ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަަށް އަވަސް ހައްލުތަކެއް ހޯދައިދިނުމަށް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ގާތުން މަސައްކަތްކުރަމުންދާކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
އެޗްޑީސީއިން ބުނެފައިވާގޮތުން، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުވަނީ ހިޔާގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ބައްދަލުކުރައްވައި ކަންބޮޑުވުންތައް އައްސާވާފައެވެ. އަދި އެކަމުގެ ތެރެއިން ހައްލު ކުރެވިދާނެ ކަންކަން ދެނެގަނެވިފައިވާކަމަށާއި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެންމެ އެދޭ ގޮތުގެ މަތިން ކަންކަން ކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒުކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
އެޗްޑީސީއިން ބުނެފައިވާގޮތުން، ހިޔާ ޓަވަރު ދެއެއް އަދި ތިނެއްގައި ސެލިއުލަރ ޓަވަރުތަކެއް ޖެހުމާއި ގުޅޭގޮތުން އެ ކުންފުނިން ވަނީ ދިރާގާއި އެކު އެއްބަސްވުމެއް ގާއިމުކޮށްފައެވެ. އެހެންކަމުން ޓަވަރުތަކުގެ މަތީގައި އެފަދަ ނިޒާމުތަކެއް ގާއިމުކުރާނެކަމަށާއި މޯބައިލް ކަވަރެޖު އިތުރަށް ހަރުދަނާ ކުރެވިގެންދާނެކަމަށް ބުނެފައިވެއެވެ. އެ ކުންފުނިން ބުނެފައިވާގޮތުން އެހެނިހެން ޓަވަރުތަކުގެ ކަވަރޭޖުވެސް ރަނގަޅުކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމުގެ އެންމެހާ ޒިންމާ އެޅިފައިވަނީ އެ ކުންފުނީގެ މައްޗަށްކަން ފާހަގަކޮށް ބުނެފައިވާގޮތުން، ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެޗްޑީސީއިން ވަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް ހޯދާފައެވެ. އެހެންކަމުން ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗަރ ފުޅާކޮށް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިދުމަތްދޭ ފަރާތްތަކާއިއެކު ކުރަމުންދާކަމަށް ބުނެފައިވެއެވެ.

