ގިނަ ދުވަސް ވެ ކްރިމިނަލް ކޯޓު ހިންގާ އިމާރާތުގައި ރެނދުލައި ފެން ފައިބާތީ، އެއީ ރައްކާތެރި ތަނެއް ނޫންކަމަށް ކޮންސަލްޓެންޓުން ދިން ލަފައަށް އާ އިމާރާތެއް ހޯދުމަށް ކުރި މަސައްކަތް ކަމިޔާބުވާ ގޮތް ވެފައި ނުވާކަމަށް ޑިޕާޓްމަންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
މާރުކޭޓު ސަރަހައްދުގައި ހުންނަ ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ގިނަ އަހަރުތަކެއް ވެފައިވާއިރު، ފެން ފޭބުމާއި އަދި އެ ނޫން ވެސް ސަބަބުތަކާއި ހުރެ ޝަރީއަތްތަކަށް ވެސް ވަނީ ބުރޫ އަރާފަ އެވެ. އިމަރާތުގެ ހާލަތު ދެނެގަތުމަށް ކޮންސަލްޓެންސީ ރިޕޯޓެއް އެކުލަވާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އަހަރަކަށް ވުރެ ގިނަ ދުވަހުގެ މަސައްކަތަށް ފަހު ވެސް ކޯޓު ހިންގާނެ އިމާރާތެއް ލިބިފައި ނުވާކަމަށް ޑީޖޭއޭއިން މީޑިއާތަކަށް ނެރުނު ބަޔާނުގައި ވެއެވެ.
ލަފާގެ މަތީން ކުރި ބައެއް މަސައްކަތްތައް ހިއްސާކޮށް، ޑީޖޭއޭއިން ބުނީ ރިޕޯޓުގެ ތަފްސީލުތައް ހިމަނައި ކޯޓު ހިންގުމަށް އާ އިމާރާތެއް ހޯދަން ފިނޭންސަށް މިދިޔަ އަހަރުގެ ޖުލައި 11 ގައި ހުށަހެޅި ކަމަށެވެ. އަދި އެ ހުށަހެޅުމާއި އެއްގޮތަށް އިމާރާތެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ އޭގެ ޖެހިގެން އައި މަހު ލިބުނުކަމަށް ބުންޏެވެ. އޭގެ ފަހުން ޕްލޭނިން މިނިސްޓްރީން ވެސް އެ އެޑްމިނިސްޓްރީއަށް ފޮނުވި ޖަވާބުގައި އިމާރާތް ބަދަލު ކުރެވޭނެ ވަރުގެ ޖާގައެއް ނެތްކަމަށް ބުނެފައިވާކަމަށް ޑީޖޭއޭއިން ވަނީ ބުނެފަ އެވެ.
އިމާރާތެއް ކުއްޔަށް ހޯދުމަށް ޓެންޑާރ ކުރުމަށް، ބޯޑަށް ފޮނުވުމުން މި އަހަރުގެ މާޗް މަހުގައި އެފަދަ އިމްރާތެއް ޓެންޑާކޮށްގެން ލިބިފައި ނުވާކަމަށް އަންގާފައިވާކަން ޑީޖޭއިން ވަނީ ފާހަގަކޮށްފަ އެވެ.
އިތުރަށް ކުރި މަސައްކަތްތަކުގެ ތެރެއިން، ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކު މަޝްވަރާކޮށް، ކްރިމިނަލް ކޯޓު ހިންގާނެ ވަގުތީ އިމާރާތެއް އެޅުމަށް ފަސް އަހަރުގެ މުއްދަތަކަށް 25،6275 ގެ ބިމެއް، އަކަފޫޓަކަށް ފަސް ރުފިޔާގެ ރޭޓުން ދޭން އެ ކުންފުނިން އެއްބަސްވެފައިވާކަމަށް ބަޔާނުގައި ވެއެވެ. ނަމަވެސް އެ މަސައްކަތް ކުރަން ޖެހެނީ، ޑީޖޭއޭގެ ބަޖެޓުންކަމަށް ވާތީ، ދަތިތަކާއި ހުރެ އެ މަސައްކަތް ކުރެވެން ނެތްކަމަށް އެ ޑިޕާޓްމަންޓުން ބުނެ އެވެ.
ކްރިމިނަލް ކޯޓު އެންމެ ފުރަތަމަ ހިންގީ ޖަސްޓިސް ބިލްޑިންގަ އެވެ. އެތަނުގައި ވެސް ޖާގައިގެ ދަތިކަން ދިމާވާން ފެށުމުން، އެސްޓީއޯގެ ކުރީގެ އިމާރާތަށް ބަދަލުކުރީ ބަދަލު ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ 2015 ވަނަ އަހަރު އެވެ.
ފާއިތިވި ދެ ހަފްތާއިން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ އިމާރާތަށް އޭގެ އަސަރު ވަރަށް ބޮޑަށް ވަނީކޮށްފަ އެވެ. އެގޮތުން، ކޯޓު ރޫމުތަކަށް ވާރޭ ވެހުމާއި ސެކްޝަންތަކުގެ ފާރުތަކުން ފެންލީކުވުން އަދި އިމާރާތުގެ އެތެރޭގައި ރެނދުތަކެއް ވަނީ ލާފަ އެވެ.

