ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ، ރައްދު ނަޝީދަށް: ގާނޫނާއި ނިޒާމު ބަދަލުކޮށް ވެރިކަން ބޭނުން ވަނީ ކާކުކަން ރައްޔިތުންނަށް އެނގޭ!

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމަށް ގެނައުމަށް މަސައްކަތްކޮށް އެކަމަށް ކާމިޔާބީ ހޯދިގޮތަށް، ވެރިކަމުން ބާލުވަން ވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފި އެވެ.

ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ. ރައީސް ނަޝީދާއި، ރައީސް ސޯލިހު ވާދަ ކުރައްވާ މި އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ތެރޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި ވާދަވެރި އިންތިހާބެވެ.

ސިޔާސީ ގޮތުން މައްސަލަތަކެއް ޖެހިފައި ވާތީ، ދެބޭފުޅުންގެ މެދުގައި އޮތް ގާތް ގުޅުން ވެސް ވަނީ މިވަގުތު ގޯސްވެފަ އެވެ. އިންތިހާބުގެ ކެމްޕެއިން ބައްދަލުވުންތަކާއި، އެކި ޖަލްސާތަކުގައި ރައީސަށް އަމާޒުކޮށް ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް އެމަނިކުފާނަކީ ރިއެކްޓު ނުކުރާ ވެރިއެއްކަމަށް ވިދާޅުވެ، އެމްޑީޕީއަށް އޮތް އެންމެ ރަނގަޅު ޗޮއިސަކީ އެއީ ނޫންކަމަށް ގޯވާލަމުންނެވެ. އަދި ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިގެން އެމްޑީޕީއަށް ލިބޭނީ ނާކާމިޔާބީކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއްބަސްވުންތަކެއްގެ ދަށުން 18 އަހަރުގެ ވެރިކަމެއް ހަވާލު ކުރުމުން ރައީސް ސޯލިހު މިވަގުތު އިތުރު ދައުރަކަށް ކުރިމަތިލާން ބޭނުންފުޅުވާނަމަ 2028 ގެ އިންތިހާބަށް ވެސް ނިކުންނަވާނެ ކަމަށެވެ. އަދި އިތުރު ދައުރުތައް ހޯދުމަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަ މަންޒަރު ފެންނާނެކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކައިގެ ރައްދުގައި މިރޭ، ބްރައިޓްވޭ އިންޓަނޭޝަނަލްގައި އޮތް ހުޅުމާލެ ދާއިރާ ބައްދަލުވުމުގައި ވިދާޅުވީ ވެރިކަން ނޫން އިތުރު ހިޔާލެއް އަދި އެހެން ވާހަކައެއް ވެސް ނުދައްކަވަނީ ކޮން ބޭފުޅެއްކަން ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.

ވެރިކަން ހޯދުމަށް ނިޒާމަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރެއްވީ ކޮން ބޭފުޅެއްތޯ ސުވާލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން އެކަކަށް އެންމެ ގިނަ ވެގެން ހުރެވޭނީ ރިޔާސީ ދެ ދައުރަށް ކަމަށެވެ. އެހެންކަމުން، އެމަނިކުފާނަކީ ތިން ވަނަ ދައުރެއް ހޯދުމުގެ ނިޔަތުގައި ގާނޫނަށް އެއްވެސް ބަދަލެއް ގެންނާނެ ވެރިއެއް ނޫންކަމަށް ވިދާޅުވި އެވެ.

”ވެރިކަން.. ވެރިކަން ނޫން އެއްޗެއް ނެތް.. ނިޒާމު ބަދަލުކޮށްގެން ވިޔަސް.. އަދި ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް ވެރިކަމަށް އަންނަނީ ކޮން ބޭފުޅެއްކަން، ކާކުކަން ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ.“ ރައީސް ސޯލިހު

ރައީސް ނަޝީދަށް ރައްދު ދެއްވައި، ރައީސް ދެއްކެވި ވާހަކައިގައި އެމަނިކުފާނުގެ ނަމެއް ބޭނުން ނުކުރައްވަ އެވެ. އެ މައުޟޫއު ފައްޓަވަމުން ވިދާޅުވީ މިއަދު މީޑިއާތަކުގައި ވަކި ބޭފުޅަކު ވިދާޅުވިކަމަށް ކަވަރުކޮށްފައި ހުރި ހަބަރުތަކުގެ ތެރޭގައި ގާނޫނު އަސާސީ ބަދަލުގެން ވިޔަސް ދައުރުތައް އިތުރު ކުރުމުގެ ވާހަކަތައް ލިޔެފައިވާ ކަމަށެވެ.

ވެރިކަން ހަވާލު ކުރި ގޮތަށް، ވެރިކަމުން ބާލުވަން ވެސް މަސައްކަތް ކުރާނެކަމަށާއި، ދެން އެމަނިކުފާނު ބުނެގެން ވެސް ވޯޓު ދޭނެ އާއްމު މެމްބަރެއް ނުހުންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކައިގެ ރައްދުގައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަކީ ވަކި މީހަކު ދޭ އެއްޗެއް ނޫން ކަމަށެވެ. އަދި އޭނާ ބޭނުން ވުމާއި އެކު ވެރިކަމަކުން ދުރު ނުކުރެވޭނެކަމަށް ވިދާޅުވި އެވެ.

”ކެމްޕެއިން ހަރަކާތް ކުރިޔަށް ގެންދާއިރުގާ ނޫސްތަކުގައި ލިޔެފައި ހުންނަ ސުރުހީތައް އަޅުގަނޑަށް ކުޑަކޮށް ބަލާލެވޭ.. އެއްކަމަކަށް އަޅުގަނޑަށް ފާހަގަ ކުރެވުނު ސުރުހީއެއްގައި މިއަދު އޮތީ ވެރިކަން ދިނީ ވެސް ތިމަންނާ އޭ… ވެރިކަން ބަދަލު ކުރާނީ ވެސް ތިމަންނާ އޭ.. ވަރަށް ފުންކޮށް ވިސްނަން އެބަ ޖެހޭ.. ކާކަށް ތޯ، އެހެން މީހަކަށް ވެރިކަމެއް ދެވޭނީ.. ވެރިކަމެއް ބަދަލުވެ ވޭނީ.. އަޅުގަނޑު ހިތުން އިންސާނުންނަށް.. ﷲ ގެ އަޅުންނަށް އޮންނަ ކަމަކީ މަސައްކަތް ކުރުން.. ވެރިކަމަކީ އެފަރާތުން ދެއްވާ އެއްޗެއް.. އަޅުގަނޑަށް މި މަގާމަށް އާދެވުނީ ﷲ ގެ އިރާދަފުޅާއި އެކު އެތައް ބައެއްގެ ތާއީދާއި އެކު.. އަޅުގަނޑަށް މި މަގާމުގައި ދެމި މި ހުރެވެނީ މީހެއްގެ ތާއީދަކުން ނޫން“ ރައީސް ސޯލިހު

ރިޔާސީ ޕްރައިމެރީގެ ކެމްޕެއިނަށް ރައީސް ނަޝީދު ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ރައީސް ސޯލިހަށް ވެރިކަމަށް އާދެވުނީ ވެސް އެމަނިކުފާނުގެ ސަބަބުން ކަމަށެވެ. ނުވަތަ ވެރިކަމަށް ގެނައީ އެމަނިކުފާނުކަމަށާއި، އެހެންކަމުން ވެރިކަމުން ބާލުވަން ވެސް އެ މަސައްކަތް ހަމަ އެގޮތަށް ކާމިޔާބު ކަމާއި އެކު ކުރާނެކަމަށް ވިދާޅުވި އެވެ.

”ވެރިކަމަށް ގެނައީ އަޅުގަނޑު، އެމަނިކުފާނު ވެރިކަމުން ބާލާނީ ވެސް ހަމަ އަޅުގަނޑު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. ތިބޭފުޅުން.. އެބޭފުޅާއަކަށް ވޯޓު ދޭން ތައްޔާރަކަށް ނޫން ތިތިބީއެއް.. އެތަން މިތަނުން އަޅުގަނޑު ގާތުގައި އެބަ ބުނޭ.. ދެން ބައެއް ބޭފުޅުން އެބަ ބުނޭ ދެން އަންނި ބުންޏަކަސް ވެސް އޭނާއަކަށް ވޯޓެއް ނުދޭނަމޭ“ ރައީސް ނަޝީދު

ރައީސް ނަޝިދު ވިދާޅުވީ ރައީސް ސޯލިހަށް ވޯޓު ދޭން ބޭނުން ނުވާތީ، މި ފަހަރު އެމަނިކުފާނު ވިދާޅުވެގެން ވެސް ވޯޓެއް ނުދޭނެކަމަށް ރައްޔިތުން ބުނަމުން ދާކަމަށެވެ. ގިނަ އާއްމުންގެ ބަހަކީ 2018 ގައި އެބޭފުޅުން ރައީސް ސޯލިހަށް ވޯޓު ދިނީ “އަންނި ބުނެގެން” ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ވެރިކަމަށް ގެނައި ގޮތަށް، ރައީސް ސޯލިހު ވެރިކަމުން ބާލުވަން ވެސް އުޅޭނަން: ނަޝީދު

ކެމްޕޕެއިނުގައި ރައީސް ސޯލިހު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެކަމަށެވެ. އަދި ގޮތް ނިންމާނީ ދިވެހި ރައްޔިތުންގެ ފައިދާއަށް ބަލައިކަމަށް ވިދާޅުވި އެވެ.

ކުރިޔަށް އޮތް ފަސް އަހަރަށް އިންތިހާބު ކުރާ ސަރުކާރެއް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ވިސްނަން ވީ ކާމިޔާބީ ގެނެސްދެވޭނެ ވެރިއެއް ހޯދުމަށްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުންނެވީ އެމްޑީޕީއަށް ކާމިޔާބު ހޯދައިދޭން ކަމަށެވެ. ޕާޓީގެ އެތެރޭގެ ޕްރައިމެރީއަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ، އާއްމު މެމްބަރުންގެ ވިސްނުން ހުންނަން ވީ ކުރިން ކުރެވިފައި ހުރި ތަޖުރިބާގެ އަލީގައި ކަމަށެވެ. ހާއްސަކޮށް ރަނގަޅު ނަތީޖާއެއް ނެރެވެން އޮތީ ކޮން ގޮތަކުން ކިހިނަކުން ކުރާ މަސައްކަތެއްގެ ތެރެއިންކަން ވިސްނުމަށް ގެންނަން ޖެހޭއިރު އެ ހަނދާންތައް ފަށަން ޖެހެނީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމާއި ހަމައިންކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: