ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކި ކުރުމަށް ގޮވާލައި ސޮއިކުރަން ފަށައިފައިވާ ޕެޓިޝަންގައި މިހާތަނަށް 1500 މީހުން ސޮއިކޮށްފިއެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައިވެސް ހުންނެވި ނަޝީދު މަޖިލިސް ރައީސްކަމުން ވަކި ކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައި ވަނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކުރި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ ދިފާއުގައި ނުކުންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވެމުންނެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ނަޝީދަށް ފާޑުވިދާޅުވަމުންނެވެ. އަދި އެމަނިކުފާނު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކޮށްދޭން އެދެމުން އަންނަ ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
މި އޮންލައިން ޕެޓިޝަންގައި ބުނެފައި ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިސްލާމީ އުސޫލުތަކަށް ނަޝީދު ފުރައްސާރަ ކުރަައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ބޭއަދަބީ ކަންކަން ވެސް ދިފާއު ކުރައްވަމުން ގެންދަވާތީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކި ކުރަން ޖެހޭ ކަމަށް އެ ޕެޓިޝަންގައި ބުނެފައި ވެ އެވެ.
މީގެ އިތުރުން ޓުވިޓާގައި ”އިމްޕީޗް ނަޝީދު“ ހޭޝްޓެގް ބޭނުންކޮށްގެން ފަށާފައިވާ ކެމްޕެއިނަށްް ގިނަ ބައެއްގެ ތާއީދުދަނީ ލިބެމުންނެވެ.

