މާލެއަކީ، މުނިފޫހިފިލުވުމަށް ދާވަރުގެ ތަނެއްތޯ އައްޑޫގެ މޭޔަރު އަލީ ނިޒާރު ސުވާލުކުރައްވައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅިގެން، މާލެ އަދި އަތޮޅު ތެރޭގެ ރަށްވެހިން ދެމެދު ބޮޑެތި ތަފާތުތައް އުފެދި، ސޯޝަލް މީޑިއާގައި އެ މައުލޫއާއި ގުޅުވައި ބަހުގެ ހަމަލާތައްވެސް ބަދަލު ކުރެވިފައިވާ ދަނޑިވަޅެއްގައި، މާލެއަށް މީހުން އަންނީ، ރަށްރަށުގައި މުނިފޫހިފިލުވުމަށް ކުރާނެ ކަންކަން ނެތިގެންކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ސިފަކުރައްވާފައެވެ.
މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާ މޭޔަރ ނިޒާރުވަނީ، އަތޮޅު ތެރޭގެ ތަރައްގީއަށް ދޫދިނުމަށް ގޮވާލާފައެވެ. އަދި ދިވެހިރާއްޖެއަށް ލިބެމުންދާ އާމްދަނީގެ ތެރެއިން އަތޮޅު ތެރެއަށް ލިބެމުންދާ އާމްދަނީވެސް އިތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށްވެސް ނިޒާރު ގޮވާލެއްވިއެވެ.
ނިޒާރު ވިދާޅުވީ، މާލެއަށް ”މުނިފޫހިފިލުވަން“ ކުރާ ”ހިޖުރަ“ ނިމުމަކަށް އަންނާނީ، އަސްލު މައްސަލަ އުފެދިގެން އަންނަ ގޮތް ދިރާސާކޮށް، އެކަމާއިމެދު މަޝްވަރާތައް ކުރެވިގެންކަމަށެވެ. އަދި އެނާވަނީ، މާލެއަކީ އުފަލެއް ހާސިލު ކުރުމަށް ދާވަރުގެ ތަނެއްތޯވެސް ސުވާލުކުރައްވާފައެވެ.
Atholhu there tharaggee ah dhoodhevvai , aamdhanee ge hissaa bodu kuravvai , aslu massala ballavan mashvaraa kurevigen Male ah "munifoohi filuvan" kuraa "hijura" nimumakah annaane. Ehen noonas Male akee munifoohifiluvan dhaavaru thenei tho?.
— Ali Nizar (@DhekunuNizar) September 8, 2022
އަތޮޅު ތެރޭގެ ރަށްވެހިން މާލެއަށް ހިޖުރަ ކުރަނީ، ސިނަމާފަދަ ތަންތަން ގާއިމުކޮށް، އެ މީހުން ކުރާނެ ކަންކަން ނެތިގެންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓިގެ ގައުމީ މަޖިލީސް ވަޓްސެއްޕް ގުރޫޕަށް ކުރެއްވި މެސެޖެއްގައި ވިދާޅުވުމާއިއެކު، ޕާޓީގެ ޗެއަރޕާސަން އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލްވަނީ އެމަނިކުފާނަށް ރައްދު ދެއްވާފައެވެ.
ފައްޔާޒު ވިދާޅުވެފައިވާގޮތުން، އަތޮޅު ތެރޭގެ ރައްޔިތުން މުނިފޫހިފިލުވުމަށް އިންޓަރނެޓުގެ ހިދުމަތް ލިބެއެވެ. އަދި 80 އިންސައްތަ ރައްޔިތުން މުނިފޫހިފިލުވުމަށް ކުރާ މަސައްކަތަކީ، ބަރަހަނާ މަންޒަރުތައް ފެންނަ ވީޑިއޯ ބެލުންކަމަށް އެނާ ވިދާޅުވިއެވެ.

