކީ ޝަފަހީ ހެއްކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: