މަނީލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލުކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ބައިންދައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ބޭނުންފުޅުވާ ގޮތް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް އިޙްތިޔާރު ކުރާ ރިޔާސީ ކެނޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ވާދަކުމުެގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވަކާލާތު ކުރައްވާއިރު އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގާތްވެފައިވަނިކޮށް ރައީސް ޔާމީން ޖަލަށްލުމުން ގިނަބަޔަކު ގެންދަނީ ރައީސް ސާލިޙް ފާޑުކިޔުންތައް އަމާޒް ކުރައްވަމުންނެވެ. އެގޮތުން ރައީސް ސާލިޙް ޝަރުޢީ ދާއިރާއަށް ނުފޫޒް ފޯރުއްވާ ކަމަށް ތުހުމަތު ކުރައްވައި ވާހަކަ ދައްކަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ޔާމީން ޖަލަށްލީ ރައީސް ޔާމީން އިންތިހާބުގައި ވާދަ ކުރައްވައިފިނަމަ ރިޔާސީ އިންތިހާބުން ރައީސް ސާލިޙް ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަން އެނގިވަޑައިގަންނަވާތީއެވެ.
ރައީސް ސާލިޙްގެ ވެރިކަމުގައި ދެވަނަ ފަހަރަށް ރައީސް ޔާމީންގެ މައްޗަށް ޖަލުހުކުމެއް ކޮށްފައިވާއިރު 2018 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ އާދެޔާހިލާފް ކޮންގުރެސްގައި ރައީސް ސާލިޙް އެމްޑީޕީގެ ރިޔާސީ ޓީކެޓް ލިބިވަޑައިގަތުމުން ރައީސް ސާލިޙް ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް އެ ޕާޓީއަކުން އިޙްތިޔާރުކުރާ ބޭފުޅަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އެގޮތުން އޭރު އެމްޑީޕީގެ ރައީސް އަދި އޭރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވައިގެން ހުންނެވީ ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބަލައި ނުގަންނަ ކަމަށް ރައީސް ސާލިޙް ވިދާޅުވެފައިވެއެވެ. އަދި ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ވެސް ގޮވާލެއްވިއެވެ.
ރައީސް ސާލިޙް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގައި ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް އެ ޕާޓީއަކުން އިހްތިޔާރުކުރާ ރިޔާސީ ކެނޑިދޭޓަށް ވާދަ ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ރައީސް ސާލިޙް ވަކާލާތު ކުރައްވާއިރު މިއަދު ރައީސް ސާލިޙްގެ ވެރިކަމުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޖަލުގައި ބައިދައިގެން އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދިއުމަކީ އެއީ ރައީސް ބޭނުންފުޅުވާ ގޮތްތޯ ”ސަންގު“ އިން ސުވާލު ކުރުމުން ރައީސް ސާލިޙް ވިދާޅުވީ ވަކިމީހަކު އެކަހެރިކޮށްގެން ނުވަތަ ބާކީ ކޮށްފަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޝަރުތު ހަމަވާ ކޮންމެ ބޭފުޅަކަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި ރައީސް ޔާމީން ޖަލުގައި ބައިންދައިގެން އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް ގެންގުޅުއްވާ ވިސްނުންފުޅެއް ނޫން ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް ރައީސް ޔާމީންއަށް ޖަލު ހުކުެއް އައިސްފައިވާއިރު އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އެތަކެއް ވޯޓު ގެއްލޭނެކަމެއްކަމެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނާނެ ވަރަށް ބޮޑު ބަދަލަކަށް ވާނެކަމަށާއި އެކަމަކީ ސަރުކާރުގެ ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނަށް އުންމީދެއް ލިބޭނެކަމެއްކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް ތާއިދުކުރި އަދި ކުރަމުން އަންނަ އެއްވެސް މީހެއްގެ ވޯޓު ރައީސް ޞާލިހަށް ނުލިބޭނެކަމަށާއި އެކަމުގެ ސަބަބުން ކޯލިޝަން ޕާޓީތަކުގެ ލީޑަރުންވެސް އުންމީދެއް އާވެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

