ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީ ނެގީ ޣައުލަބިއްޔަތުގެ ބާރު ބޭނުންކޮށްގެން ނުފޫޒު ފޯރުވުމަށް، އިތުބާރެއް ނެތް: ހަސަން

ހެންވޭރު ހުޅަނގު ދައިރާގެ މެމްބަރު، އަދި ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އިންތިހާބަށް ކަނޑައަޅާފައިވާ އެޖެންޓު ހަސަން ލަތީފް/ ފޮޓޯ: ހަތާވިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމެރީގެ މަސައްކަތްތަކަށް ކޮމިޓީއެއް ނަގާފައި ވަނީ ގައުމީ މަޖިލީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮންޓްރޯލް ކުރައްވާ އަޣުލަބިއްޔަތުގެ ބޭނުން ހިފައި އިންތިހާބަށް ނުފޫޒު ފޯރުވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދައިރާގެ މެމްބަރު، އަދި ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އިންތިހާބަށް ކަނޑައަޅާފައިވާ އެޖެންޓު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާއިރު، އަންނަ މަހުގެ 23 ވަނަ ދުވަހު އެ ޕާޓީގެ ރިޔާސީ ޕްރައިމެރީ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންތިހާބުގެ މަސައްކަތްތައް ކުރުމަށް ކޮމިޓީ އެކުލަވާލުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ރޭ ވަނީ ބާއްވާފަ އެވެ. ގައުމީ މަޖިލީހުގެ ފަސް މެމްބަރުން އެކުލެވޭ އެ ކޮމިޓީ ނެގުމަށް ދެ ފަރާތަށް ވެސް އެއްބަސްވެވޭ ނަންތަކެއް ފާސް ނުކުރެވި އެންމެ ފަހުން ރައީސް ނަޝީދަށް ތާއީދު ކުރާ ބޭފުޅުން ޖަލްސާ ބޮއިކޮޓު ކުރީ އެވެ.

އެއީ ވަކިވަކިން ނަންތަކަށް ވޯޓަށް އެހުމަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް ފާސް ނުވުމުންނެވެ. އެހެންވެ، ރިޔާސަތުން ރައީސް ސޯލިހުގެ ފެކްޝަނުން ހުށަހެޅި ނަންތަކަށް ވޯޓަށް އެހުމަށް އިއުލާނު ކުރުމުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ނިންމެވީ ޖަލްސާ ދޫކުރައްވައި ވަޑައިގަތުމަށެވެ.

ޖަލްސާ ބޮއިކޮޓު ކުރެއްވުމަށް ފަހު، އެ ސަބަބާއި ގުޅޭގޮތުން ”ސަންގު ޓީވީ“ އާއި ރޭ ވާހަކަ ދައްކަވަމުން، ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް 05 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް އަސާސީ ގަވައިދު ބުނާ ކަމަށެވެ. ކޮމިޓީ އެކުލަވާ ނުލެވެނީސް، ތަނަށް އައްޔަނު ކުރާ މެމްބަރުން ކުރަން ޖެހޭ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވާކަމުގެ ތުހުމަތު ކުރައްވައި ހަސަން ލަތީފް ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް އެ ކަންބޮޑުވުންފާޅު ކުރެއްވި ކަމަށެވެ.

ޕްރައިމެރީގެ މަސައްކަތްތަކާއި ގުޅޭ ޝެޑިއުލްއެއް ތާރީހުތަކާއި އެކު ކަނޑައަޅާފައިވާއިރު، މިއީ ވެސް އިންތިހާބާއި ބެހޭ ކޮމިޓީން ފުރިހަމަ ކުރަން ޖެހޭ ބައިތަކެއްކަން ހަސަން ލަތީފް ފާހަގަކުރެއްވި އެވެ.

”އެހެންވީމަ ވަރަށް ބޮޑެތި ގޯސްތަކެއް މިހުރީ މިހާރުވެސް… ކޮމިޓީ ނެގުމުގެ ކުރިން ވެސް އެކަންކޮށްފަ.“ ހަސަން ލަތީފް

އެތެރޭގެ އިންތިހާބެއްގެ ތެރެއިން މިއީ އެންމެ ވާދަވެރި އިންތިހާބުކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ އެކަމާއި މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ. އެހެންކަމުން، އިންތިހާބުގެ ކޮމިޓީއަށް ނަގާ މެމެބްރުންނަކީ އެންމެނަށް ވެސް އިތުބާރު ކުރެވޭ ބަޔަކަށް ވާން ޖެހޭކަމަށާއި ދެ ކެނޑިޑޭޓުންގެ ފަރާތުން ވެސް އެއްބަސް ވެވޭ ދެ ނަމެއް ހުށަހެޅުމަށް ފަހު ދެން އެންމެނަށް އެއްބަސްވެ ވޭ ނަމަކާއި އެކު ކޮމިޓީ އެކުލަވާލުމަށް ހުށަހެޅީ އެ ސަބަބާއި ހުރެކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

”އެ ކޮމްޕޮޒިޝަން އޮންނަން ވާނެ ގޮތަކީ، ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅުއްވާ ދެބޭފުޅަކާއި އަދި ރައީސް ސޯލިހުގެ ފަރާތުން ހުށަހަޅުއްވާ ދެ ބޭފުޅަކާއި އަދި އަޅުގަނޑުމެން ދެބައި މީހުން އެއްބަސްވެވޭ ފަސް ވަނަ ބޭފުޅެއް ހިމެނޭ ގޮތުން އެކުލަވާލެވޭ ކޮމިޓީއަކަށް ވާން ޖެހޭނެކަމަށް“ ހަސަން ލަތީފް

ހަސަން ލަތީފް ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުން ބޭއްވުމުގެ އެއް ދުވަސް ކުރިން، ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ނަޝިޒާއި އެކު އެއްބަސްވުމަކަށް އާދެވޭ ތޯ މަސައްކަތް ކުރި ނަމަވެސް މަޝްވަރާ ކުރުމަށް ފަހު ޖަވާބެއް ދެއްވާނެކަމަށް ވިދާޅުވެ ފަހުން އޭނާ ފޯނު ނުނަންގަވާކަމަށެވެ.

މިގޮތަށް ހުށަހަޅަން ޖެހުނު ސަބަބަކީ، ބޮޑު ޕްރައިމެރީއަކަށް ވެފައި އެމްޑީޕީގެ އާއްމު މެމްބަރުންގެ އިތުބާރު ގާއިމު ކުރުމަށް ނަމަވެސް ރައީސް ސޯލިހުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ގައުމީ މަޖިލީހުން އެންމެ ފަހު ވަގުތު ގޮތް ނިންމީ އެބޭފުޅުންގެ މަސްލަހަތާއި އެއްގޮތަށް ފައިދާއަށް ބަލައިކަމަށް ހަސަން ލަތީފް ތުހުމަތު ކުރެއްވި އެވެ.

”އެ އަޣުލަބިއްޔަތުގެ ބޭނުން ކުރައްވައިގެން ފަސް މެމްބަރުންގެ ކޮމިޓީއެއް ނެންގެވި މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ..“ ހަސަން ލަތީފް

ހަސަން ލަތީފް ވިދާޅުވީ އެ ނިންމުމުގެ ނަތީޖާ ގޯސްވާނެކަމަށާއި، 2023 ގެ ރިޔާސީ ޓިކެޓާއި ރައްޔިތުންގެ ހިތުގައި އުފެދޭނެ ޝައްކުތައް ހުންނާނެ ކަމަށެވެ. އޭގެ ސަބަބަކީ، އިންތިހާބުގައި ވޯޓުލާން ތިބި މެމްބަރުން ބަލައިނުގަންނަ ޕްރައިމެރީއަކަށް އިންތިހާބު ވުންކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

”އެކަން އެހެން ވެދާނެތީ އަޅުގަނޑުމެން އެހާ ބޮޑަށް މަޝްވަރާ ވެސް ކުރަން ބޭނުން ވީ.. އަޅުގަޑުމެންނަށް ފެންނަ ގޮތްތައް ވެސް ކިޔަމުން ދިޔައީ ހަގީގަތުގަ އެހެންވެގެން.. ވަރަށް ހިތާމަޔާއި އެކު ދަންނަވަން ވެސް މިޖެހެނީ.. މި ކޮމިޓީ ނެގިގެން އެދިޔައީ ކުޑަކޮށް ވެސް އިންސާފުވެރިކަމާއި އެކީކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން“ ހަސަން ލަތީފް

އިންތިހާބަށް އިއުލާނު ކުރުމުގެ ކުރިން، ރައީސް ސޯލިހުގެ ތާއީދު ފޯމުތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރުމާއި ޕްރައިމެރީއަށް ނުފޫޒު ފޯރުވައި ރައީސް ނަޝީދަށް ލިބޭނެހެން ހީވާ ވޯޓުތައް ގެއްލުވާލުމަށް ދަފްތަރާއި ކުޅެ މެމްބަރުންގެ ނަންތައް ޕާޓީގެ ލިސްޓުން އުނި ކުރިކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

މި މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތުން، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިޓީއެއް ފޮނުވައި އެ ސިޓީ އާއްމު ކުރެއްވުމާއި އެކު އެމަނިކުފާނަށް ރައްދު ދީ ޕާޓީގެ ސެކްރެޓޭރިއޭޓުން ބަޔާނެއް އާއްމު ކުރި އެވެ. އެ ބަޔާނުގައި ވަނީ، ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރުމަކީ ކަންބޮޑުވުމެއްކަމަށް ބުނެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ބޮޑު ވާދަވެރިކަމެއް އޮންނާނެ އެވެ. އަދި މިއީ އެހެން ސިޔާސީ ޕާޓީތަކުގެ ވެސް ސަމާލުކަން ހުއްޓޭނެ އިންތިހާބެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: