ކޮވިޑް އަދި ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފަދަ ކާރިސާތައް އެކު އެކީ އައުމާއި ގުޅިގެން ދުނިޔޭގެ ފަގީރުކަމުގެ މިންގަނޑުތައް އިތުރުވެ، އެކި ގައުމުތަކުގައި ރައްޔިތުންގެ ތެރޭގައި އޮންނަ ހަމަ ހަމަ ކަމަށްވެސް އަސަރުކުރަމުންދާކަމަށް އައިއެމްއެފްގެ ޑިވެލޮޕްމެންޓު ކޮމިޓީގެ ޗެއަރ އަޒުސީނާ އަރުބެލޭޗޭ ވިދާޅުވެއްޖެއެވެ.
އައިއެމްއެފް އަދި ވޯލްޑް ބޭންކުން އެމެރިކާގައި ކުރިއަށް ގެންދިޔަ ޖަލްސާގައި އަޒުސީނާ ވިދާޅުވީ، ކޮވިޑްގެ ސަބަބުން، ދުނިޔޭގެ ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ގައުމުތަކުގެ ދަރަނީގެ އަދަދުތައް އަދި ކާބޯތަކެތީގެ ދަތިކަން ފަދަ ކަންކަމަށް އިތުރު ނޭދެވޭ އަސަރުތައް ކޮށް، ދުނިޔޭގެ ކުރިމަގު އުޖާލާ ވުމަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާކަމަށެވެ.
އެނާ ވިދާޅުވީ، އެކަމުގެ ސަބަބުން ފަގީރުކަން އިތުރުވެ، ހަމަ ހަމަކަމަށްވެސް އަސަރުތަކެއް ކޮށް، ދުނިޔޭގެ އިންފްލޭޝަން ރޭޓު އިތުރުވެ، މާލީ ހާލަތައް ދަތިތައް ކުރިމަތިވުން ފަދަ ގިނަ ކަންކަން ދިމާވެގެންދިއުމުގެ ފުރުސަތު އިތުރުވެފައިވާކަމަށެވެ.
އެހެންކަމުން އެކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާނެ ގައުމުތައް ދެނެގަނެ ހައްލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ތަކެތީގެ އަގުތައް އަރައިގެންގޮސް ހަކަތަ އަދި ކާބޯތަކެތީގެ ދަތިކަން އިތުރުވެގެން ގޮސްދާނެ ކަމަށްވުމުން، ގައުމުތައް ގުޅިގެން މިކަމަށް ހައްލުތަކެއް ގެނައުމަށް މަސައްކަތް ކުރުން މުހިންމު ކަމަށެވެ.
އެނާ ވަނީ ވޯލްޑް ބެންކު ގުރޫޕުން މިހާރުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން 2023ގެ ޖޫން މަހުން ފެށިގެން 170 ބިލިއަން ޑޮލަރުގެ ރެސްޕޮންސް ޕެކެޖެއް ތައާރަފް ކުރުމަށް ވޯލްޑްބޭންކުން ކުރަމުންދާ މަސައްކަތްތަކަށް އެނާ ވަނީ މަރުހަބާ ކިޔާފައެވެ.
ރާއްޖޭގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ އަސަރު ކުރާ ގައުމުތައް، ވީ ޓްވެންޓީ ގައުމުތަކުގެ މަންދޫބުގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެކަމުގެ އެންމެ ބޮޑު އަސަރުތައް ކުރަމުންދާ ގައުމުތަކުގެ މާލިއްޔާތުގެ ފަސް ބައި ކުޅަ އެއްބައި ގެއްލިގޮސްފައިވާކަމަށެވެ. އެހެންކަމުން އެފަދަ އަސަރުތައް ނުކުރާ ނަމަ، އެ ގައުމުތަކުގެ ޖުމުލަ މުއްސަނދިކަން 20 އިންސައްތައިން އިތުރުވެފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޑޮލަރުން ބުނާ ނަމަ، އެއީ 500 ބިލިއަން ޑޮލަރާއި ގާތް ކުރާ އަދަދެއްކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރަމުންދަނީ ދަރަނި ނަގައިގެން ފަށާފައިވާ މަޝްރޫޢުތަކަށް ކަމަށާއި، އެފަދަ ނޭދެވޭ ކަންކަން ދިމާވުމުގެ ގިނަ ފުރުސަތުތައް ހުރުމާއި އެކު މުއްސަނދި ގައުމުތަކުން ލޯނުތައް ދެނީވެސް އެންމެ އެދެވޭ އުސޫލެއްގެ މަތިން ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މޫސުމަށް އެންމެ ބޮޑެތި އަސަރުތައް ކުރަނީ މުއްސަނދި ގައުމުތަކުގެ ސަބަބުން ކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެހެންކަމުން، ލޯނު ނަގައިގެން ފަށާ މަޝްރޫޢުތައް މަޑުޖެހިގެންދިއުމުން ނުވަތަ ނެތިގެންދިއުމުން ލޯނު ނަގާ ފަރާތް އަތުގައި ބާކީ އޮންނަނީ ދަރަންޏެއް އެކަނި ކަމަށެވެ. އަދި ހަލާކުވަމުންދާ ތަކެތީގެ ތެރޭގައި މަގުތަކާއި ބުރިޖު އަދި ގިރިގެންދާ ރަށްތައްވެސް ހިމެނިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މިކަމާއި ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ އެއްކުރުމުން، ވީ ޓްވެންޓީ ގައުމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިކަމަށެވެ. އަދި ސްރީލަންކާގެ ހާލަތު ގޯސްވެގެންދިޔަ ގޮތަށް އިޝާރާތްކުރައްވާ އެފަދަ ކަންކަން ވީ ޓްވެންޓީގައި ހިމެނޭ ގައުމުތަކުން ފެނިގެންދާނެކަމުގެ ބިރު އޮތް ކަމަށާއި، ސްރީލަންކާ އަކީ ފެށުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މިކަންކަން ހައްލު ކުރުމަށް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، ފަހަރަކު ގައުމަކުން ދަރަނި ދެއްކުމުގެ ދަތިތައް ކުރިމަތިވުންފަދަ މައްސަލަތައް ފެނިގެންދާނެކަމަށެވެ. އަދި އެކަން ހިނގާނީ ”ދޮމިނޯ“ އެއް ގޮތަށް ކަމަށާއި، އެކަމުގެ ސަބަބުން އިތުރު މައްސަލަތައް އުފެދި، ފަގީރުކަން ފަދަ ކަންކަން ފެތުރިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މިކަން ވިޔަ ނުދިނުން ކަށަވަރު ކުރުމަށް އަދިވެސް ވަގުތު އޮތްކަމަށެވެ. އެހެން ނަމަވެސް އެކަން ކުރުމަށް އައިއެމްއެފް އަދި ވޯލްޑް ބޭންކުގެވެސް އެހީ ބޭނުންވާކަމަށާއި، ވީ ޓްވެންޓީ ގައުމުތައް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ގޮތުގައި ތިއްބެވި ބޭފުޅުންނަކީ އެފަރާތްތަކުގެ އަގު ވެއްޓިގެންދާނެ ފަދަ ވާހަކަތައް ދައްކަވަން ފަސްޖެހޭނެ ބައެއް ކަން އެމަނިކުފާނަށް އިންގިލައްވާކަމަށެވެ.
އެހެން ނަމަވެސް މައްސަލައެއް ކުރިމަތިވެފައި ނެތް ކަމަށް ހެދުމުން އެ މައްސަލަ ހައްލުވެގެން ނުދާނެކަމަށާއި، ދަރަންޏަކީ އިތުވާނެ އެއްޗެއް ކަމަށާއި، އެހެން ނަމަވެސް އެ ދަރިތައް އިތުރުވެ ނުދެއްކޭ ހިސާބަށް ދިއުމުން އެތައް މިލިއަން ބަޔަކަށް ގެއްލުންތަކެއް ވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

