ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެސްޓާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ބޭންކު ސްޓޭޓްމަންޓުތައް ބަލައިގަނެވޭނެ: ސުޕްރީމް ކޯޓު

ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތައް ބަލައިގަތުމާ މެދު ހައި ކޯޓުން ނިންމި ގޮތުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގެ ތެރެއިން/ ފޮޓޯ: ޝަރީއަތުގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލައިގައި ގިނަ ދައުވާތަކެއް އުފުލާފައިވާ، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) އާއި ދެކޮޅަށް ހުށަހެޅި އޭނާގެ ބޭންކް ސްޓޭޓްމަންޓު ފުލުހުން ހޯދީ ގާނޫނާއި ހިލާފަށްކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކުރި މައްސަލައިގައި ހައިކޯޓުގެ ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޕެސްޓު ހައްޔަރުކޮށް އޭނާގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައިގައި ގިނަ ދައުވާތަކެއް ވަނީ އުފުުލާފަ އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން މި މަހު ނިންމި ނިންމުމެއްގައި ވަނީ ޕެސްޓާއި އޭނާއާއި އެކު މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާކަމަށާއި، އެއީ ގާނޫނާއި ހިލާފު އަމަލެއް ކަމަށެވެ. މި ސްޓޭޓުމަންޓުތައް ފުލުހުން ހޯދި ގޮތް އެނގެން ނެތްކަން ފާހަގަކޮށް، ކޯޓުގެ ނިންމުމުގައި ވަނީ ފުލުހުން ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓް ހޯދީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ސިޓީއަކުން އެދިގެން ކަމަށް ފުލުހުން ބުނި ނަމަވެސް، އާންމު ބޭންކް ސްޓޭޓްމަންޓްތައް ބޭންކްތަކުން ދޫކުރަނީ ބޭންކް ސިޓީއަކާ އެކު ކަމަށާއި އެކަމަކު އެ މައްސަލައިގައި އެފަދަ ސިޓީއެއް ވެސް އޮތްކަން އެނގެން ނެތް ކަމަށެވެ.

ބޭންކިން ގާާނޫނުގެ ދަށުން ބައެއް މައުލޫމާތުތައް ދޭން އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ވީނަމަވެސް، ބޭންކު ސްޓޭޓްމަންޓުތަކާއި އެ އެކައުންޓުތަކުގެ މުއާމަލާތްތަކުގެ ތަފްސީލެއް ނުހޯދޭނެ އެވެ. އެހެންވެ، ޕޭސްޓާއި ދެކޮޅަށް ހުށަހެޅި ބޭންކު ސްޓޭޓްމަންޓު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ އެވެ. ކޯޓުގެ އެ ނިންމުން، ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ދާދިފަހުން ނިންމާފައި ވަނީ ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓުތައް ފުލުހުން ހޯދާފައި ވަނީ ރަނގަޅަށް ކަމަށާއި އަދި ކްރިމިނަލް ކޯޓުން އެ ހެކި ބަަލައިގަންނަން ޖެހޭނެ ކަމަށެވެ.

ބޭންކު ސްޓޭޓްމަންޓުތައް ފުލުހުން ހޯދާފައި ވަނީ ރަނގަޅަށްކަމަށް ހައިކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ބޭންކު ސްޓޭޓްމަންޓުތައް ހެކީގެ ގޮތުގައި ބަލައި ނުގަނެވޭނެ ސަބަބެއް ޕެސްޓުގެ ފަރާތުން ދެއްކިފައި ނުވާ ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ވެއެވެ.

ޕެސްޓުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގައި ވަނީ ފުލުހުން ހެކިތައް ހޯދާފައި ވަނީ ދިވެހިރާއްޖޭގެ ބެންކިންއާއި ބެހޭ ގާނޫނުގެ 42 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އާއި ހިލާފަށްކަމަށެވެ. ނަމަވެސް އެ ނުކުތާއަށް ކޯޓުގެ ހުކުމުގައި ބުނީ އިސްތިއުނާފީ ނުކުތާގައި ބަޔާން ކުރާ ބޭންކިން ގާނޫނުގެ 42 ވަނަ މާއްދާގެ މައުލޫމާތަކަީ އެކައުންޓުގެ ވެރިފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތުތައް އެކަނިކަމަށާއި އޭގެ ތެރޭގައި އެ އެކައުންޓަކުން ކުރި މުއާމަލާތްތަކުގެ ތަފްސީލު ނުހިމެނޭކަމެއްކޮށްފި ނަމަ އެކައުންޓުގެ މުއާމަލާތްތަކުގެ ތަފްސީލު ހޯދަން ޖެހޭނީ ޖިނާއީ އިޖުރާއީ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއް ހޯދައިގެން ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ޕެސްޓުގެ އެކައުންޓު ސްޓޭޓްމަންޓު ހޯދި ގޮތާއި މެދު ދެ ފަރާތުގެ ދެމެދު ވެސް ހިޔާލުތަފާތުވުންތައް އުފެދިފައި ވާތީ ޝަރީއަތުގެ މަރުހަލާގައި ހެކީގެ ސައްހަކަމާ މެދު ގޮތެއް ކަނޑައެޅުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރި އެވެ. އަދި އެ މަރުހަލާގައި ހެކި ހޯދި ގޮތާ މެދު ސުވާލު އުފެދޭ ނަމަ، އެކަމާއި މެދު ދެން ގޮތެއް ކަނޑައެޅެން ޖެހޭނީ ދަށު ކޯޓުގެ މަރުހަލާގެ ތެރެއިންކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: