ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒްގެ ރައްދު: ޕްރޮޖެކްޓުތައް ނިންމާނީ އަންނަމުން، އަންނަމުން އައިސް ބާރު ސްޕީޑުގަ!

ހަނިމާދޫ އެއާޕޯޓު މަޝްރޫއު ފެއްޓުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަސައްވުރަކީ، މަޝްރޫއުތައް ކުރިޔަށް ގެންދާނެ ގޮތާއި އޭގެ ނަތީޖާއާއި މަންފާތައް ކަރުދާހުގައި ލިޔެ ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގައި ވެސް އެ އުންމީދު ތަންފީޒު ކުރުންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުން ފެށުމުގެ ރަސްމިއްޔާތު މިރޭ އެރަށުގައި ބޭއްވިއިރު ހަފްލާގައި ރައީސް ސޯލިހާއި ދައުލަތުގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް އައުމަށް މަަސައްކަތް ކުރައްވާ ރައީސް ސޯލިހުގެ، ސަރުކާރަށް ތައުރީފު ކުރައްވައި ފައްޔާޒް މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އެވެ. ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން އެއީ އެހާ ބޭނުންތެރިކަމެއް ތޯ ބުނެ ސުވާލުތައް އަމާޒުވާ ފަހަރުތައް އަންނަ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ޕްލޭނަކާއި ނުލައި، ވިސްނުމެއް ނެތި ކުރިޔަށް ގެންދާ ޕްރޮޖެކްޓުތަކެއް ނޫންކަމަށާއި ސަރުކާރުން އެއަށް ވުރެ މާ ފުންކޮށް ޕްރޮޖެކްޓުތަކާއި މެދު ވިސްނާކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ހުޅުމާލެ އާއި ހުޅުލެ އަދި މާލޭގެ ތަރައްގީގެ ޕްލޭން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ އެއީ އޭރުގެ ވެރިން ވަރަށް ވިސްނުންތެރިކަމާއި އެކު ފެށި ޕްރޮޖެކްޓެއްކަމަށެވެ. އަދި ފަހުން އަންނަ ބަޔަކަށް އޮންނާނީ، އެކަން އިތުރަށް ތަރައްގީކޮށް ހަމަ އެ ވިސްނުމުގެ ދަށުން އިތުރު މަސައްކަތްތައް ކުރުންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މިއީކީ ހަމަތިބެފަކާ، އާނ ހިނގާ މިތަނުގަ މިވެނިކަމެއްކޮށްލަން ކިޔާފައި ކުރާކަމެއް ނޫން.. ކުރިން އެހެން ކަންކަން ކުރީމާ ކާމިޔާބީ ލިބިފައި ނެތީފައްޔާޒް

ފައްޔާޒް ވިދާޅުވީ ރައީސް ސޯލިހުގެ ތަސައްވުރަކީ، މަޝްރޫއުތައް ކުރިޔަށް ގެންދާނެ ގޮތާއި އޭގެ ނަތީޖާއާއި މަންފާތައް ކަރުދާހުގައި ލިޔެ ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގައި ވެސް އެ އުންމީދު ތަންފީޒު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެކަމަށް ބޭނުންވާ ޕްލޭންތައް ހެދި، އެކަމަށް ބޭނުންވާ ފައިސާ ހޯދި އެ މަސައްކަތް ފެށުން..ފައްޔާޒް

ކޮވިޑު-19 ގެ ބަލިމަޑުކަމާއި ރަޝިޔާ – ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދިމާވި އިގްތިސާދީ ދަތިތައް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ އެ ގޮންޖެހުންތަކާއި އެކު ވެސް ރައީސް އެންގެވީ އެމްޑީޕީގެ މެނިފެސްޓޯގެ ދަށުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށާއި އެ ރައްޔިތުންނަށް ދެރަ ގޮތެއް ވިޔަ ނުދިނުމަށް ކަމަށެވެ. އެހެންވެ، އެ އިރުޝާދުގެ ދަށުން އެއްވެސް މަސައްކަތެއް ދޫކޮށް ނުލައި ކުރިޔަށް ގެންދިޔަކަމަށާއި، ބެލީ ވީހާވެސް އަވަހަށް ރައްޔިތުންނާއި ހަމައަށް އެ ސިޔާސަތުތައް ގެނެސްދޭންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ރައްޔިތުން އެދޭ މިންވަރަށް، ޝަކުވާތަކައް އެއްވެސް މިންވަރަކަށް ވޭތުވެ ދިޔަ ސަރުކާރުތަކަށް ޕްރޮޖެކްޓުތައް ކުރިޔަށް ގެންދެވިފައި ނުވާކަމަށް އިޝާރާތްކޮށް ފައްޔާޒް ވިދާޅުވީ ރައްޔިތުން ބޭނުންވާ ސްޕީޑުގައި މަޝްރޫއުތައް ކުރިޔަށް ގެންދަން ބައެއް ފަހަރަށް ދަރަނިތައް ނަގަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އެމްޑީޕީގެ އެތެރެއިން ފާޑުކިއުން އަމާޒުވާއިރު، ޕާޓީގެ ރައީސް އެންމެ ގިނައިން ދެއްކެވި ވާހަކައަކީ ރާއްޖޭގެ ރިޒާވް ހުސްވެ ބަނގުރޫޓުވުމުގެ މަގުގައި އޮތުމެވެ. އަދި ރާއްޖެ ސްރީލަންކާއަށް ޖެހުނު ހާލަތު ޖެހިދާނެކަމަށް ބުނެ، އިގްތިސާދީ މައުލޫމާތުތައް ސަރުކާރުން އޮޅުވާލާކަމުގެ ތުހުމަތު ކުރެއްވި އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވީ ރާއްޖެ ބަނގުރޫޓުވަނީކަމަށް ބުނެ ބައެއް ބޭފުޅުން ވާހަކަ ދައްކަވާތާ އަހަރުތަކެއް ވީކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ހާލަތެއް ނެތްކަމަށް ވިދާޅުވި އެވެ.

ދަރަންޏާއި ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ، އެއީ އެއްވެސް ގޯސް ވިސްނުމެއް ނޫންކަމަށާއި އެހެންކަމުން ދަރަނި ނެގުމަކީ މައްސަލައެއް ނޫންކަމުން ދަރަނި ނުވަތަ ލޯނުތައް ނަގާނެ ކަމަށެވެ. މި ދަރަނިތައް ނަގަނީ، ފައްޔާޒް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހެވާއި ލާބައަށް ވިސްނުމަށް ފަހު އެވެ. އަދި އިގްތިސާދަށް ލިބޭނެ ނަފާތައް އެތައް ގުނައެއް އިތުރުވާނެތީ ކަމަށެވެ.

މި ގައުމު ބަނގުރޫޓުވާ ވާހަކަ ހަމަ އަންނަނީ.. އަންނަނީ… 04 އަހަރު ވަނީ ހަމަ މި ގައުމު ބަނގުރޫޓުވާ ތަން… ކިޔާތަން.. ނުވޭ.. އިރާދަކުރެއްވިއްޔާ ނުވާނެ.. ދަރަނި ނަގަން ވެސް ޖެހޭ.. ދަރަނި ނަގާނަން ވެސް މެ..ފައްޔާޒް

މީގެއިތުރުން ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ސަރުކާރުން ތަރައްގީ ގެންނާނެކަމަށް ރައީސް ވިދާޅުވި އެވެ. އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކޮށް، ސިޔާސަތުތައް ނުދެމެހެއްޓޭކަމަށް ރައީސް ނަޝީދު ވިދާޅުވާތީ އެކަމުގެ ރައްދުގައި ފައްޔާޒް ވަނީ ސަރުކާރުން ފުއްދައިދިން ވައުދުތަކުގެ ލިސްޓެއް ވިދާޅުވެދެއްވާފަ އެވެ.

އެގޮތުން އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމާއި، އިންޓަނެޓުގެ އަގު ކުޑަ ކުރުން، ސިއްހީ ނިޒާމު އަދި ބޯހިޔާވަހިކަމުގެ މަޝްރޫއާއި އެހެން އެކި މަޝްރޫއުތައް ފައްޔާޒް ފާހަގަކުރެއްވި އެވެ.

މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ވެސް އޮތުމާއި އެކު ޕާޓީގެ އެތެރޭގައި ދެބައިވުންތަކެއް ވަނީ އުފެދިފަ އެވެ. އަދި ޕްރައިމެރީގައި ވާދަ ކުރައްވާ ރައީސް ނަޝީދު، ރައީސް ސޯލިހަށް އަމާޒުކޮށް ތަފާތު އެކި ފާޑުކިއުންތައް ވިދާޅުވަމުން ގެންދަވާކަން ފާހަގަކުރެވެ އެވެ. މި ވާހަކަތަކުގެ ރައްދުގައި ރައީސް ވިދާޅުވީ، ސަރުކާރުން ވޭތުވެ ދިޔަ އެއްވެސް ސަރުކާރަކަށް ގެނެސް ނުދެވޭ މިންވަރަށް ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގާފައި ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: