ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒްހާން ހޯދުމުގައި ފުލުހުން އިހުމާލުވި މައްސަލަ، ވަކީލުންތަކެއް ފަރާތުން އެޗްއާރުސީއެމަށް!

މުހައްމަދު އަޒްހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް، އޭގެ ދެ ހަފްތާ ފަހުން އޭނާ އެންމެ ފަހުން ފެނުނުކަމަށް ފުލުހުން ބުނާ ރެޑްބުލް ދަނޑާއި ޖެހިގެން އޮތް ބޯ ގަސްތަކުގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މައްސަލަ ގާނޫނީ ވަކީލުންތަކެއްގެ އިސްނެގުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހަޅައިފި އެވެ.

އަޒްހާން ގެއްލިގެން އާއިލާއިން ރިޕޯޓު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ގަ އެވެ. އާއިލާއިން ފުލުހަށް ކުރި ރިޕޯޓުގައި ވަނީ އެ ދުވަހުގެ ހެނދުނުން ފެށިގެން އަޒްހާންގެ އެއްވެސް ހަބަރެއްވެފައި ނުވާކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް، އަދި އަޒްހާން ހޯދުމުގެ މަސައްކަތްތަކާއި ބެހޭ ބަޔާންތަކެއް ފުލުހުން އާއްމުކޮށްފައި ވަނިކޮށް އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 02 ގައި ހުޅުމާލެއިން، މާލެއަށް ދާ ހައިވޭ ކައިރީ ތަރައްގީ ކުރަމުން އަންނަ ވޯޓާތީމް ޕާކާއި ދިމާލުން މަގުގެ އަނެއް ފަޅީގެ ބޯ ގަސްތަކުގެ ތެރެއިންނެވެ. ރެޑްބުލް ދަނޑާއި ކައިރީ ތަރައްގީ ކުރާ އެ ތަނަކީ، ފުލުހުން އަޒްހާން އެންމެ ފަހުން ފެނުނުކަމަށް ބުނެފައިވާ ސަރަހައްދެވެ.

އެއީ ފުލުހުން އަޒްހާން އެންމެ ފަހުން ފެނުނުކަމަށް ވެސް ހާމަކުރި ސަރަހައްދެވެ. ފުލުހުން އެރޭ ނޫސްވެރިންނާއި ބައްދަލު ކުރިއިރު، އެ ސަރަހައްދުގައި ނުބައި ކުނި ވަހެއް ވެސް ހުރުމާއި އެކު ނޫސްވެރިން ވަނީ ގަސްތަކުގެ ތެރެ ބަލާފައި ވަނީ ކުނި ވަސް ދުވާތީ ތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް ފުލުހުން ބުނީ، އާއްމުކޮށް އެ މަގުގައި އެފަދަ ވަހެއް ދުވާތީ، ގަސްތަކުގެ ސީދާ އެ ސަރައްހައްދު ބަލާފައި ނުވާ ކަމަށެވެ. ފުލުހުން އެ އިޝާރާތް ކުރީ ވޯޓާތީމް ޕާކާއި ކައިރީ ހުންނަ މަސް ފެކްޓްރީ އާއި، އެމްޑަބްލިއުއެސްސީގެ ޕްލާންޓެއްގެ އިތުރުން ގަސްތަކުގެ ތެރޭގައި އޮންނަ ފެންގަނޑަކުން ދުވާ ވަހަށެވެ.

ދެ ހަފްތާފަހުން ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެ، ދެނެނުގަނެވޭ ހާލަތެއްގައިކަމުން ރާއްޖެއިން ބޭރަށް ފޮނުވައި ޕޯސްޓުމޯޓަމް ހަދާފައި ވެއެވެ. އިތުރު ބައެއްގެ މައްޗަށް ތުހުމަތެއް ނެތް މި މައްސަލައިގައި، ރިޕޯޓާއި ގުޅޭ ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

އަޒްހާން އެންމެ ފަހުން ފެނުނު ސަރަހައްދު ފުލުހުން ބަލައި ފާސް ނުކުރާތީ ވަރަށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިއުން އަމާޒުވި އެވެ. އަދި އަޒްހާން ހޯދަން ދެ ހަފްތާ ހޭދަވީ ކީއްވެތޯ ވަނީ ސުވާލު އުފައްދާފަ އެވެ.

އަމިއްލަ އިސްނެގުމަށް މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅުއްވައި ސަންގުޓީވީ އާއި ވާހަކަ ދައްކަވަމުން ތާލިބު ވިދާޅުވީ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގެ ޒިންމާ އާއި އެކު އެފަދަ މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމު ކުރުމުގެ ބާރު އެޗްއާރުސީއެމަށް ލިބިގެންވާ ކަމަށެވެ. ދިވެހި ރައްޔިތަކު ގެއްލިގެން ފުލުހަށް މައްސަލަ ހުށަހެޅިއިރު، އޭނާ އެންމެ ފަހުން ފެނުނު ހުޅުމާލެއަކީ ނިސްބަތުގެ ގޮތުން ބޮޑުތަނެއްގެ ގޮތުގައި ބުނެވެން ނެތްކަމަށް ތާލިބު ވިދާޅުވި އެވެ. ހާއްސަކޮށް ފުލުހުން އެންމެ ފުރަތަމަ ކުރި މަސައްކަތުން، އަޒްހާން އެންމެ ފަހުން ފެނިފައި ވަނީ ރެޑްބުލް ދަނޑު ސަރަހައްދުންކަމާއި އެއަށް ފަހު އިތުރު ތަނަކުން ފެނިފައި ނުވާއިރު، ދަނޑާއި އިންވެގެން އޮތް ގަސްތަކުގެ ތެރެ ބަލާފައި ނުވާ ސަބަބާއި މެދު ތާލިބު ސުވާލު އުފެއްދި އެވެ.

ތާލިބު ވިދާޅުވީ އަޒްހާން މާލެއަށް ނުދާކަމާއި، އަދި ރާއްޖެއިން ބޭރަށް ނުވަތަ އަތޮޅު ތެރެއަށް ވެސް ނުދާކަން ފުލުހުންނަށް ޔަގީން ކުރެވޭކަން އެ އިދަރާއިން އާއްމުކުރި ބަޔާނުން އެނގެން އެބައޮތްކަމަށާއި ނަމަވެސް ގެއްލިގެން ހޯދަމުން ދިޔަ މީހަކު އެންމެ ފަހުން ފެނުނު ސަރަހައްދެއް ވަށައި ހޯދުމަށް އަބަދުވެސް ދުވަސް ވީ މީހުން ވެސް ލަފާ ދޭކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް މަސައްކަތެއް ނުކުރެވި ވަނިކޮށް، ގެއްލުނު މީހާގެ މަރުވެފައިވާ ހަށިގަނޑު އެތައް ދުވަހެއް ފަހުން ފެނުމަކީ އެއީ އިންސާނީ ކަރާމާތް ގެއްލުންކަން ތާލިބު ފާހަގަކުރެއްވި އެވެ.

”އިންސާނީ ހައްގެއް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ގެއްލިފައި މިވަނީ… އާއިލާއަށް ވެސް… އަދި އެ ފުރާނައަށް ވެސް… އެހެންވީމާ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެން ވަކީލުންގެ ފަރާތުން ހުށަހަޅާ ވަރަށް މުހިންމުކަމެއް މި ހުށަހަޅަނީ…“ ތާލިބު

މުވައްސަސާތަކާއި ހާއްސަކޮށް ފުލުހުންގެ އިންޓެގްރިޓީ މައްސަލަތައް ބެލުމަށް އޮންނަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އިޝަރާތްކޮށް ތާލިބު ވިދާޅުވީ މި މައްސަލަ ވެސް އެ ކޮމިޝަނަށް ހުށަހެޅޭނެ ކަމަށެވެ.

އިންސާފު ހޯދައިދިނުމާއި، އިންސާނީ ހައްގުތައް ކަށަވަރު ކުރުމަކީ އެއީ ސަރުކާރުގެ ވެސް ވައުދަކަށް ވާއިރު މިފަދަ މައްސަލަތަކަށް އެކަށީގެންވާ ސަމާލުކަން ދިނުމުގެ މުހިންމުކަން ތާލިބު ފާހަގަކުރެއްވި އެވެ.

އަޒްހާން ހޯދުމަށްޓަކައި ފުލުހުން ކުރި މަސައްކަތާއި، އަދި އެޅި ފިޔަވަޅުތައް އެނގެން ޖެހޭކަމަށް ތާލިބު ފާހަގަކުރެއްވި އެވެ.

މި މައްސަލަ އެޗްއާރުސީއެމަށް ވަކީލުންތަކެއްގެ ފަރާތުން ހުށަހަޅާފައި ވަނީ، އަމިއްލަ އިސްނެގުމަށެވެ.

ވަރަށް ގަދަ
70%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: