ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލް، މަރު ކޮމިޝަނަށް: ރިޟްވާން މައްސަލައާއި ރައީސް ޔާމީނާއި ނުގުޅެވޭނެ، ތިއީ ސިޔާސީ ގޭމެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މަރުތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް މި ސަރުކާރުން އުފެއްދި ކޮމިޝަނުން ޕްރެސް ކޮންފަރެންސެއް ބާއްވައި ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމާއި މައްސަލަ ގުޅުވަން އުޅުނީ އެއްވެސް ހެއްކެއް ނެތި ސިޔާސީ ބޭނުމެެއްގައިކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިޔާ ރިޟްވާން ރަހީނުކޮށް، އޭނާ ގެއްލުވާލި މައްސަލައިގެ ހަގީގަތް ހޯދުމަށް މި ސަރުކާރުން އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ފަހު ކޮމިޝަނުން ނޫސްވެރިންނާއި މިދިޔަ ހަފްތާގައި ބައްދަލު ކުރި އެވެ. ޕްރެސްގައި ޖުމްލަ ގޮތެއްގައި މައުލޫމާތު ދިނީ ރިޟްވާން ރަހީނުކޮށް އޭނާ މަރާލުމުގައި ބައިވެރިވި މީހުން ސިޔާސީ ގޮތުން މީހުންނާއި ގުޅުން ބާއްވައި އެ މީހުންގެ ބާރުގަދަކަމާއި ގުޅޭގޮތުންނެވެ. އަދި އެ މީހުންނަށް ތުހުމަތުކޮށް ހައްޔަރު ކުރި ނަމަވެސް، ބަންދުން ދޫވެ އެންމެ ފަހުން ސީރިއާއަށް ފުރައިގެން ދެވުނީ އެ ގުޅުން އޮތުމުންކަމަށް ޕްރެސްގައި ކޮމިޝަނުން ބުންޏެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ކުރީގެ ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކޮށް ތަހުގީގަށް ހުރަސް އެޅިކަމުގެ ތުހުމަތު ކުރި އެވެ. އޭރު ރައީސް ޔާމިން ސުވާލު ކުރުމުން ބޭނުން ކުރެއްވީ ހަނު ހުރުމުގެ ހައްގެވެ.

އެންމެ ފަހުން މިދިޔަ ހަފްތާގައި ބޭއްވި ޕްރެސްގައި ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސާއި، ފަރީޝާ ވަނީ ރައީސް ޔާމިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކާއި ބައްދަލު ކުރިކަމަށް ވިދާޅުވެފަ އެވެ. އަދި ބައެއް މީހުންނާއި އެކު ރަސްމީ އިވެންޓުތަކުތައި ހުންނެވި ފޮޓޯތައް ދެެއްކި އެވެ. މެމްބަރުން ވިދާޅުވީ ކޮމިޝަނަށް ކުރި ހާޒިރުގައި ރައީސް ޔާމިންގެ އެއްބާރުލުން ނުލިބުނުކަމަށެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު“ ޕްރޮގްރާމުގައި ޑރ. ޖަމީލް ވިދާޅުވީ ކޮމިޝަނުން ރައީސް ޔާމިން ހާޒިރު ކުރީ މައުލޫމާތެއް ސާފު ކުރުމަށް ބޭނުންވާކަމަށް ބުނެކަމަށެވެ. މިއީ އެއްވެސް ހާލަތެއްގައި ކުރި ތުހުމަތެއްގެ މައްޗަށް ބިނާކޮށް ކުރި ހާޒިރަކަށް ނުވާއިރު ރައީސް ޔާމިން މައުލޫމާތު ދެއްވުމަށް ދެކޮޅު ހެއްދެއްވީމައުޟޫއިން ބޭރުން ކުރި ސުވާލުތަކަށްކަން ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ބޮޑެތި މައްސަލައިގެ ތަހުގީގުގެ ބޭނުމަށް އުފައްދާ ކޮމިޝަންތަކަކީ، ފަންނީ ގާބިލު އަދި އެ ދާއިރާއަކުން ތައުލީމު އުނގެނިތަޖުރިބާ ލިބިފައި މީހުން އެކުލެވޭ ގޮތަށް ގާއިމު ކުރާ ކޮމިޝަންތަކެއް ނަމަވެސް ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގައި އެ މަންޒަރު ތަފާތު ކަމަށެވެ. ބޭނުން ވާބަޔަކު އެތަނަކަށް އައްޔަނު ކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ މީހުން ވާނީ ނުފޫޒެއްގެ ތެރޭގައި ތިބޭ ބަޔަކަށްކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

މަރު ކޮމިޝަނުން އެންމެ ފުރަތަމަ މަސައްކަތްތައް ފެށިއިރު މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ހިމެނޭހެން ރަނގަޅު ރައްޔިތުންބަލައިގަންނަ މެމްބަރުން ތިބި ނަމަވެސް މިހާރު ތިބި މެމްބަރުންނަކީ އެއީކަމަށް ސީދާ އެންމެ އެކަށޭނެ ބޭފުޅުންތޯ ޑރ. ޖަމީލް ސުވާލު އުފެއްދެވި އެވެ.

ހަތަރު އަހަރު ވެގެން އައިއިރު ރިޟްވާން ގެއްލުވާލި މައްސަލަ އާއި ޔާމީން ރަޝީދުގެ މަރު ސަރުކާރުން ބޭނުން ކުރީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައިކަންފާހަގަކޮށް ޑރ. ޖަމީލް ވިދާޅުވީ ކޮމިޝަނަށް މިވީ ދުވަސްތަކުގެ ތެރޭގައި ލިބުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ.

އިންސާފު ހޯދައި ނުދެވޭތީ ރައްޔިތުންގެ ފާޑުކިއުންތައް އަމާޒުވުމުން ކުއްލިއަކަށް ޕްރެސް ކޮންފަރެންސެއް ބާއްވައި ރަައީސް ޔާމީނާއި މައްސަލަ ގުޅުވަންއުޅުން އެއީ އާދައިގެ ވާހަކަތަކެއް ނޫންކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. ހާއްސަކޮށް އެއްވެސް ހެއްކެއް ނެތި، މީހެއްގެ މަރުގެ އިލްޒާމެއް އެއްވެސް ސިފައެއްގައިއެގޮތަށް ނޭޅުވޭނެކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

މީގެއިތުރުން މިސްބާހު ވިދާޅުވީ، ރިޟްވާން ގެއްލުވާލި މައްސަލައިގެ ތުހުމަތަށާއި ތަހުގީގުގެ ބޭނުމަށް ބައެއް މީހުން ހައްޔަރު ކުރުމުން އެ މީހުން ބަންދުން ދޫކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކަރުގެ ބައެއް އިސްވެރިން މަސައްކަތް ކުރި ކަމަށެވެ. އަދި އެކަމުގައި ބައިވެރި ވި މީހުން ސިޔާސީ އިސް މީހުންނާއި ގާތް ގުޅުމެއް ބޭއްވިއިރު، އެގޮތަށް އެ މީހުން އެދިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އެގޮތަށް އަންގައި މެސެޖު ކުރުމުން އެ މީހުން ދޫކޮށްލީކަމަށް ވިދާޅުވި އެވެ.

މިސްބާހު ވިދާޅުވި ގޮތުގައި މައްސަލައިގައި ތުހުމަތު ކުރި، މުނާޒް ސީރިއާށް 2017 ގައި ފުރުމުގެ ކުރިން ރައީސް ޔާމީނާއި ބައްދަލުކޮށް އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނުމަށް ފަހު ރިޟްވާން ރަހީނު ކުރި ގޮތާއި އޭނާ މަރާލި ގޮތް ކިޔައިދިންކަމަށެވެ. ކޮމިޝަނަށް އެ މައުލޫމާތު ދިނީ، ރައީސް ޔާމީނާއި ގާތް ގުޅުމެއް އޮތް، އެމަނިކުފާނުގެ ކަންކަން ގާތުން އެނގޭ މީހެއްކަމަށް ވެސް މިސްބާހު ވިދާޅުވި އެވެ.

މުނާޒް ސީރިއާއަށް ފުރައިގެން ދިޔައީ ރައީސް ޔާމީންގެ އެހީތެރިކަމާއި އެކުކަމަށް ވެސް މިސްބާހު ވިދާޅުވި އެވެ. އެއްވެސް ހެއްކެއް ނެތި، ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރީ ސިޔާސީ މަގްސަދެއް ހާސިލު ކުރުމުގެ ބޭނުމުގައިކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން ވަނީ މިސްބާހާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ނިންމާފަ އެވެ.

ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދީ އެ އަމަލު ހިންގުމުގެ ފަހަތުގައި ތިބި މީހުންނަށް ހައްގު އަދަބު ދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ކޮމިޝަނުގެ ތަހުގީގުގެ ތެރެގައި ހިމެނޭ ގިނަ މައްސަލަތައް ކޯޓުގައި ވެސް ކުރިޔަށް ދާއިރު އެ މައްސަލަތައް ކުރިޔަށް ގެންދިއުމުގައި ތަފާތު އެކި ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ގާނޫނު އަސާސީގެ ދަށުން ލިބިގެންވާ ބާރުން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މަރު ކޮމިޝަނަށް ގާނޫނީ ބޮޑެތި ބާރުތަކެއް ދީފައި ވެއެވެ. އެގޮތުން މައްސަލަތަކުގައި ސުވާލު ކުރުމަށް މީހުން ހާޒިރުވުމަށް އަންގައި ޗިޓުތައް ފޮނުވުމާއި ތަހުގީގުތަކަށް ބިނާކޮށް ޕާސްޕޯޓުތައް ހިފަހެއްޓުމުގެ އަމުރަކަށް އެދުމުގެ ބާރު ލިބިގެން ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: