އިންތިހާބު ތަކުން ބަލިވާ މިންވަރަށް އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކަުރިމަތިލައްވާ ކޮންމެ ކަމަކާއި ކުރިމަތިލަނީ ކާމިޔާބު ވުމަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެތޯ މީހަކު ސުވާލުކުރުމުން ވިދާޅުވީ އެފަދަ އިންތިހާބަކަށް ދާއިރު އެމްޑީޕީ އިން މިދިޔަ ރިޔާސީ އިންތިހާބުގައި ނެރުނު މެނިފެސްޓޯގައިވާ ކަންކަމަށް ވިސްނާލަންޖެހޭ ކަމަށެވެ. އެގޮތުން މެނިފެސްޓޯގައި ވެފައިވާ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމުގެ ވައުދު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޕާޓީގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުން ނިޒާމީ ވޯޓެއް ނެގުމަށް އެއްބަސްވެފައިވާ ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެކަން ގުޅިފައިވާ ޕާޓީތަކުގެ އެއްބަސްވުމުގައިވެސް ހިމަނާފައިވާނެ ކަމަށާއި ވުމާއެކު އެކަންކަމަށް ޕާޓީ ތަކުން ތާއީދު ކޮށްފައިވާ ކަމަށެވެ.
ރައިސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕޭން ލޯންޗް ކުރުމަށް ހަމަޖެހިފައިވާ ކަމުގެ އަޑުތައް ޕާޓީ ތެރޭގައި ވަނީ ފެތުރިފައެެވެ. އެގޮތުން މިމަހުގެ 2 ވަނަ ދުވަހު ރައީސް ނަޝީދުގެ ކެމްޕޭން ލޯންޗް ހަރަކާތް ގދ ތިނަދޫގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ނަޝީދުގެ އަރިސް މެމްބަރުން ވަނީ ބުނެފައެވެ.
ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުަހައްމަދު ސާލިހް އާއެވެ.
އެމްޑީޕީގެ ކޮންގްރެސްގެ ދުވަސްވަރު ރައީސް ނަޝީދު އެންމެ ގަދައަށް ދެއްކެވި ވާހަކަ އަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެދޭ ވާހަކައެވެ. އެމަނިކުފާނު މީގެ ކުރިން ވިދާޅުވި ގޮތުގައި ރާއްޖޭގައި އެކަކު އެކަނި ނިކުމެ ރިޔާސީ އިންތިހާބުގައި ފަންސާސް އިންސައްތަ އާއި އިތުރު އެއް ވޯޓް މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ. އެހެން ކަމުން އެންމެ ރިޔާސީ އިންތިހާބުގައި އެންމެ ގިނައިން ވޯޓްލިބޭ މީހަކު އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ހުށަހެޅުމަށް ރައީސް ނަޝީދު ވަނީ މަސައްކަތް ކޮށްފައެވެ. އަދި ރައީސް ނަޝީދު ކޮންގްރެސްގައި ހުށަހެޅި އިސްލާހުތަކަށް އެދެވޭ ނަތީޖާއެއް ނުލިބުމާއި ރައީސް ސާލިހް އާއި މަޝްވަރާ ކުރުމަށް ފަހު އިސްލާހު އަނބުރާ ގެންދިއުމަށް ނިންމެވިއެވެ.
ރައީސް ނަޝީދު ކޮންގްރެސްގައި ހުށަހެޅި އިސްލާހުތައް އަނބުރާ ގެންދިއުމުން ރައީސް ސާލިހު ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އިތުރަށް ވިސްނާލުމަށް އިސްލާހުތައް މިވަގުތަށް މަޑުޖައްސާލީ ކަމަށެވެ.

