ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިއަސް ތުހުމަތުތަކާއި އެކު ޑރ. ނާޒްގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަނީ!

ރ. އައިޝަތު އަލީ ނާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނަފުސާނީ ފަރުވާ ދިނުމުގައި ގިނަ އަހަރުތަކެއް މަސައްކަތް ކުރެއްވި، ޑރ. އައިޝަތު އަލީ ނާޒާއި އޭނާ ހިންގަވާ ނަފުސާނީ ފަރުވާ ދޭ ކްލިނިކް، މިޕްސްޓާއަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ހެލްތް މިނިސްޓްރީން ބަލަންފަށައިފި އެވެ.

ޑރ. ނާޒް ފަރުވާ ދިނުމުގައި އަމަލު ކުރާ ގޮތްކަމަށް ބުނެ، ސޯޝަލް މީޑިއާގައި އާއްމުވި ޕޯސްޓަކާއި އެކު އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ގިނަ ޕޯސްޓުތަކެއް ވަނީ އާއްމުވެފަ އެވެ. ޑރ. ނާޒްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، ނަފްސާނީ އެސެސްމަންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށް ފަހު ރިޕޯޓު ހަވާލު ނުކުރާ މައްސަލަ އާއި، ފަރުވާ ދިނުމުގައި ފަރުވާކުޑަކުރުން، އަދި ނުބައިކޮށް ޑައިގްނޯޒްކޮށް ފައިސާ ނެގުމާއި، ކްލިނިކަށް އެ އަހަރެއްގެ އޯލެވެލް ނިންމާ ދަރިވަރުން ނަގައި، އެ ކުދިންނަށް މުސާރަ ނުދިނުމުގެ މައްސަލަ ހިމެނެ އެވެ.

މި މައްސަލަ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތްތަކުގެ ސަމާލުކަމަށް ގެންނަން ޖެހޭކަމަށް ބުނެ، ކަންބޮޑުވުން އިތުރުވުމުން ހެލްތް މިނިސްޓްރީން މިއަދު ބުނީ އެ ވުޒާރާއަށް ރަސްމީކޮށް މި މައްސަލަ ހުށަހަޅާފައި ނެތް ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މިފަދަ ތުހުމަތުތަކެއް ދައުރުވަމުން ދާކަން ފާހަގަކުރެވި، އެ މައްސަލަ ބަލަމުން ގެންދާކަމަށް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ސަތުފާ “ސަންގު” އަށް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ޕޯސްޓުތަކުގައި، މީގެ އަހަރުތަކެއް ކުރިން އަދި މިފަހުން ހިނގާފައިވާ ހާދިސާތައް ވެސް ހިމެނެ އެވެ. އަދި ޑރ. ނާޒް އާއި، މިޕްސްޓާ ދެމެދު ދެކެވިފައި ހުރި ބައެއް ވާހަކަތަކާއި ފައިސާ ދެއްކުމަށް ފަހު ވެސް ރިޕޯޓު ހަވާލު ނުކުރާ ސަބަބާއި މެދު ބައެއް ބެލެނިވެރިން ސުވާލު ކުރާ މެސެޖުތަކުގެ ސްކްރީންޝޮޓުތައް ހިމެނެ އެވެ.

މީގެއިތުރުން މިޕްސްޓާރ ގައި ވަޒީފާ އަދާކުރިކަމަށް ބުނާ ބައެއް ކުދިން އާއްމުކޮށްފައިވާ ސްކްރީންޝޮޓުތަކުގައި މުސާރަ ދޭން އެދިފައި ހުއްޓެވެ. އެ ކުދިން ބުނެފައިވާ ގޮތުގައި، އެއީ އޯލެވެލް އާއި އޭލެވެލްގެ ރަނގަޅު ނަތީޖާ ހޯދާފައި ތިބި ކުދިންކަމުން ވަޒީފާއަށް ނަގާފައި ވަނީ މަތީ ތައުލީމަށް ރާއްޖެއިން ބޭރަށް ފުރުމުގެ ފުރުސަތު އޮތްކަން އެނގޭތީ އެވެ.

ޕޯސްޓުތަކުގައި ގިނަ މީހުންގެ ޝަކުވާއަކަށް ވީ ޕޯސްޓް – ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) އަށް ފަރުވާ ހޯދުމަށް ހުށަހެޅުމުން، އޭނާގެ ފަރާތުން އިހާނެތިކޮށް ކަންތައް ދިމާވިކަމަށެވެ.

މި ޕޯސްޓުތަކުގައި ޑރ. ނާޒްއަށް އެ މީހުންގެ ކުދިން ދެއްކިކަމަށް ބުނާ ޕޯސްޓުތައް ހިމެނެ އެވެ. ބައެއް މީހުން ވަނީ އެ މީހުންގެ އަތުން 4000 ރުފިޔާ ނެގުމަށް ފަހު އަހަރެއް ފާއިތުވީ އިރު ވެސް ކުއްޖާގެ އެސެސްމަންޓު ރިޕޯޓު ލިބިފައިނުވާކަމަށް ބުނެފަ އެވެ.

މީގެއިތުރުން، ނަފްސާނީ ފަރުވާ ހޯދުމަށް އެޕޮއިންޓްމަންޓު ނަގާ މީހުން ޑރ. ނާޒް އާއި ހިއްސާ ކުރާ ވާހަކަތައް އެހެން މީހުންނަށް އެނގޭކަމަށް ބުނެ ވެސް ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ.

ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރެވުމުން، ނާޒް ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް ވިދާޅުވެފަ އެވެ. ބައެއް މީޑިއާތަކަށް ނާޒް ވިދާޅުވެފައި ވަނީ، އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އޭނާގެ ކްލައިންޓުންނަށް ކަމަށެވެ. އަދި އޭނާގެ ފަރާތުން ގޯހެއް ހެދިފައި ވާނަމަ ކަމާއި ބެހޭ މުވައްސަސާތަކަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެކަމަށް ވިދާޅުވި އެވެ.

ޑރ. ނާޒް މި ދާއިރާގައި މަަސައްކަތް ކުރައްވާތާ، 22 އަހަރު ވަނީ ވެފަ އެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 43%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: