ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 އަށް މުހިންމު ނިންމުންތައް ނިންމާ ޖޭޕީގެ ކޮންގްރެސް ޑިސެމްބަރު މަހު!

ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް އާއި ނައިބް ރައީސް އަހުމަދު ސައުދު-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގައުމީ ކޮންފަރެންސް އަންނަ ޑިސެމްބަރު ބާއްވަން ނިންމައިފި އެވެ.

2023 ގެ ރިޔާސީ އިންތިހާބަށް މުހިންމު ނިންމުންތައް ނިންމާނީ ކޮންގްރެސްގައިކަމަށް އެ ޕާޓީން މީގެ ކުރިން ވެސް އައީ ބުނަމުންނެވެ. އަދި އެ ބައްދަލުވުމުގައި އިންތިހާބުގައި ކޯލިޝަނަކާއި އެކު ކުރިޔަށް ދާނީތޯ ނުވަތަ ޕާޓީން ކެނޑިޑޭޓެއް ނެރޭނީތޯ ނިންމާނެކަމަށް ވަނީ ބުނެފަ އެވެ. އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުންކަމަށް ވެސް ޕާޓީން ވަނީ މައުލޫމާތު ދީފަ އެވެ.

ޖުމްހޫރީ ޕާޓީގެ ސިޔާސީ ހަރަކާތްތަކާއި ގުޅޭގޮތުން އެ ޕާޓީން މީޑިއާތަކަށް މިއަދު ބުނީ އެ ޕާޓީގެ ގައުމީ ކޮންފަރެންސް ބޭއްވުމަށް ވާންޖޭހޭ މުހިއްމު ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.

ސިޔާސީ ގޮތުން ޖޭޕީން ނިންމާ މުހިއްމު ނިންމުންތަކަށް ކޮށާލެވޭ މަގަކަށް ގައުމީ ކޮންފަރެންސް ވާނެކަމަށް އެންމެ ފަހުން ޖުމްހޫރީ ޕާޓީން މ. ކުނޫޒުގައި ބޭއްވި ”ތައްޔާރު“ ޖަލްސާގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާނެ ކަމަށް އެ ޕާޓީން ފޮނުވި މެސެޖުގައި ވެއެވެ.

އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ، ގައުމީ ކޮންފަރެންސަށް ތައްޔާރުވުމަށް ޕާޓީގެ ރަށު ގޮފިތައް އަސާސީ ގަވައިދާއި އެއްގޮތަށް އެކުލަވާލައި ފުރިހަމަ ކުރުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ‎ޕާޓީގެ ގޮފިތައް ހެދުމަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން އެހެން ގޮތަކަށް ނުނިންމާ ނަމަ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވާނީ އެ ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމެވެ. މި ގައުމީ ކޮންފްރެންސްގައި އެންމެ މުހިންމު ނިންމުމަކަށްވާނީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕާޓީން ނިންމާ ނިންމުންތަކެވެ.

ދާދި ފަހުން ސަންގުޓީވީގެ ޕްރޮގްރާމެއްގައި އަލީ ސޯލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީން 2023 ގެ ރިޔާސީ އިންތިހާބާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

ކުނޫޒުގައި ބޭއްވި ތައްޔާރު ޖަލްސާގައި ގާސިމް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ އަދަދު 30،000 އަށް އިތުރު ކުރައްވާނެކަމަށެވެ. މެމްބަރުން އިތުރު ކުރުމުގެ މަސައްކަތަކީ ޖޭޕީ ރީފޯމް ކުރުންގެ ގޮތުގައި ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ޖޭޕީ ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީއަށް ކަމަށެވެ.

ގާސިމްއަކީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުވެސް ރިޔާސީ އިންތިބާގައި ވާދަ ކުރެއްވާ ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމުގައި ގާސިމްއަށް މެދުވެރިވީ ހުރަހަކީ ވެރިކަމަށް ކުރިމަތިލެވޭނޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި ފާސްކުރުމެވެ. އެހެން ނަމަވެސް، ވެރިކަން ބަދަލުވުމާއި އެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ އެ އިސްލާހު ބާތިލުކޮށްފައެވެ.

ޖޭޕީ އަބަދުވެސް ފާހަގަވެފައިވަނީ ތިން ވަނަ ޕާޓީގެ ގޮތުގައި ކަމަށާއި، އެހެން ނަމަވެސް އެ ވިސްނުމާއި އުސޫލަށް ބަދަލު ގެންނަން ޖެހޭކަމަށް ގާސިމް ވަނީ އާދީއްތަ ދުވަހުގެ ރޭގެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.

އާ ގާނޫނު އަސާސީއަށް ފަހު 2008 ގައި ބޭއްވި ރިޔާސީ ފުރަތަމަ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބުކުރެއްވުނީ ގާސިމާ އެކު ޖޭޕީން އެ ފަޅިއަށް އެރުމުންނެވެ. އަދި 2013 ގައި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ނަޝީދު ބަލިކުރެއްވުނީ ވެސް ގާސިމްގެ އެހީތެރިކަމާ އެކު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: