ރައީސް ޖުމްހޫރިއްޔާގެ އޮފީހުގެ ހެޑް އޮފް ކޮމިއުނިކޭޝަންގެ މަޤާމުން އިބްރާހިމް ހޫދު އިސްތިއުފާ ދެއްވައިފިއެވެ. ހޫދު ގެންދެވީ ރައީސް އޮފީހުގް ދެ މަޤާމެއް އަދާކުރަމުންނެވެ. އެއީ ހެޑް އޮފް ކޮމިއުނިކޭޝަންގެ އިތުރުން ފޮރިން ރިލޭޝަންސްގެ ސެކެރެޓަރީގެ މަޤާމެވެ.
މިއަދު ރައީސް އޮފީހުގެ މީޑިއާ ގުރޫޕަށް ކުރެއްވި މެސެޖުގައި ހޫދު ވިދާޅުވީ މިއަދުން ފެށިގެން އޭނާ ހެޑް އޮފް ކޮމިއުނިކޭޝަންގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށާއި، އަދި ދެން އޭނާ މަސައްކަތްކުރައްވާނީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ޑިޕާޓުމެންޓުގެ މަސައްކަތްޕުޅުގައި ކަމަށެވެ.
އޭގެ އިތުރަށް ހޫދު ވިދާޅުވީ މިއަދުން ފެށިގެން ކޮމިއުނިކޭޝަންސް ޑިޕާޓުމެންޓު ހިންގެވުމުގައި ވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާނީ އަންޑަސެކްރެޓަރީގެ މަޤާމުގައި ހުންނެވި ހިސާން ކަމަށެވެ.
“ސަންގު“ އަށް މައުލޫމާތު ދެމުން ހޫދު ވިދާޅުވީ ހެޑް އޮފް ކޮމިއުނިކޭޝަންގެ މަޤާމުން އިސްތިއުފާ ދެއްވީ އެ މަޤާމަށް އެކަށީގެންވާވަރަށް މިވަގުތު ވަގުތު ދެވެން ނެތުމުން ކަމަށެވެ.
އަޅުގަނޑަށް އަސްލު މި ވަގުތު އެ މަޤާމަށް އެކށީގެން ވާވަރަށް ވަގުތު ދެވެން ނެތި. އެހެންވެ އަސްލު އަޅުގަނޑު އިސްތިއުފާދިނީ. މި މަޤާމުން އަޅުގަނޑު އިސްތިއުފާ ދިނަށް އަޅުގަނޑު މަސައްކަތް ކުރާނީ ރައީސް އޮފީހުގައި ހަމަ. އަޅުގަނޑު އަދިވެސް މަސައްކަތް ކުރާނީ ފޮރިން ރިލޭޝަންސްގެ ސެކެރެޓަރިގެ މަޤާމުގައި.“ ހޫދު ވިދާޅުވިއެވެ.
ހޫދު ކިމިއުނިކޭޝަންސް ޑިޕާޓުމެންޓު ހިންގެވުމާ ދުރަށް ވަޑައިގެންނެވިއިރު އޭނާއަކީ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނުގެ މަޤާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.

