ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިޙް ސަރުކާރުން ހިންގި ބޮޑު ޖަރީމާ: ލަންކާ ރައްޔިތުންނަށްވި ބޮޑު ހިޔާނާތް

ސްރީލަންކާގެ ރައީސް ގޯޓަބަޔާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާއިން ފިއްލަވައިގެން، ރައީސް ސާލިހުގެ ސަރުކާރުގެ އެހީގައި ދިވެހިރާއްޖެ ވަޑައިގެންނެވި، އެ ގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، ރާއްޖެ ފަސްގަނޑުގައި ހުރުމާއި ގުޅިގެން ބޮޑެތި މައްސަލަތައް އުފެދި، އެނާ ރާއްޖެ ދޫކޮށް އެހެން ގައުމަކަށް ވަޑައިގެންނެވި އިރުވެސް ދިވެހި ސަރުކާރުންވަނީ އެކަމަށް ޖަވާބުދާރީ ވުމުގެ ބަދަލުގައި ހަނުހުރެފައިއެވެ.

ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު ނުވަތަ ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވި އެއްވެސް ސަރުކާރަކުން ބޭރު ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ވަދެ ސިޔާސީ ލީޑަރަކަށް ނުވަތަ ލީޑަރުންތަކަކަށް ހިމާޔަތްދީ ފިލައިގެން އުޅުމުގެ މަގު ތަނަސް ކޮށްދިން ކަމަށް ތާރީހުން ފެންނާކަށް ނެޔެވެ. ވަކިން ހާއްސަކޮށް އިންސާފަށް ފިލައިގެން ދިއުމުގައި ދިވެހިރާއްޖޭގެ ސަރުކާރުން އެއްވެސް ގައުމެއްގެ ވެރިއަކަށް އެހީތަކެއް ވެފައެއް ނުވެއެެވެ. ބޭރު ގައުމުތަކުގެ ދާހީލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ބަދަލުގައި މީގެކުރިން މުޅިން ވެސް ރާއްޖެއިން ގެންގުޅެފައިވާ ސިޔާސަތަކީ މެދުމިނުގެ ސިޔާސަތެކެވެ. އެހެން ގައުމުގެ ދާހީލީ ކަންކަމުގައި ބަސް ބުނާއިރު ރާއްޖެއިން ގެންގުޅުނު ސިޔާސަތަކީ އެ ގައުމެއްގެ ރައްޔިތުންގެ އިހުސާސްތަކާއި ނުކުޅެ ބަސް ބުނުމުގެ ސިޔާސަތެކެވެ. ނަމަވެސް ސާލިހުގެ ސަރުކާރުން މިވަނީ ދިވެހިރާއްޖެއިން ގެންގުޅެމުން އައި މިނިވަން ހާރިޖީ ސިޔާސަތު ފުނޑާލާފައެވެ.  މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން، ދިވެހި ސަރުކާރުގެ މި އަމަލާއި ގުޅިގެން އަލަށް އެކުލަވާލެވިގެންދާނެ، ސްރީލަންކާގެ ސަރުކާރާއި، މިހާރުގެ ދިވެހި ސަރުކާރާއި ދޭތެރޭގައި ގާތް ގުޅުމެއް ބޭއްވުން ވެގެންދާނީ ދަތިކަމަކަށެވެ.

ސްރީލަންކާގެ އިގްތިސޯދު، މާލިއްޔާތު އަދި އިޖްތިމާއީ މިންގަނޑުތަކަށް ބޮޑެތި ގޮނޖެހުންތަކެއް ކުރިމަތިވެ، އެކަމުގެ ނޭދެވޭ އަސަރުތައް އެ ގައުމުގެ ރައްޔިތުނަށްކޮށް، ތަހައްމަލު ކުރަން ދަތިވުމާއި ގުޅިގެން، އެ ގައުމުގެ ރައްޔިތުންވަނީ، ރައީސް ގޯޓަބަޔާ ރާޖަޕަކްސާ އަދި ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާތައް ދަނީ ކުރަމުންނެވެ. މި މުޒާހަރާތަކުގައި ސްރީލަންކާގެ ރައްޔިތުން ގޮވާލަމުންދިޔައީ، އެ ގައުމުގެ ރައީސް ގޯތަބަޔާގެ އާއިލީ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.

ސްރީލަންކާގައި ހިންގަމުންދާ ހަމަނުޖެހުންތައް: ފޮޓޯ/ ސޯޝަލް މީޑިއާ

ރައްޔިތުންގެ ގޮވާލުމަށް އިޖާބަދިނުމުގެ ބަދަލުގައި، ގައުމުގެ ހާލަތު ހަމައަކަށް އަޅުވާނެކަމަށް ވިދާޅުވި ރައީސް ގޯޓަބަޔާއަށްވަނީ އެކަމުގައި ނާކާމިޔާބީއާއި ކުރިމަތިލާންޖެހިފައިއެވެ. އަދި ރައްޔިތުން ވަނީ ގައުމު ބަނގުރޫޓުވުމިކަން އިއުލާން ކުުރުމާއިއެކު ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން ގޮސް އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެގަނެ އެތަން އެމީހުންގެ ބާރުގެދަށަށް ގެނެސްފައިއެވެ.

ސްރީލަންކާ ރައްޔިތުން އެ ގައުމުގެ ރިޔާސީ ގަނޑުވަރުގައި: ފޮޓޯ/ އިންޑީއާޓުޑޭ

ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތި ބަނޑަށް ޖެހިދާނެ ކަމުގެ ބިރުހީވެފައިވާ ރައްޔިތުންތަކެއްގެ އަތް ދަށުވެދާނަކަމުގެ ބިރު ހީވުމާއި، އަލަށް އެކުލަވާލެވޭ ސަރުކާރުން އެނާގެ މައްޗަށް ކުށްތަކެއްގެ ތުހުމަތުކޮށް، ހައްޔަރު ކޮށްފާނެކަމުގެ ބިރު ހީވުމުން، ރައީސް ގޯޓަބަޔާވަނީ، ގައުމު ދޫކުރައްވާ ވަޑައިގަންނަވަން ނިންމާފައިއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން، އެނާ އެންމެ ފުރަތަމަ ވަޑައިގަތުމަށް ގަސްތު ކުރެއްވީ އެމެރިކާއަށެވެ. އެހެން ނަމަވެސް، އެމެރީކާގެ ވިސާ ހަމަޖެހިފައިނުވުމުން އެނާވަނީ، އެ ގައުމުން ސިންގަޕޫރަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާފައެވެ.

ރައީސް ގޯޓަބަޔާ ރާޖަޕަކްސާވަނީ ގައުމު ދޫކުރައްވާ ފުރާވަޑައިގަތުމަށް، އެގައުމުގެ މައި ވައިގެ ބަނދަރު، ބަންޑާރަނަޔަކެ އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް ވަޑައިގެންފައިއެވެ. އެހެން ނަމަވެސް، އެތަނުގައި ހާޒިރުވެ ތިބި މުއައްޒިފުން، އެނާއަށް ހިދުމަތް ނުދިނުމުގެ ސަބަބުންނާއި، ރައްޔިތުންގެ އަތް ދަށުވެދާނެކަމަށް އާންމުން ފްލައިޓަށް އެރުމަށް ބޭނުން ކުރާ މަގުގެ ބޭނުން ކުރުމަށް ފަސްޖެހުމުގެ ސަބަބުން އެނާއަށްވަނީ އެކަން ކާމިޔާބުވާގޮތް ނުވެފައިއެވެ.

ލަންކާގެ މައި ވައިގެ ބަނދަރުގެ ބޭނުންކޮށް، ބޭރަށް ފުރާ ވަޑައިގަތުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން، ރައީސް ގޯޓަބަޔާ ދެން މަސައްކަތްކުރެއްވީ، އަސްކަރީ އުޅަނދެއްގެ ބޭނުންކޮށް، ސިންގަޕޫރަށް ވަޑައިގަތުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް، އަސްކަރީ އުޅަނދަކަށް ސިންގަޕޫރުން ކްލިއަރެންސް ދީފައިނުވުމުން، އެނާ ވަނީ ދިވެހި ސަރުކާރާއިއެކު، ގޮތް ނޭގޭ އެއްބަސްވުމެއް ގާއިމު ކުރުމަށް ފަހު އަސްކަރީ އުޅަނދެއްގައި ރާއްޖެ ވަޑައިގެންފައިއެވެ. އެކަން ކުރެއްވީ ލަންކާގެ ރައީސްގެ ހައިސިއްޔަތުން އޭނާއަށް ލިބޭ ގާނޫނީ ބާރުތަކުގެ ދަށުންނެވެ.

ރައީސް ގޯޓަބަޔާ ރާޖަޕަކްސާ: ފޮޓޯ/ ސޯޝަލް މީޑިއާ

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހިމާޔަތުގެ ދަށުން، ރައީސް ގޯޓަބަޔާ ލަންކާއިން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ހަބަރުތައް ފެތުރުމުން އެކަމަށް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން އެނާއަށް މަރުހަބާ ކިޔުމުގެ މަގުސަދުގައި، ރައީސް ނަޝީދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންކަމުގެ ހަބަރުތައް ފެތުރުމުން، ލަންކާ ރައްޔިތުންވެސް ވަނީ އެ މަނިކުފާނަށް ފާޑުކިޔާފައިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް

ރައީސް ނަޝީދު، ސްރީލަންކާގެ ރައީސް ގޯޓަބަޔާއަށް މަރުހަބާކިޔުމަށް، ވެލާނާ އެއަރޕޯޓަށް ވަޑައިގަތްނަމަވެސް، ޑިޕްލޮމެސީގެ ދަށުން އެހެން ގައުމެއްގެ ރައީސެއް ކުއްލި ގޮތަކަށް ރާއްޖެ އައުމަށް މަޝްވަރާތަކެއް ކުރެވިގެންދާނީ މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދަށުން އޮންނަ ފޮރިން މިނިސްޓްރީއާއިއެވެ. އަދި އެހެން ގައުމެއްގެ ރައީސެއް ނަމަވެސް، އަސްކަރީ އުޅަނދެއްގައި އަންނަނަމަ، މިނިސްޓަރ މާރިޔާ ދީދީގެ ބެލުމުގެ ދަށުގައި އޮންނަ، ޑިފެންސް މިނިސްޓްރީއިންވެސް ހުއްދަތަކެއް ހޯދަންޖެހެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން، ސްރީލަންކާއި ރައީސް ނަޝީދަށް ހިމާޔަތް ދިން ހާލަތާއި، ރައީސް ގޯޓަބަޔާއަށް ރާއްޖެއިން ހިމާޔަތް ދިނުމާއި ހާސްބައި ތަފާތެވެ. ސަބަބެއް ކަމަށް ބުނަނީ، ރައީސް ނަޝީދަކީ އޭރު ދިވެހި ރައްޔިތުންގެ ލޮތްބާއި އިހުތިރާމް ލިބިފައިވާ ފަރާތަކަށްވުމުންނެވެ. އެހެން ނަމަވެސް، ރައީސް ގޯޓަބަޔާއަކީ، ރައްޔިތުން ނުކުމެ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ފަރާތަކަށް ވުމުން ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ރައީސް ގޯޓަބަޔާ ރާއްޖެ ވަޑައިގެންނެވި ހަބަރުތައް ފެތުރުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުންތަކެއްވަނީ ، މާލެ ސިޓީގައި ސުލްހަވެރި އިހުތިޖާޖެއްކޮށްފައިއެވެ. މި އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ، އެކަމަށް ހުއްދަ ދީފައިވާ ސަރަހައްދެއް ކަމަށްވާ، އަލިމަސް ކާނިވާ ސަރަހައްދުގައި ނަމަވެސް ފުލުހުންގެ މުއައްސަސާއިންވަނީ އެކަމަށް ހުރަސް އަޅައި، އެ މުޒާހަރާ ރޫޅާލައިފިއެވެ.

ގޯޓަބަޔާއާއި ދެކޮޅަށް މާލޭގައި ލަންކާ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން: ފޮޓޯ ދިޔަރެސް

ސްރީލަންކާގެ ރައްޔިތުންތަކެއް ދިވެހިރާއްޖޭގެ ވެރިރަށް މާލެ ސިޓީގައި، އެ ގައުމުގެ ރައީސް ގޯޓަބަޔާއާއި ދެކޮޅަށް ހިންގި މުޒާހަރާ ހުއްޓުވުމަށް ހަރަކާތްތެރިވި ފުލުހުންވަނީ، އެ ފަރާތްތަކުން ހިފައިގެންތިބި ގައުމީ ދިދަ ފަދަ ތަކެތިވެސް އަތުލާފައިއެވެ. އަދި ފުލުހުންގެ ބަހަށް ކިޔަމަން ނުވާކަމަށް ބުނެ، ފުލުންވަނީ މުޒާހަރާގެ ބައިވެރިއެއް އެ މުއައްސާސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ. އެހެން ނަމަވެސް މިހާރު އެނާ ވަނީ ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލާފައިއެވެ.

މީޑިއާ ތަކުން ރިޕޯޓު ކުރާގޮތުން، ރައީސް ގޯޓަބަޔާވަނީ ރާއްޖެއިން ސިންގަޕޯ އެއާލައިންގައި  ސިންގަޕޫރަަށްވެސް ދިއުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ރައްޔިތުންގެ ތެރެއަށް ނުކުތުމަށް ފަސްޖެހި އެނާ ވަނީ، ދިވެހި ސަރުކާރުގެ އެހީގައި ޕްރައިވެޓު ޖެޓެއް ހޯދުމަށް މަސައްކަތް ކޮށްފައިކަަމަށްވެސް ހަބަރުތައް ފެތުރިގެންދިޔައެވެ.

ރައީސް ގޯޓަބަޔާ، ޕްރައިވެޓު ޖެޓެއްގައި، ދިވެހި ރާއްޖެ ދޫކޮށް، ސިންގަޕޫރަށް ވަޑައިގެންފާނެ ކަމަށް ހަބަރުތައް ފެތުރިގެންދިޔަ ނަމަވެސް، އެނާ ރާއްޖެ ދުކުރައްވާ ފުރާ ވަޑައިގަތީ، ސައުދީ އެއަރލައިންސްގައިއެވެ. އެނާ މިވަގުތު މިސްރާބު ޖަހާފައިވަނީ، ސިންގަޕޫރަށް ނަމަވެސް، އެނާގެ ފަހު މަންޒިލަކީ، ކޮބައިކަމެއް އަދި ސާފުވެފައިނުވެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން އެނާ ވަޑައިގަންނަވާނީ ޑުބާއީ އަށެވެ. އެއީ އާއިލީ ގިނަ އެސެޓުތަކެއް އެގައުމުގައި ހުރުމުންނެވެ.

ރައީސް ގޯޓަބަޔާ ފިއްލަވައިގެން، ރާއްޖެ ވަޑައިގަތުމާއި ގުޅިގެން ދިވެހި ސަރުކާރުން ވަކި އެއްޗެއް ބުނެފައިނުވާނަމަވެސް، މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން، ޖުލައި މަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިވާ ރައީސް ގޯޓަބަޔާ، އިސްތިއުފާ ނުދެއްވައިގެން އުޅޭ ސަބަބަކީ، ގައުމަކުން އެނާއަށް ރަސްމީ ގޮތުން ހިމާޔަތް ނުދީފި ހާލަތެއްގައި އަނބުރާ ލަންކާ ވަޑައިގެންނެވުމުގެ ވިސްނުން ގެންގުޅުއްވާތީއެވެ. އަދި އަނެއްބައި ފަރާތްތަކުން ބުނާގޮތުން، އެނާ މަޑު ކުރަމުންދާ ސަބަބަކީ، އެ މާގާމު ދޫކުރެއްވުމުގެ ކުރިން އެނާގެ މައްޗަށް ތަހުގީގެއް ހިންގައިގެން ނުވާނެ ކަމުގެ ޔަގީންކަން ހޯދުމަށެވެ.

