ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރުގެ ދައުރުގެ ފަހު އަހަރު ފެށިގެން ދިޔައީ ކެތްތެރިކަމާއެކު، ކުރިއަށް ވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ކޮވިޑްގެ ދައްޗާ ތުރާލާއެކު އެތެރޭންނާއި ބޭރުން ސިޔާސީ ވެރިން ދޭ ރައްދުތަކަށް ބެލުމެއް ނެތި ރައީސް ސާލިހު ދަނީ ކުރިއަށް ވަޑައިގަންނަވަމުން ކަމަށެވެ.
ފަސްއަހަރުގެ ދަވްރު ފަހުއަހަރަށް ފެށުނީ ކެތްތެރިކަމާއެކު MDP ގެސިޔާސަތުތަށް ފަތުރާ، ވަކިރަށެއްބާކީނުކޮށް މުޅިރާއްޖެއަށް ތަރައްޤީ ގެންނަމުން ރައީސް @ibusolihގެ ވެރިކަން ކޮވިޑްގެ ދައްޗާ ތުރާލާއެކު އެތެރެއާބޭރުން ސިޔާސީ ވެރިންދޭ ރައްދުތަކަށް ބެލުމރއްނެތި ކުރިޔަށް
— Moosa Maniku (Reeko) (@ReekoMoosa) November 12, 2022
ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވަނީ ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ކުރިއެރުމާއި ކުރެވުނު މަސައްކަތް ތަށް ފާހަގަކޮށްފައެވެ. އެގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްޤީވުމަށް ފަހި މާހައުލެއް ޤާއިމްކޮށްދެވިފައިވާކަމާއި ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ހިންގުމުގައި ހުރި އިދާރީ ހުރަސްތައް، ކުޑަކުރެވި މި ނިޒާމް ޑިޖިޓައިޒް ކުރެވިފައިވާކަމަށް ރައީސް ސާލިހ ވަނީ ވިދާޅުވެފައެވެ.
ފާއިތުވި 4 އަހަރު ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ޤާނޫނަކުން ކަނޑައަޅާފައިވުމާއި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ހެޔޮ ބަދަލާއި އެކު އެ ހެޔޮ ބަދަލު އަންނަ އަހަރު ޞިއްޙީ ދާއިރާއަށް ގެނެވޭނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 4 އަހަރު ސަރުކާރުން ހިންގަމުންދާ ފެނާ ނަރުދަމާއާއި ރަށް ރަށުގެ ލަފާ ފުރުމުގެ ދަތިކަމަށް، ޙައްލު ހޯދައިދިނުމުގެ މަޝްރޫޢުތައްފަދަ އަސާސީ ޚިދުމަތުގެ ބޮޑު މަޝްރޫޢުތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނު ކަމަށެވެ.
ކޮވިޑް19 ގެ ދަތި ހާލަތުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާ ގޮސްފައިވަނީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވަނީ ވިދާޅުވެފައެވެ.

