ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޯންޏަކަށް އަރާ، ބަޔަކަށް ހަމަލާދިން މީހަކު ދެ އަހަރަށް ޖަލަށް!

މަސްދޯންޏެއްގެ މަންޒަރު ފެންނަ ފޮޓީއެއް.
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭ ފަޅުގައި އަޅާފައި އޮތް ދޯންޏަކަށް އަރާ، އެ ދޯނީގައި ތިބި ތިން ބިދޭސީއަކަށް ވަޅިން ހަމަލާދިން މައްސަލައެއްގައި ދިވެއްސަކު ދެ އަހަރު ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ހިނގި އެ މައްސަލައިގައި ދައުލަތުން އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލައް، ކެލާގެ، އަހުމަދު ސޯލިހްގެ މައްޗަށެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި ދޯނީގައި ތިބި ބިދޭސީންނަށް ހަމަލާދީފައިވަނީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައިކަމަށާއި އަދި، ވަޅިން ބިރު ދައްކާ، ފޭރެންވެސް މަސައްކަތް ކޮށްފައިވާކަމަށެވެ. ބިރުދައްކާ ފޭރެން އުޅުމުގެ ތެރޭގައި ދޯނީގައި އެވަގުތު ހުރި އެއް ބިދޭސީއެއްގެ ކަނާއަތުގެ ތިން އިނގިލި ވެސް ވަނީ ޒަހަމްކޮށްލާފައެވެ.

ނަމަވެސް، ޝަރީއަތުގައި ސޯލިހް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި، ފޭރެން އުޅެފައި ނުވާނެ ކަމަށާއި، ބިދޭސީން އަނިޔާކުރަން އުޅުނީ އޭނާއަށްކަމަށް ބުނެފައިވެއެވެ. އޭނާ ވަނީ ދައުވާއިން ދިފާއުވުމަށްޓަކައި ހެކިންގެ ގޮތުގައި ބައެއްގެ ނަންތައް ޝަރީއަތުގައި ބުނެފައެވެ. ނަމަވެސް، ލިޔުމުން ޝަރީއަތަށް ހެކިން ހުށަހަޅާފައިނުވާތީ ޝަރީއަތުން ނިންމީ ދިފާއީ ހެކި ބަލައިނުގަތުމަށެވެ.

ދައުލަތުން ވެސް ވަނީ ސޯލިހްގެ މައްޗަށް ކުޅަ ދައުވާ ސާބިތުކުރަން ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

އެގޮތުން އަނިޔާ ލިބުނު ތިން ބިދޭސީންނާއި ދޯންޏާ ހަވާލުވެ ހުރި މީހާ އާއި ސީން އަށް ދިޔަ ފުލުހުން އަދި ޑީއެންއޭ ރިޕޯޓް ތައްޔާރުކުރި އޮފިސަރެވެ. އޭގެ އިތުރުން ވަނީ ކިތާބީ ހެތްކެވެ.

ހެއްކާއި ގަރީނާގެ މައްޗަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމާފައިވަނީ އަނިޔާއެއް ދިނުމުގެ ދައުވާ ސޯލިހްގެ މައްޗަށް ސާބިތުވާކަމަށެވެ.

މި ކުށުގެ އަސާސީ އަދަބަކީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވަނީ އަސާސީ އަދަބުގެ ދަރަޖައެއް އިތުރު ކުރުމަށް ނިންމަވާފައެވެ. އެއީ، މީގެ ކުރިން ވެސް އަހުމަދު ސޯލިހްގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވުމުންނާއި، އޭގެ ފަހުން އެންމެ ހަ އަހަރު ދުވަހުގެ ތެރޭގައި އެއަށް ވުރެ ނުރައްކާތެރި ކުށެއް ސާބިތުވުމުން ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

އަސާސީ އަދަބުގެ ދަރަޖައެއް އިތުރުކޮށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އޭނާ ދެ އަހަރު ދުވަހަށް ޖަލަށް ލާށެވެ. މައްސަލައިގައި އޭނާ 21 ދުވަސް ޖަލުގައި ހޭދަކޮށްވުމުގެ ސަބަބުން  އޭނާ ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި 11 މަހާއި، 9 ދުވަހުގެ ޖަލު ހުކުމެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: