ވޯލްޑް ކަޕް އާއްމުންނަށް ދެއްކުމަށް އެއްމެ ބޮޑު ލެޑް ޕެނަލް އާއި އެކު ކުރިއަށް ގެންދާ ބޯޅަ ފޯރީގައި ފައިނަލް މެޗު ބެލުމަށް ދުރުވާ ފަރާތްތަކަށް އަގުހުރި ހަދިޔާތަކެއް ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.
އެޗްޑީސީ އާއި މީޑިއާ ނެޓާއި ގުޅިގެން މެޗް ބަލަން ދުރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ 5 ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މެޗުތައް ހުޅުމާލެގައި ދެއްކުމުގެ ގޮތުން ”ބޯޅަފޯރި“ގެ ނަމުގައި އެޗްޑީސީން ވަނީ ހުޅުމާލެގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓާފައެވެ. ހުޅުމާލެ ދެ ސަރަހައްދެއްގައި އެޗްޑީސީން ވަނީ 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގައި ބޮޑު ސްކްރީނުން މެޗުތައް އެޅުވުން ކޮންމެ ދުވަހަކުވެސް ކުރިޔަށްދެއެވެ.
އެޗްޑީސީއިން ބުނެފައިވަނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުން ބޭނުންވާކަންކަން ދެނަގަނެ އެކަންކަން އާންމުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި ވޯލްޑް ކަޕް ނިމެންދެން މިފަދަ ގިނަ ހަރަކާތްތައް އެކި ދުވަސްތަކުގެ މަތިން ކުރިޔަށް ގެންދިޔުމަށްވެސް އެ ކޯޕަރޭޝަނުން ހަމަޖައްސާފައިވާކަމަށް ވަނީ ބުނެފައެވެ.

