އިންޑިއާއިން އެ ގައުމުގެ 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދިވެހިރާއްޖެއަށް ފޯރުވުމަށް ކަނޑައަޅާފައިވާ މާލީ އެހީގެ މިންވަރުތައް އިތުރުކޮށްފިއެވެ.
އިންޑިއާގެ ނޫހެއްގައި ޝާއިއުކޮށްފައިވާގޮތުން އެ ގައުމުން މާލީ އެހީ ފޯރުކޮށްދޭ މިންވަރުތައް އިތުރުކޮށްފައިވަނ ރާއްޖެ އަދި ބޫޓާންއަށެވެ. އެ ގައުމުގެ 2023 ވަނަ އަހަރުގެ ބަޖެޓު ހާމަކޮށްފައިވަނީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގައެވެ. އިންޑީއާއިން މި އަހަރު ބޫޓާންއަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވަނީ 293 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއްކަމަށްވާއިރު ރާއްޖެއަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވަނީ 48.8 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ. އިންޑިއާއިން ދަނީ ރާއްޖޭގައި އެތައް އިންފްރާސްޓްރަކްޗާ މަޝްރޫއެއް ހިންގަމުންނެވެ. މި މަޝްރޫއުތަކުގެ ތެރޭގައި މާލެ އަދި ތިލަފުށި ގުޅުވާލުމަށް ބިނާ ކުރުމަށް ނިންމާފައިވާ ބުރިޖުވެސް ހިމެނެއެވެ.
އިންޑިއާއިންވަނީ އެ ގައުމުގެ މި އަހަރުގެ ބަޖެޓުގެ ތެރެއިން އަފްގާނިސްތާނަށްވެސް އެހީތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ. މިއީ ވޭތުވެދިޔަ އަހަރުވެސް ފޯރުކޮށްދީފައިވާ އެހީއެކެވެ. އެ ގައުމުގެ އިތުރުން ބަންގްލަދޭޝް ނެޕާލް ސްރީލަންކާ މިޔަންމާ އާއި މޮންގޯލިއާ މޮރިޝަސް އަދި ސީޝެލްއަށްވެސް މާލީ އެހީ ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އެ ގައުމުންވަނީ ސާކް އަދި ކޮމަންވެލްތު ފަދަ ބައެއް ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށްވެސް މާލީ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އިންޑިއާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ފައިސާގެ މާލީ އެހީ ފޯރުކޮށްދިނުމަށް މި އަަހަރުގެ ތެރޭގައި ކަނޑައެޅިފައިވާކަން ހާމަވެގެންގޮސްފައިވާއިރު، 2022 ވަނަ އަހަރު ދިވެހިރާއްޖެގައި އެންމެ ގިނައިން ދެކެވެމުންދިޔައީ ދަރަނިތައް ދެއްކުމަށް ދަތިވެދާނެކަމުގެ ބިރު ހީވެފައިވާ ވާހަކަ އަދި އެއް ގައުމަކުން ލޯނު ނެގުމުގެ ސަބަބުން އެ ގައުމުގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ވާހަކައެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނުންވަނީ އިންޑިއާ އަދި ދިވެހިރާއްޖެ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން ނޭދެވޭ ކަންކަން ފާހަގަވަމުންދާކަމަށް ބުނެ އެކަންކަން ހުއްޓާލުމަށް ގޮވާލައި ސިލްސިލާކޮށް މުޒާހަރާވެސް ކޮށްފައިކަން ފާހަގަކުރެވެއެވެ.

