2023 ވަނަ އަހަރުގެ ބަޖެޓާއިމެދު ގިނަ ފަރާތްތަކަކުން ކަންބޮޑުވެއެވެ. ސަރުކާރުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލީސް މެމްބަރުން މިކަމަށް ތާއީދުކުރައްވާއިރު، އިދިކޮޅު ޕީޕީއެމް އަދި ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނާއި ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުންވެސް ވަނީ ބަޖެޓު އެކުލަވާލެވިފައިވާގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި ދިވެހިރާއްޖޭ ފިސްކަލް ހާލަތު ހުރި ގޮތުންނާއި ދަރަނީގެ އަދަދުތައް އަރައިގެންގޮސްފައިވާ މިންވަރުގެ ސަބަބުން 2023 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިން ދައުލަތުގެ ހަރަދުތައް ހަމަޖެއްސޭނެ ކަމަށް އެ މުވައްސަސާއަށް ބެލެވޭ ސަބަބެއް ނުފެނުން ހިމެނެއެވެ.
އެމްއެމްއޭއިން ދިވެހިރާއްޖޭގެ ދައުލަތުގެ ރިކަރެންޓު ހަރަދުތަކަށް އަލިއަޅުވައި ބުނެފައިވާގޮތުން، 2023 ވަނަ އަހަރަށް އެކުލަވާލާފައިވާ ބަޖެޓުގައި ރިކަރެންޓު ހަރަދުގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 28.6 ބިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް އެ އަދަދަކީ ލަފާ ކުރެވޭ މިންވަރަށްވުރެ އެވަރެޖުކޮށް 2.4 ބިލިއަން ރުފިޔާއިން އިތުރުވެގެންދާ ހަރަދެއްކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
އެ މުވައްސަސާއިން ބުނެފައިވާގޮތުން ފާއިތުވެދިޔަ އަހަރުތަކަށް ބެލުމުން ހަރަދުތައް އިތުރުވެގެންދާ މިންވަރުތައް ސާފުވެގެންދާކަމަށެވެ. އެހެންކަމުން ދައުލަތަށް ބޭރުގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ދޭނެކަމަށް ލަފާކުރާ ހިލޭ އެހީ ނުހިމަނައި ރިކަރެންޓު ހަރަދުތައް އެކަނިވެސް ހަމަޖެއްސުން ވެގެންދާނީ ދަތިކަމަކަށް ކަމަށް އެ މުވައްސަސާއިންވަނީ ލަފާކޮށްފައެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން އިންޝުއަރެންސް ނުވަތަ އާސަންދައަށް ހޭދަވެގެންދާ އަދަދުތަކުގެ ސަބަބުންނާއި ފިއުލް ސަބްސިޑީ ދިނުމަށް ގެންގުޅެމުންދާ ސިޔާސަތުތަކުގެ ސަބަބުން ހަރަދުތައް ހަމަޖެއްސުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.
އެގޮތުން ސަރުކާރުން ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކުރަމުންދަނީ އިންޝުއަރެންސް ނުވަތަ އާސަންދައިގެ ހިދުމަތް ދިނުމަށްކަމަށް އިޝާރާތްކޮށް އެމްއެމްއޭއިން ބުނެފައިވާގޮތުން އެ ހޭދަތައް ކުޑަކުރުމުގެ މަސައްކަތްތައް 2017 ވަނަ އަހަރުން ފެށިގެން ކުރުމަށް ކަނޑައެޅިފައިވާނަމަވެސް ފިޔަވަޅެއް ތަންފީޒުކުރެވިގެން ނުދާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އެކަމަށް ކުރަމުންދާ ހަރަދުތައް އަހަރަކުން އަހަރަކު އިތުރުވަމުންދާކަމަށްވުމުން މިހާރު އަންދާޒާކޮށްފައިވާ އަދަދު 0.7 ބިލިއަނުން އިތުރުވާނެކަމަށް ލަފާކުރާކަމަށް ބުނެފައިވެއެވެ.
ފިއުލް ސަބްސިޑީއަށް ކުރަމުންދާ ހަރަދުތަކާއިމެދުވެސް އެމްއެމްއޭއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފިއުލް ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަކަށް ހެދުމަށް ދައުލަތުން ވިސްނާފައިވާކަމަށާއި އެކަން ކުރުމަށް ހުރަސްތަކެއް ކުރިކަމަށްވެސް ފާހަގަކޮށްފައިވާކަމަށް އިޝާރާތްކޮށް އެމްއެމްއޭއިން ބުނެފައިވާގޮތުން ފާއިތުވި އަހަރުތަކުގެ ޓްރެންޑްއިން ދައްކާގޮތުން އަހަރަކުން އަހަރަކަށް ފިއުލްސަބްސިޑީގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.
އެހެންކަމުން މި އަހަރުވެސް އެ އަދަދު އިތުރުވުުމުގެ ފުރުސަތުތައް އޮތުމުން، ޓާގެޓެޑް ސަބްސިޑީއެއް ދިނުމަށް އޮތް ހިރާސްތައް ކުޑަ ކުރުމަށް ޕްލޭނެއް އެކުލަވާލައި އެ ޕްލޭނުގެ ދަށުން އަމަލު ކުރުން މުހިންމު ކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.
2023 ވަނަ އަހަރުގެ ބަޖެޓާއިމެދު ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި އެމްއެމްއޭއިންވަނީ ފައިސާ ޗާޕު ކުރުމުގެ ބިރު އޮތްކަމަށްވެސް ފާހަގަކޮށްފައެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން ޕަބްލިކް ބެންކު އެކައުންޓުން އޯވާރ ޑްރޯކޮށްގެން ނުވަތަ ޗާޕުކޮށްގެން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދީ ސިނާއަތުގެ ތެރެއިން ދައުރުވަމުންދާ އެކްސެސް ފައިސާގެ ލިކުއިޑިޓީ އުތުރުވެ ބޭރު ފައިސާއަށް އޮންނަ ޑީމާންޑު އިތުރުވެގެންގޮސްދާނެކަމަށާއި އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރުތަކެއްކޮށް ދިވެހި ފައިސާގެ އަގު ވެއްޓިދާނެކަމަށްވެސް އެމްއެމްއޭއިންވަނީ އިޝާރާތްކޮށްފައެވެ.
ޕީބީއޭއިން އޯވާރ ޑްރޯކުރުން ނުވަތަ ފައިސާ ޗާޕުކުރުމަށް އަލި އަޅުވައި އެމްއެމްއޭ އިންވަނީ އެފަދަ އަމަލެއް ސަރުކާރުގެ ފަރާތުން ފެނިގެންދާކަމުގެ އިޝާރާތްތަކެއްކޮށް، އެކަން ކުރުމުގެ މަގުސަދަނީ ހަރަދުތައް ހަމަޖެއްސުންކަމަށް ފާހަގަކޮށްފައެވެ. އެމްއެމްއޭއިން ބުނެފައިވާގޮތުން ސަރުކާރުން އެކަން ކުރަމުންދަނީ ހަރަދަށް ޒިންމާވާ ގާނޫނޫގެ މާއްދާއެއް އުނިކޮށްގެންނެވެ. އަދި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެ މާއްދާ އޮތީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްފައިކަމަށް އެ މުވައްސަސާއިންވަނީ ފާހަގަކޮށްފައެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން މިހާތަނަށް އޯވާރޑްރޯކޮށްފައިވާ އަދަދު އަނބުރާ ދެއްކުމަށްވެސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިނުވެއެވެ. އަދި ބޭރުގެ ފަރާތްތަކުގެ އަތުންނާއި ޑޮމެސްޓިކު މާކެޓުން ހޯދުމަށް ކަނޑައެޅިފައިވާ ފައިސާވެސް އަނދާޒާ ކުރެވިފައިވާ އަދަދަށް ނުލިބުމުގެ ފުރުސަތު އޮތުމުގެ ސަބަބުން އެ މުވައްސަސާއަށް ލަފާ ކުރެވޭ ގޮތުން ކުރިއަށް އޮތް އަހަރުގައިވެސް 4.4 ބިލިއަނާއި ގާތް ކުރާ އަދަދަކަށް ސަރުކާރުން ޕީބީއޭއިން އޯވާރ ޑްރޯ ކުރާނެއެވެ.
އެމްއެމްއޭއިންވަނީ ލަފާ ކުރާ ބޭރު ފައިސާތައް ނުލިބިއްޖެ ހާލަތެއްގައި ޒަރޫރީ ބޭނުންތައް ހޯދުމުގައިވެސް ދަތިތައް ކުރިމަތިވެގެންދާނެކަމުގެ އިޝާރާތްތަކެއްކޮށްފައެވެ.
އެ މުވައްސަސާއިން ބުނެފައިވާގޮތުން 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށްވެސް ދައުލަތުގެ ރިޒާވަށް އިތުރުވެގެންދާނެކަމަށް ލަފާކުރާ ބޭރު ފައިސާގެ އަދަދުތަކުން 51.7 އިންސައްތަ ފައިސާ ލިބިފައިނުވެއެވެ. އަދި ބޭރުގެ ފައިނޭންސްއަކީ ދައުލަތުގެ ހަރަދުތައް ހަމެޖެއްސުމުގެ އިތުރުން ދައުލަތުގެ ރިޒާވް ވަކި މިންގަނޑެއްގައި ހިފެހެއްޓެުމަށް މުހިންމު ފައިސާތަކެއް ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން އަންދާޒާ ކުރާ ވަރަށް ބޭރުގެ އެހީ ނުވަތަ ފިނޭންސް ނުލިބުމަކީ ރަސްމީ ރިޒާވު ވަކި މިންގަނދެއްގައި ހިފެހެއްޓުމަށް ހުރި ގޮންޖެހުމެއްކަމަށް ފާހަގަކޮށް އެ މުވައްސަސާއިން ބުނެފައިވާގޮތުން 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށްވެސް ދައުލަތުގެ ރިޒާވަށް އިތުރުވާނެކަމަށް އަންދާޒާކޮށްފައިވާ އަދާއި ގާތް ކުރާ އަދަދަކަށްވެސް އިތުރުވެފައިނުވާކަމަށް އެމްއެމްއޭއިންވަނީ ބުނެފައެވެ.
އެ މުވައްސަސާއިން ބުނެފައިވާގޮތުން މިހާރު ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދު ނުލިބިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަދި ސަރުކާރުގެ ހަރަދުތައް ކުޑަ ނުކުރެވިއްޖެ ނަމަ، ސަރުކާރުގެ ކުންފުނިތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމުގައި ދަތިތައް ކުރިމަތިވެގެންދާނެއެވެ. އަދި އެ ފައިސާތައް ފޯރުނުކޮށްދެވިއްޖެ ހާލަތެއްގައި ޒަރޫރީ ބޭނުންތަކަށް އިމްޕޯޓުކުރާ ތަކެތި ގަތުމުގައި ދަތިތައް ކުރިމަތިވެގެންދާނެކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

