މަޖިލީހުގައި ގާނޫނާއި ހިލާފުވީމައި އެކަން ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫންކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އެމަނިކުފާނު މަޖިލީހުގެ އުސޫލްތަކައި ހިލާފުވާކަމަށް ފާހަގަކޮށް، މަޖިލީސް ހިންގަވަނީ ހުދުމުހުތާރުކޮށްކަމަށް ބުނެ އެމްޑީޕީގެ މެންބަރުން އަމާޒުކުރާ ފާޑުކިޔުންތަކާއި ގުޅިގެން ”ސަންގުން“ ރައީސް ނަޝީދާއި ސުވާލުކުރުމުން ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ގާނޫނާއި ހިލާފުނުވެވޭނެކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގާނޫނާއި ހިލާފުވެ ވަޑައިގެންނެވި ނަމަވެސް އެކަން ފާހަގަކުރަންޖެހޭނީ މެންބަރުން ނޫންކަމަށާއި، އަދި އެއީ މަޖިލީހުގައި އިންނަވާ ކައުންސިލާ ޖެނެރަލްގެ ޒިންމާއެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ އިތުރު ކަންކަން ނިންމާނީ ވޯޓުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބައެއް މެނަބަރުންނަށް ފުރުސަތު ނުލިބުމުން، އެ މެންބަރުންނާއި މެެދު އެމަނިކުފާނު ނުހަމަ ގޮތަކަށް އަމަލުކުރައްވަނީކަމަށް މެންބަރުންނަށް ގަބޫލުކުރެވޭކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
”ބައެއް ފަހަރަށް އެ މެންބަރަކަށް ފުރުސަތު ލިބިވަޑައިނުގަތީމައި، އެ މެންބަރަކު ދެކޭނީ އަޅުގަނޑު އެ މެންބަރަކާއި ގުޅޭގޮތުން ނުހަމަ ގޮތަކަށް އަމަލުކުރީކަމަށް“
ރައީސް ނަޝީދު މިފަދައިން ވިދާޅުވީއިރު، ދެ ފެކްޝަނަކަށް ހިނގާ އެމްޑީޕީގައި އެމަނިކުފާނާއި ދެކޮޅު މެންބަރުން ގެންދަވަނީ ރައީސް ނަޝީދު މަޖިލީސް ހިންގަވާ ގޮތަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. އެގޮތުން އެމަނިކުފާނު ރިޔާސަތުގައި އިންނަވާ މެންބަރުންގެ ވާހަަތައްތަކުގެ ތެރެއިން ވާހަކަ ހުއްޓުވުމަށްފަހު، އަމިއްލަފުޅު ވާހަކަދައްކަވާކަމުގެ ޝަކުވާ މެންބަރުން ކުރެއެވެ. އަދި ހިތްޕުޅާވާ މެންބަރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގައި އިސްކަންދޭކަމަށްވެސް މެންބަރުން އަންނަނީ ފާހަގަކުރަމުންނެވެ.
މި ޝަކުވާތަކާއިއެކު މެންބަރުން ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހަށްވެސް ވަޑައިގަނެފައެވެ. ރައީސާއި ބައްދަލު ކުރުމަށް މުލިއާގެއަށް ދިޔަ މައްސަލައިގައި ރައީސް ނަޝީދު މަލާމާތުގެ ރާގަކަށް ވިދާޅުވީ އެއީ މެންދުރުގެ ވަގުތުކަމަށްވުމާއި އެކު ވަޑައުގެންނެވީ ކެއުމަށްކަމަށް ބެލެވޭ ކަމަށެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި މެމްބަރުން މުލިއާގެއަށް އެދުވަހު ވަޑައިގަތީ “ގަރުދިޔައާއި ބަތް” ފަރިއްކުޅުވުއްވުމަށެވެ.
މެމްބަރުން މުލިއާގެއަށް ދިޔަ މައްސަލައިގައި، ރައީސް ނަޝީދާއި އަރިސް މެމްބަރުން ފާޑުކިޔައި އެއީ އެއްބާރުން އަނެއް ބާރުގެ ތެރެއަށް ވަނުންކަމަށް ވެސް ސިފަ ކުރިއެވެ. މަޖިލީހަކީ ވަކި މީހެއްގެ ތަނެއް ނޫންކަމަށާއި ރައީސް ނަޝީދު ދައްކަވަނީ ވަރަށް ހަޑި މަންޒަރުތަކެއްކަމަށް ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެއެވެ. އަދި އޭނާ ރައީސް ނަޝީދާއި ދެކޮޅަށް މީޑިއާތަކާއި ވާހަކަ ވެސް ދެއްކެވިއެވެ.
ވެރިކަމުގައި ހޭދަ ކުރެއްވި ދޮޅު އަހަރުގެ ތެރޭގައި މުލިއާގެ ތެރެއިން ރައްޔިތުންގެ މަޖިލީސް ހިންގެވީ، ރައީސް މުހައްމަދު ނަޝީދުކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްވެސް ވަނީ މި މައްސަލައިގައި ވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރެ ހޫނުވެ، އެއްމެމްބަރަކު އަނެއް މެމްބަރަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒު ކުރަމުންނެވެ. އޭގެ ތެރޭގައި ޒާތީ ގޮތުން ދިމާ ކުރުމާއި، މީގެ ކުރިން އެބޭފުޅުންގެ ތެރޭގައި ހިނގާފައި ހުރި ބައެއް ކަންތައް އަދި ދެކެވިފައި ހުރި ވާހަކަތައް ވެސް އާއްމުކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ.
މައްސަލަ އެންމެ ބޮޑުވީ، ރައީސް ނަޝީދު މަޖިލީހުގައި މެމަބަރުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދެއްވުމާއި ބަހުސްތަކަށް ހުރަސްއަޅުއްވާކަމުގެ ތުހުމަތާއި އެކު އެވެ. ރައީސް ސޯލިހާއި އަރިސް މެމްބަރުން ވަނީ، ރައީސް ނަޝީދު ބޭނުންވަނީ ވެރިކަންކަމަށް ތުހުމަތުކޮށް އެފަދަ ދެވަނަ ފުރުސަތެއް ދެން އެމަނިކުފާނަށް ރައްޔިތުން ނުދޭނެކަމަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވިދާޅުވެފަ އެވެ. ބައެއް މެމްބަރުން މިހާރު ރައީސް ނަޝީދު ރިޔާސަތުގައި ހުންނަވާ ވަގުތު ވެސް ފާޑުކިއުން އަމާޒު ކުރެއެވެ.

