ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކަށް އީސީން ނުވަންނާނެ: ހަބީބު

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުން މަގާމުތަކަށް އައްޔަނު ކުރުމަށާއި، އަދި އިންތިހާބުތަކުގައި ވާދަ ކުރުމަށް ބާއްވާ ވޯޓުތަކާއި ބެހޭ އުސޫލުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަނުން ނުވަންނާނެކަމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.

ކުރިޔަށް އޮތީ 2023 ގެ ރިޔާސީ އިންތިހާބުކަމަށްވުމާއި އެކު، އެކަމަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ. އަދި އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހަމަޖެއްސުމަށް ޕްރައިމެރީއަކަށް މިވަގުތު އިއުލާނުކޮށްފައިވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ އެވެ.

އިންތިހާބަށް އިއުލާނުކޮށް އެ މަސައްކަތް ފެށިއިރު، ޕާޓީގެ އެތެރޭގައި އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ ދަފްތަރު ގަޑުބަޑުކޮށްލާފައިވާކަމަށް ދެކެވޭ ވާހަކަ އެވެ. އަދި އިންތިހާބުގެ އިންސާފުވެރިކަމާއި މެދު ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި މިފަދަ ޝަކުވާތައް ފެންމަތިވާކަން ފާހަގަކޮށް، އެކަންކަން ބެލުމުގައި އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް ދައުރެއް އޮންނާނެ ތޯ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސުވާލު ކުރުމުން ހަބީބު ވިދާޅުވީ އީސީން ޕާޓީތަކުގެ އެތެރޭގެ އިންތިހާބަށް ނުވަންނާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ އާއްމު ގޮތެއްގައި ޕްރައިމެރީތައް ބާއްވާއި، ވާދަވެރިކަމާއި އެކު މަގާމުތައް ހޮވާ ޕާޓީތަކުގެ ގޮތުގައި ފާހަގަވެފައި ވަނީ އެމްޑީޕީއާއި ޕީޕީއެމް ކަމަށެވެ. އަދި ބައެއް ފަހަރަށް އިންތިހާބުގެ ޝަކުވާތަކާއި އިންސާފުވެރިކަމާއި މެދު ސުވާލު އުފެއްދި ނަމަވެސް އީސީން އެކަމުގައި ބަސް ބުނެ ނަހަދާނެކަމަށް ހަބީބު ވިދާޅުވި އެވެ.

ޕާޓީތަކުގެ އިންތިހާބުތައް ކުރިޔަށް ދަނީ އަސާސީ ގަވައިދާއި އެއްގޮތަށް އިޖުރާއަތުތައް ފުރިހަމަކޮށްގެން ތޯ ކޮމިޝަނުން ބަލާތޯ ސުވާލު ކުރުމުން ހަބީބު ވިދާޅުވީ ކޮންމެ އެތެރޭގެ އިންތިހާބަކަށް ވެސް ޕާޓީތަކުން އީސީގެ ފަންނީ ލަފައަށް އެދި ހުށަހަޅާ ކަމަށެވެ. އެހެންވެ، އިންތިހާބުތަކުގައި އަމަލު ކުރާ އުސޫލުތަކާއި، އަމަލު ކުރަން ޖެހޭ ގަވައިދުތައް އެ ޕާޓީތަކާއި ހިއްސާކުރާކަމަށް ހަބީބު ވިދާޅުވި އެވެ.

“އެގޮތުން އެމްޑީޕީން ވެސް ޕްރައިމެރީ ބޭއްވުމުގެ ކުރިން އެގޮތަށް އެދިވަޑައިގްނެނެވި.. އެގޮތަށް އެދިވަޑައިގްނެނެވުމުން އަޅުގަނޑުމެން މައުލޫމާތުތައް ހިއްސާ ކުރިން.. ދެން ޕާޓީތަކަކީ ގާނޫނީ ވަކި ޝަހުސެއް.. ޕާޓީތަކުގެ އެތެރޭގައި ބާއްވާ އެކަހަލަ އިންތިހާބުތައް އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަކީ އަޅުގަނޑު އަމިއްލަ ގޮތުން ގަބޫލު ކުރާ ގޮތުން އެހާ ރަނގަޅު ކަމެއް ނޫން” ހަބީބު

ހަބީބު ވިދާޅުވީ އެތެރޭގެ އިންތިހާބުތަކަށް އީސީން ވަނުމަކީ ނުވަތަ އެކަން ކޮމިޝަނުން ބަލަހައްޓައި އިންތިޒާމު ކުރުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެތެރޭގެ އިންތިހާބުތައް ބޭއްވުމުގެ އިހްތިޔާރު އޮތުމަކީ އެއީ އިތުބާރުތައް ދެމެހެއްޓުމަށް ވެސް މުހިންމުކަމެއްކަން ވެސް ހަބީބު ފާހަގަކުރެއްވި އެވެ.

ހަބީބު ވިދާޅުވީ އެންމެ ގިނަ ޕްރައިމެރީތައް ބޭއްވި ޕާޓީތައްކަމަށް ވާ އެމްޑީޕީ އާއި ޕީޕީއެމުން އިންތިހާބުގެ ޝަކުވާތައް ބެލޭނެ ރަނގަޅު އިންތިޒާމުތައް ހަމަޖައްސާކަމަށެވެ. އަދި އެ މަސައްކަތް ކުރިޔަށް ގެންދަވަނީ، ދެފުށް ފެންނަ ގޮތަކަމަށް ވެސް ވިދާޅުވި އެވެ.

“ކޮމިޝަނުގެ ދައުރަކަށް ނުވޭ އެބޭފުޅުން ބާއްވާ ޕްރައިމެރީއެއްގެ ތެރެއަށް ވަނުން.. ދެން ކަމެއް ގޯސްކޮށް ހިނގައްޖެއްކަމަށް ވަންޏާ އެބޭފުޅުންގެ އަސާސީ ގަވައިދުގަ ނުވަތަ އުސޫލުތަކުގަ އެބައޮވޭ އަމަލު ކުރަންވީ ގޮތަކަކީ ކޮބައިކަން”

އެތެރޭގެ އިންތިހާބުތަކުގައި އޮންނަ އެންމެ ބޮޑު ޝަކުވާއަކީ، ޕާޓީގެ ދަފްތަރުގައި ނުހިމެނޭ މީހުން ވޯޓުލާ މައްސަލައެވެ. ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފްތަރެއް އޮއްވައި، ސިޔާސީ ޕާޓީތަކުން ބަލަހައްޓާ އަމިއްލަ ދަފްތަރުތަކަށް ބަލައި ވޯޓު ލުމަށް ހުޅުވާލާތީ ނަތީޖާތަކަށް އޭގެ އަސަރު ކުރާކަމުގެ ޝަކުވާ ބޮޑެވެ.

މިހާރު އެމްޑީޕީގެ އެތެރޭގެ ވެސް ފެންމަތިވެގެން އުޅެނީ ދާދި އެއް މައްސަލައެކެވެ. އެއީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޕާޓީގައި ތިބީ 57،000 އެއްހާ މެމްބަރުންކަމަށް ދެއްކި ނަމަވެސް އެމްޑީޕީގެ އަމިއްލަ ދަފްތަރުން އެ އަދަދަކީ 90،000 ކަމަށް ދެއްކުމެވެ. އެހެންވެ، އެއަށް ބަދަލު ގެނެސް، ދަފްތަރު ސާފު ކުރީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާއި އެއްގޮތަށް ވޯޓު ލުން ކުރިޔަށް ގެންދިއުމަށްކަމަށް އެމްޑީޕީން ބުންޏެވެ.

އެކަމަކު އެކަމަށް ދެކޮޅު ހަދާ މީހުން ބުނީ، ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި މިދިޔަ އަހަރުން ފެށިގެން ޕްރައިމެރީއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ޕާޓީގައި ތިބި ދުވަސް ވީ މެމްބަރުން ދަފްތަރުން އުނިކޮށްފައިވާކަމަށެވެ.

އެމްޑީޕީގެ ދަފްތަރަށް އައި ބަދަލުތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއި ސުވާލު ކުރުމުން، ހަބީބު ވިދާޅުވީ ފާއިތުވި މަހެއްގެ ތެރޭގައި ޕާޓީން 1،700 އެއްހާ މެމްބަރުން މަދުވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރިޔާސީ އިންތިހާބުގެ ވޯޓަށް 6 ވަރަކަށް މަސް ބާކީ އޮއްވާ %2 ޖީއެސްޓީ ބޮޑުކޮށް ކޮތަޅަކުން 2ރ ނަގަން ނިންމި ސޭކަށް މަގޭ ވޯޓެއް ދެވޭކަށް ނެތް. މުޅި ދުނިޔެއާއި ދެކޮޅަށް ރާއްޖެ ކުނިގޮޑަކަށް ހަދަން ހުއްދަދިން ސޭކަށް މަގޭ ވޯޓެއް ދެވޭކަށް ނެތް އަރިހުގައި ތިބި ބައެއްގެ ހެއްލުމަށް ރަށްރަަށުގައި ހިއްކާފަ ހުރި ބިންތަކުން ރައްޔިތުންނަށް ގޯތި ދޭން ހުއްދަނުދޭ މީހަކަށް މަގޭ ވޯޓެއް ދެވޭކަށް ނެތް އާބާދީ ބޮޑެތި ރަށްރަށަށް ވެފައި ހުރި ވައުދުތަށް ނުފުއްދާ 800 މީހުން ހަމަނުވާ އާބާދީތަކަށް ވައުދު ވެފައިވެސް ނެތް ބޮޑެތި ބިޔަ ޕޮރޮޖެކްޓްތަށް ގެންގޮސް އެންޕީން ގަންނަން އުޅޭ ސޭކަކަށް މެގޭ ވޯޓެއް ދެވޭކަށް ނެތް މީހަކު އެއްޗެކޭ ބުނާއިރަށް ކީރިތި ކުރެއްވި ގަޔަށް ހީސްލެވޭ މީހަކަށް އަމުދުން މަށެއް ވޯޓެއް ނުދޭނަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: