އައްޑޫ ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ޒިޔާދާ ތޯހިރުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ޒިންމާ އޮންނަ ޖޭއެސްސީން ބަޔާނެއް އާއްމުކޮށް ބުނީ މެޖިސްޓްރޭޓު ޒިޔާދާގެ މައްސަލަ ބަލަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އާއި ކޯޓު ހަވާލުވުމުގެ މަސައްކަތްތައް އަދި ކޯޓުން ހިންގަން ޖެހޭ ޝަރީއަތުގެ މަޖިލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލު ކުރި މައްސަލައިގައި ކަމަށެވެ.
މައްސަލަ ބެލުމަށް މިހާރު ކޮމިޝަނުގެ ތެރެއިން، ސަބް ކޮމިޓީއެއް އެކުލަވާލައިވާކަމަށް ބަޔާނުގައި ވެއެވެ.
News Briefing_30 January 2023: S.Hithadhoo Magistrate Courtge Magistrate Uza.Ziyadha Thahirge sulookee massalaeh belumah nimmun
Ithuru thafseel: https://t.co/0oO4IxOZLG
— Judicial Service Commission (@MaldivesJSC) January 30, 2023
ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމަކަށް ފަހު އެ ނިންމުމާއި ގުޅޭ ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައި ވާތީ ޖޭއެސްސީން އައީ ޒިޔާދާގެ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ. އެ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަން ފެށީ، މިދިޔަ ޑިސެމްބަރުގަ އެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައިގައި ކޯޓުން އަމަލު ކުރި ގޮތުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބަޔާނެއް އާއްމު ކުރުމުން އެއަށް ރައްދު ދީ ގޮތުން ބަޔާނެއް ނެރެފައިވާތީ އެވެ.
އޭރު ޒިޔާދާގެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަން ފެށީ، ނޫސް ބަޔާން އާއްމު ކުރި މައްސަލަ ކުރިޔަށް ގެންދަނިކޮށް އޭނާއާއި އިސް މެޖިސްޓްރޭޓު މުހައްމަދު ހާޝިމް ވެސް ސުލޫކީ މިންގަނޑާއި ހިލާފަށް އަމަލު ކުރިކަމަށް ބެލެވިގެންނެވެ.
ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި، ޖޭއެސްސީން ގިނަ ފަނޑިޔާރުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާފައި ވެއެވެ. އަދި މީގެ ތެރެއިން ބައެއް މައްސަލަތަކީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހޫނުވި މައްސަލަތަކެކެވެ.