ލަންކާގެ ހާލަތު ގޯހުން ގޯހަށް ދިޔަނަމަވެސް ސްރީލަންކާގެ ރައީސް ގޯޓަބަޔާ އެނާގެ އިސްތިއުފާގެ ވާހަކަ އަމިއްލަފުޅަށް ވިދާޅު ނުވާކަން ފާހަގަކުރެވެއެވެ. އެގޮތުން އެނާ އިސްތިއުފާދެއްވާނެކަމަށް ވިދާޅުވީ، އެ ގައުމުގެ މަޖިލީހުގެ ރައީސް މެދުވެރިކޮށެވެ. އަދި ގައުމުގެ ވަގުތީ ރައީސްކަމުގެ މަގާމް، ގައުމުގެ ބޮޑު ވަޒީރު ރަނިލްއާއި ހަވާލު ކޮށްފައިވަނީ، ގެޒެޓުގައި ޝާއިއުކޮށްގެންކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮންމެއަކަސް ސާލިޙްގެ ސަރުކާރުގެ އެހީތެރިކަމާއިއެކު ގޯޓަބަޔާ ރާއްޖެ ވަޑައިގެން އަރާމާ ލައްޒަތުގައި އުޅުއްވުމަށް ފަހު ސާލިހުގެ ސަރުކާރުގެ އެހީތެރި ކަމާއިއެކި ދިވެހި ފަސްގަނޑުން ފޭބިއިރު ވެސް ސާލިޙުގެ ސަރުކާރުގެ ކަހާތަން ހިރުވާލާނަމޭ ވެސް ހިތަކަށް ނާރައެވެ. އަވައްޓެރި ގައުމެއްގެ ރައްޔިތުންގެ އިހުސާސްތަކާއި ކުޅެލުމަށްފަހު އެ ގައުމުގެ ދާހިލީ މައްސަލަގަނޑުގެ ތެރެއަށް ވަދެ ދިވެހި ރައްޔިތުންނަށް ވަގަށް ސާލިޙް ސަރުކާރުން ހިންގި ބޮޑު ޖަރީމާއަށް ރައީސް ސާލިޙް ޖަވާބްދާރީ ނުކުރުވޭނެކަން ގަބޫލުފުޅު ކުރެއްވޭނެމަ ރައީސް ގޯޓަބަޔާއަށް މިއަދު ޖެހިފައިވާ ހާލު ރައީސް ސާލިޙްއަށް ޖެހިވަޑައިގަތުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 56%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 11%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކިތަންމެދިގުކޮށް ލިޔުނަސް މިއީ ލިޔުނުކުއްޖާގެ ހިޔާލީ ފޮލައެއް. ލަންކާގެރައީސަކީ ގޮރަޕާލާ. ޢެއްވެސް މުއައްސަސާ އަކުން ކޯޓަކުންވެސް ނުނިންމާ އެއީ ރަޢީސުނުންކަމަށް. ޔާމީނުއާ ގޮރަޕާލަ އަކީ ވަގެއްކަމަކަށް މިދެގައުމުގެ އެއްވެސް ކޯޓަކުން ނުނިންމާ. ދެންކޮންއެއްޗަކަށް ހިޔާނާތްތެރިވީ. ގޮރަޕާލާ ވެސް ދާހިލީހަގުރާމަ ނިންމާ ތަރައްގީގެ އެތައްޕުރޮޖެކުޓެއްހިންގި. ޔާމީނުވެސް ބުރިޖުއަޅާ ތަރއްގީގެ އެތައްޕުރޮޖެކުޓެއްހިންގި. ބަގުރޫޓުވީ އޭނަގެ ސަބަބުނެއްނޫން. އައީފިލައިގެނެއްނޫން. ރަސްމީ އިއްޒަތުގަ ސިފައިންގެ ހިމާޔަތުގަހުރެ އެގައުމުގެ މަތިނަދާބޯޓެއްގަ. މިގައުމަކުންވެސް ހިމާޔަތެއްނުދޭ. ގައުމެއްގެ ރައީސަކަށް ދޭންޖެހޭ ގަދަރުދިނީ. ސިންގަޕޫރުންވެސް ހަމަ އެހެން. ކާކަށްކޮންއެއްޗެއް ބުނެދޭންބާ ނޫސްވެރިން މިއުޅެނޫ. ހީނހީނ ހަލާކު.

  2. ލަންކާގެ ވައިގެ ސިފައިން އާންމުކުރި ބަޔާނެއްގައި ބުނީ، ގޮތަބަޔާގެ ދެކަނބަލުން، ސެކިއުރިޓީ ދެ އޮފިސަރަކާ އެކު ރާއްޖެއަށް ވަޑައިގެންފައި ވަނީ، އޭނާ އަށް ގާނޫނީގޮތުން ލިބޭ ހައްގުތަކުގެ މަތިން، ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދަ އާ އެކު، ލަންކާގެ އެއާޕޯޓުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: