އެމްޑީޕީގެ އަމިއްލަ ދަފްތަރުގައި ހިމެނޭ 93،440 މެމްބަރުންގެ ތެރެއިން 41،189 މެމްބަރުންނަކީ ސައްހަ ނޫން މެމްބަރުންތަކެއް ކަމަށް އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ދަފްތަރުގައި ހުރި މައްސަލަތައް ހަމައަކަށް އެޅުވުމަށް ކުރައްވާފައިވާ މަސައްކަތްތައް ހިއްސާކޮއް، އިބްރާހިމް ވިދާޅުވީ، އެނާ މަސައްކަތް ކުރެއްވީ އެމްޑީޕީގެ އިންތިހާބުތަކުގައި ވޯޓު ދެވޭނެކަމަށް ސެކްރެޓޭރިއޭޓުން އާންމުކޮއްފައިވާ މެމްބަރުންގެ ނަންތައް އިލެކްޝަންސްގެ ވެބްސައިޓުގައި އޮތް ގޮތް ބެލުމައް ކަމަށެވެ. އަދި މި ކަން ކުރުމަށް ބަލާފައިވާ ލިސްޓަކީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހު އެ ޕާޓީއިން އާންމުކޮއްފައިވާ ލިސްޓެއްކަމަށް އެނާ ފާހަގަކުރެއްވިއެވެ.
2021 ވަނަ އަހަރު އާންމުކޮށްފައިވާ ލިސްޓުގައި ހިމެނެނީ 93،440 މެމްބަރުންކަމަށް އިޝާރާތްކުރައްވާ އިބްރާހިމް ވިދާޅުވީ، އެ ލިސްޓުގައި ނުހިމެނޭ 46 ނަމެއް އިލެކްޝަންސްގެ ވެބްސައިޓުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓްރީ ކުރެވިފައިވާކަމަށެވެ. އަދި އިލެކްޝަންސްގެ ވެބްސައިޓުގައި އެހެނިހެން ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓަރ ކޮއްފައިވާ އަދި އެއްވެސް ޕާޓީއެއްގައި ރެޖިސްޓަރ ކުރެވިފައިނުވާ 41،189 މެމްބަރުން އެ ޕާޓީގެ ވެބްސައިޓުގައިވާ ދަފްތަރުގައި ހިމެނޭކަމަށްވެސް އެނާ ވިދާޅުވިއެވެ.
އެގޮތުން އިލެކްޝަންގެ ވެބްސައިޓުގައި އަދާލަތު ޕާޓީގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓަރ ކުރެވިފައިވާ 1211 މީހުން، ޑީއާރްޕީގެ 389 މެމްބަރުން، ޖުމުހޫރީ ޕާޓީގެ 3788 މެމްބަރުނާއި އެމްޑީއޭގެ 1761 މެމްބަރުން ހިމެނޭކަމަށް އެނާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ، އެމްއެސްއެލްޑީޕީގެ 875 މެމްބަރުން އަދި އެމްއާރްއެމްގެ 1029 މެމްބަރުން، އެމްޓީޑީގެ 1048 މެމްބަރުންނާއި ޕީއެންސީގެ 698 މެމްބަރުން އަދި ޕީޕީއެމްގެ 6357 މެމްބަރުންގެ އިތުރުން އެއްވެސް ޕާޓީއެއްގައި ރެޖިސްޓާރ ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ސައިޓުން ނުދައްކާ 24،033 މެމްބަރުންނެއް އެމްޑީޕީގެ 2021 ވަނަ އަހަރުގެ މެމްބަރުންގެ ލިސްޓުގައި ހިމެނޭކަމަށެވެ.
ދަފްތަރު ސާފުކުރެއްވުމުގެ މަސައްކަތްތަކުގެ ތެރެއިން 2021 ވަނަ އަހަރު އިންތިހާބު ކުރެވުނު ލޯކަލް ކައުންސިލުތަކާއި ޑަބްލިއުޑީސީތަކަށްވެސް ބަލާފައިވާކަމަށް އިބްރާހިމް ވިދާޅުވިއެވެ.
އެގޮތުން އެ ޕާޓީގެ ވެބްސައިޓުގައި ހިމެނޭ ލިސްޓުގެ ތެރެއިން އެމްޑީޕީގެ ކައުންސިލަރުންގެ ގޮތުގައި 403 މީހަކު އިންތިހާބު ކުރެވިފައިވާކަމަށް އެނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ލިސްޓުގައި އަދާލަތު ޕާޓީއިން އިންތިހާބު ކުރެވިފައިވާ ކައުންސިލަރަކާއި، ޖޭޕީގެ 6 ކައުންސިލަރުން، އެމްއެސްއެލްޑީޕީގެ ކައުންސިލަރަކާއި ޕީޕީއެމްގެ 54 ކައުންސިލަރަކު އަދި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވެފައިވާ 62 ކައުންސިލަރަކުވެސް ހިމެނޭކަމަށް އެނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ވެބްސައިޓުގައިވާ ލިސްޓުގެ ތެރެއިން އެ ޕާޓީގެ ފަރާތުން ޑަބްލިއުޑީސީތަކަށް އިންތިހާބު ކުރެވިފައިވަނީ 306 މެމްބަރެއްކަމަށް ފާހަގަކުރައްވާ އިބްރާހިމް ވިދާޅުވީ، ޖޭޕީގެ ފަރާތުން އިންތިހާބު ކުރެވިފައިވާ 4 މެމްބަރެއް އަދި އެމްއާރްއެމްގެ މެމްބަރަކާއި ޕީޕީއެމްގެ 41 މެމްބަރެއްގެ އިތުރުން އަމިއްލައަށް އިންތިހާބުވެފައިވާ 55 މެމްބަރެއްގެ ނަންވެސް އެމްޑީޕީގެ ވެބްސައިޓުގައިވާ މެމްބަރުންގެ ލިސްޓުގައި ވާކަމަށެވެ.
ޕާޓީގެ އަމިއްލަ ދަފްތަރުގައި ސައްހަ ނޫން އެތައް މެމްބަރުންތަކެއް ތިބި ކަމަށް އިބްރާހިމް ވިދާޅުވެފައިވާއިރު، އެމްޑީޕީއިންވަނީ މެމްބަރުންނަށް ނޭނގި އެހެން ޕާޓީއެއްގެ ދަފްތަރުގައި ޖައްސާފައިވާނަމަ އިލެކްޝަންސް ކޮމިޝަންނަށް ހުށައެޅުމުން ޕާޓީއަށް އަނބުރާ ރުޖޫއަކޮއްދޭނެކަމަށް ފާހަގަކޮށް އިއުލާނުކޮއްފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ގުޅިގެން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއަށް ސިޓީއެއް ފޮނުއްވާފައެވެ. ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާގޮތުން، އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ސާޅީސް ހާހާއި ގާތް ކުރާ އަދަދަކަށް މެމްބަރުން ވަނީ އެނގުމަކާއި ނުލައި ވަކި ކުރެވިފައެވެ. އަދި އެކަމުގެ ސަބަބުން ޕާޓީ ދަފްތަރުވަނީ ގަޑުބަޑުވެފައިކަމަށާއި އެކަމުގެ ސަބަބުން ޕްރައިމަރީގެ މިނިވަންކަން ގެއްލިގޮސްފައިވާކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ..


2 Responses
ނޫން! އަހރެންގެ ނަން ޕާޓީ ދަފުތަރުން އުނިކުރީ ކޮން ސަބަބަކާ ހުރެތޯ؟ ދުވަހަކު އެހެން ޕާޓީއެއްގައި ނަމެއް ނެތް! އެންމެފުރަތމަ ޕާޓީއުފެދުނީއްސުރެ ޕާތީގައި ހުރި މީހަކީމު. ވަކިކުރީ އަސާސި ގަވާއިދާއި ޚިލާފަށް!
އިބުރޭ އަށް ރަނގަޅަށް އެނގޭނެ، އެމްޑީޕީގެ ދަފުތަރުގައި ރަޖިސްތްރީވެވެނީ ޕާޓީ އޮފީހަށް ފޯމު ހުށަހަޅައި، އިލެކްޝަނގެ މިންގަނދަސް އެފޯމު ފެތޭތޯ ބެލުމަސްފަހުގައި ކަން. ދެން ޕާޓީއިން އެމީހުން އިލެކްޝަންސްގެ ދަފުތަރުގަިއ ޖެއްސުމަށް ނުފޮނުވުމަކީ މެމްބަރޝިޕް ކޮމެތީގެ ޗެއާގެ ހައިސިއްޔަތުން އިބުރޭ އާއި ޕާޓީ ހިންގުމުގެ ވެރިޔާ ޗެއާޕާސަން ފަޔާ ނަގަން ޖެހޭ ޒިންމާއެއްކަމަށްވެ އެކަން ފުރިހަމަ ނުކޮށްއަދާ، އެކަމުގެ އަދަބު އާއްމު މެމްބަރުންނަށް ދޭން ޖެހޭ ސަބަބެއް ނުވިސްނުނު!
ކޮންމެވެސް އެހެން އެޖެންޑާއެއް އެަކމުގަިއ ފޮރުވިފައި ވޭ! ތިލަ ކުރޭ!