އެމްޑީޕީގެ ކޮންގްރެސްގައި ގޮފިތައް ތަމްސީލު ކުރުމަށް ވަޑައިގަންނަވާފައިވާ ގިނަ އަދަދެއްގެ މަންދޫބުންނަކީ، ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް ބައިވެރިވެފައިވާ މަންދޫބުންތަކެއް ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި، ގޮފިތަކަށް ކުޑައިމީސް ބަސްތަކެއް ރައްދުކޮށްފައިވާކަމަށް ބުނެ، މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި އެ ޕާޓީގެ މެމްބަރުންނާއި މުހާތަބު ކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ، ކޮންގްރެސްގައި ބައިވެރިވެފައިވާ ގިނަ އަދަދެއްގެ ގޮފިތަކެއް އެކުލަވާލެވިފައިވަނީ ގަވައިދާ ހިލާފަށްކަން ކޮންގްރެސްގައި ބައިވެރިވެފައިވާ އެންމެނަށްވެސް އިނގޭނެކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުވަނީ މީގެ ކުރިންވެސް އެ ވާހަތައް ތަކުރާރު ކުރައްވާފައިކަަމަށެވެ. އަދި ގޮފިތަކުގެ ގަވައިދުތައް އެންމެހާ ބޭފުޅުންނަށްވެސް އިނގިލައްވާނެކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް އެ މަނިކުފާނު ވިދާޅުވީ، ހުރިހާ ބައިވެރިންނަކީ ޕާޓީގެ ރޫހުގައިތިބި އެމްޑީޕީގެ މެމްބަރުންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައިކަމަށެވެ. އަދި ހުރިހާ މެމްބަރުންނާއި އެކު ކޮންގްރެސް ކުރިއަށް ގެންދެވޭނެ ގޮތް ހަދަން ޖެހޭނެކަމަށް ވިދާޅުވެފައިވާކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކޮންގްރެސްގައި ނިންމާ ނިންމުންތަކަކީ، އެންމެހާ މެމްބަރުންގެ ބައިވެރިވުމާއި، ތާއީދާއިއެކު، ނިންމާ ނިންމުންތަކަކަށް ހެދުމަށް މަސައްކަތްކުރަންވާނެކަމަށެވެ. އަދި އެމްޑީޕީގެ ކޮންގްރެސްގައި ހަސްހާސްވުން ނޫން އެއްވެސް ކަމެއް ނޯންނާނެކަމަށް ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އަބަދުވެސް އެ ކޮންގްރެސްގައި ބައިވެރިވާ މެމްބަރުންގެ ޖަޒުބާތުތައް އުފުލިގެންދާނެކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ގޮފިތައް އެކުލަވާލެވިފައިވާ ގޮތުން ބައެއް މައްސަލަތައް ހުންނަކަމަށެވެ. އެހެން ނަމަވެސް އެކަމަކީ، ޕާޓީގެ މެމްބަރުންގެ ތެރޭގައި މައްސަލަތައް އުފެދެންވީ ކަމެއް ނޫންކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހާއި، ޕާޓީގެ ނައިބުރައީސް ޝިފާޒްއާއި، އަދި ޕާޓީއިން ކޮންގްރެސްއަށް ހުށައަޅާފައިވާގޮތާއިވެސް ހިމެނޭގޮތަށް އެ ގޮފިތަކުގެ ގަވައިދު އިސްލާހު ކުރުމަށް އިސްލާހެއް އެކުލަވާލުމަށް އެދޭކަމަށެވެ.

