ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ މާލީ ރިޒާވް: ނަޝީދާއި ސަރުކާރު ބޮޑު ކޯޅުމެއްގަ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ މާލީ ހާލަތާއި މާލީ ރިޒާވްގެ ތަސައްވުރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ދައުލަތުގެ ބޭރުފައިސާގެ ރިޒާވް ހުސްވެ ދިވެހިންގެ އަސާސީސީ ކަންކަން ފުއްދޭ މިންވަރަށް ފައިސާ ނެތްކަން އެނގިވަޑައިގެން ހުންނަވާ އެ ވާހަކަ ބުނުމަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި އެމަނިކުފާނު ކުރައްވަން ޖެހޭ ކަމެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މާލީ ރިޒާވް އާއި ގުޅޭ މައުލޫމާތު ހޯއްދެވުމަށް މަޖިލީހަށް ސިޓީއެއް ވެސް ފޮނުވާފައެވެ.

ރައީސް ނަޝީދުގެ ސިޓީގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ފިސްކަލް ހާލަތު އަދި ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން ބައެއް ނުކުތާތައް ހިމަނުއްވާފައި ވެއެވެ. އަދި އެމްއެމްއޭގެ ލަފާތަކަށް އެއްވެސް ރިއާޔަތް ކުރުމެއް ނެތުމާއި، އަދަދުތަކަކީ އެއްވެސް އަސްލެއް ނެތް ނަމްބަރުތަކެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ރިޒާވް ހުސްވުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ އެއީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ.  އެގޮތުން އަމީރު ވިދާޅުވެފައިވަނީ ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއް ނޫންކަމަށާއި، އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބު ކޮށްލުމުގެ ބޭނުމުގައިކަމަށެވެ.

ކޮވިޑުންވެސް އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިޤްތިސާދުތަކުގައި ރާއްޖެ ހިމެނޭކަމަށް ފާހަގަކުރައްވާ އަމީރު ވިދާޅުވެފައިވަނީ، 2020 ވަނައަހަރު ކޮވިޑާއެކު ރާއްޖެ ކުރިމަތިލީ, މިއަދު މިތިބި ހާލަތަށްވުރެ މާ ދަތި, ގޮންޖެހުންތައް ބޮޑު ހާލަތަކާއިކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މާލިމީކަމުގައި އެދަތިންވެސް ރާއްޖެއަރައިގެންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އެބޭފުޅުން އަބަދުވެސް ފާހަގަކުރަމުން މިދަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރުވެސް ހުރިވާހަކަކަމަށާއި، ފޮރުވަން މަސައްކަތް ނުކުރައްވަންކަމަށް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ ހުރިހާ ތަފާސް ހިސާބުތަކެއް އެހުރީ ހާމައަށް ފެންނަންކަމަށެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާކަމަށް ގިނަ ބަޔަކު ފާހަގަކުރަމުން އަންނަ ދަނޑިވަޅެއްގައި، ދައުލަތުގެ ފަރާތުން 2023 ވަނަ އަހަރަށް ކަނޑައެޅި ބޮޑު ބަޖެޓާއިމެދުވެސް ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެއާއިއެކު ސަޕްލިމެންޓްރީ ބަޖެޓެއް ހުށައެޅީވެސް ގަވާއިދާއި ހިލާފަށްކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ބަޖެޓު ހުށަހެޅިއިރު، މި ހިނގާ 2022 ވަނަ އަހަރުގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ޖެހޭކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން މިއަހަރަށް ފާސްކުރި 36 ބިލިއަން ރުފިޔާގެ އިތުރަށް 5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށާއި އަހަރު ނިމޭއިރު ދައުލަތުގެ ހަރަދުތައް ހުންނާނީ 42 ބިލިއަނުގައި ކަމަށް ބަޖެޓު ފޮތުގައި ހިމަނާފައިވެއެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ތާއީދު ކުރައްވައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެފައިވަނީ މިނިސްޓަރު އަމީރުގެ ސިޔާސީ ވާހަކަތަކުން ރައްޔިތުންގެ ކަންބޮޑުވުން ނުފިލާނެކަމަށެވެ. އަދި އީވާ އެދިފައިވަނީ އަސާސީ ކަންކަމަށް ބޭނުންވާ ޑޮލަރު ހުރި މިންވަރު ހިސާބު އަކުރުން ތެދަށް ސާފުކޮށް ދެއްވުމަށް އެދިފައެވެ.

ގައުމު ބަނގުރޫޓުވާ ހާލަތުގައި އޮއްވައި މަޖިލީހުގެ ރިޔާސަަތުގައި އިންނެވުން ލަދު ގަންނަކަމަށް ރައީސް ނަޝީދު ވިދާޅުވީއިރު، މީގެ ކުރިން ވެސް އެކި ފަހަރު މަތީން ރާއްޖޭގެ ރިޒާވާއި މެދު ސުވާލު އުފައްދައި އެމަނިކުފާނު ވާހަކަ ދެއްކެވި އެވެ. އަދި އިގްތިސާދީ ހާލަތު ދަށްވެ، ދަރަނި އިންތިހާއަށް އިތުރުވުމުން ވެސް ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް ނުފެނުމަކީ ގޯހެއްގެ ގޮތުގައި ތަކުރާރުކޮށް ރައީސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ އަރިސް މެމްބަރެއް ކަމަށްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ އިގްތިސާދީ ހާލަތާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ. އެގޮތުން އާޒިމް ވިދާޅުވީ މަސް ނިމޭ ހިސާބަށް އަންނައިރު މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާ ވެސް ނޯންނާނެ ކަމަށާއި، އެހެންކަމުން ކޮންމެ މީހަކަށްވެސް ޖެހެނީ ރަށްޓެހިން ކައިރީގައި އާދޭސް ކުރަން ކަމަށާއި މިއަދު މިވަނީ އެދުވަސް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ މިއަދު ދިވެހިންގެ ހާލަތު ހުރިގޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާކަމަށް ގިނަ ބަޔަކު ފާހަގަކުރަމުން އަންނަ ދަނޑިވަޅެއްގައި، ދައުލަތުގެ ފަރާތުން 2023 ވަނަ އަހަރަށް ކަނޑައެޅި ބޮޑު ބަޖެޓާއިމެދުވެސް ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: