އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ އިޙުތިޖާޖު އާއި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ފުލުހުން ގާނޫނާއި ހިލާފުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަމުރަށްކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
މިއަދު މަޖިލީހުގައި ހިގައިދިޔަ ހަމަނުޖެހުމާއި ގުލިގެން ބަޔާނެއް އާންމުކޮށް ޕީޕީއެމް/ޕީއެންސީ އިން ބުނެފައިވަނީ 2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލީސް ހުޅުވާ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޚިލާފަށްކަމަށެވެ. އެގޮތުން އެ ކޯލިޝަނަށް ނިސްބަތްވާ މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސްއަޅައި ސިފައިން ލައްވާ ދޮރު ބަންދު ކުރުވާފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި މަޖިލީހުގެ ތެރެއިން މެންބަރުން ނެރުމުގައި މަޖިލީހުގެ ޤަޥާއިދާއި ޚިލާފަށް ޢަމަލު ކުރުމުގެ އިތުރުން މެންބަރުން މަޖިލީހުގެ ތަޅުމުން ގަދަ ކަމުން ނެރުމުގައި ސިފައިން ބޭނުންކޮށްފައިވާތަން ވަނީ ފެނިގެން ގޮސްފައިކަން އިދިކޮޅުގެ މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މަޖިލީހުން މެންބަރުން ނެރުމުގައި މަޖިލިސް މެންބަރުންގެ ގަޔަށް އަތްލާ އަނިޔާކޮށްފައިކަމަށް ފާހަގަކޮށް މި ބަޔާނުގައި ބުނެފައިވަނީ ބައެއް މެންބަރުން ތުރުކުރައްވައިގެން ތިއްބެވި އަނައުނު ވީދި ހަށިކޮޅުން ލޭ އޮހޮރިގެން ގޮސްފައި ވާކަމަށެވެ.
އިދިކޮޅުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ސާލިހުގެ މި ޢަމަލު އަދި އެ ބޭފުޅުން ޢަމުރަށް ޤާނޫނާއި ޚިލާފު މިޢަމަލުތައް ހިންގި ސިފައިންގެ ޢަމަލުތައް ވެސް އެންމެ ހަރުކަށި އިބާރާތުން އެ ކޯލިޝަނުން ކުށްވެރިކުރާކަމަށެވެ.
މީގެ އިތުރުން މިއަދު މަގުމަތީގައި ކުރިއަށް ގެންދިޔަ އިޙުތިޖާޖުގައި ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އިޙުތިޖާޖުގައި ބައިވެރިންނަށް ފުލުހުން މެދުވެރިކޮށް އަނިޔާކޮށް، ޕެޕަރ ސްޕްރޭ ޖެހުމާއި، ނޫސްވެރިންނަށް އަނިޔާ ކުރުންވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ޕީޕީއެމް/ޕީއެންސީއިން ވަނީ ބުނެފައެވެ.
މިއަދުގެ އިޙުތިޖާޖުގައި 2 ނޫސްވެރިޔަކަށާއި ޢާންމުންގެ 7 މީހަކަށް އަނިޔާ ލިބި ހޮސްޕިޓަލްގައި ވަނީ އެނދުމަތި ކުރެވިފައިކަމަށް ފާހަގަކުރައްވާ އިދިކޮޅުން ބުނެފައިވަނީ އަނިޔާ ލިބުނު ނޫސްވެރިންގެ ތެރެއިން އެއް ބޭފުޅަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައިކަމަށެވެ. އައިސީޔޫގައި އެނދުމަތިކުރެވިފައިވާ ނޫސްވެރިޔާގެ ބޮލުގައި ޝީލްޑުން ޖެހުމުގެ ސަބަބުން ސިކުނޑިއަށް ގެއްލުން ލިބިފައިވާކަމަށް ޑޮކްޓަރުންގެ ފަރާތުން ވަނީ މަޢުލޫމާތު ލިބިފައިކަމަށް ޕީޕީއެމް އިން ބުނެފައިވެއެވެ.
ބޮލުގައި ޝީލްޑުން ޖެހުމުގެ ސަބަބުން މަގުމައްޗަށް ވެއްޓި ހޭނެތުމުން ގިނަ އިރުތަކެއްވަންދެން ފަރުވާ ދިނުމަށްފަހު މިހާރު ހޭ އަރާފައި ވީނަމަވެސް އޭނާގެ ޙާލު ވަރަށް ސީރިއަސް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި އަވަސް ގޮތަކަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ މަޢުލޫމާތުވެސް ޢާއިލާއިން ޕާޓީއަށްދީފައިވާކަމަށް ވަނީ ބުނެފައެވެ. އަދި އައިސީޔޫގައި ފަރުވާ ދެމުން އަންނަ ނޫސްވެރިޔާއަށް މީގެ 2 ޙަފްތާ ކުރިން ފުލުހުންގެ ފަރާތުން ބިރުދައްކާ އިންޒާރު ދީފައިވާކަމަށް ނޫސްވެރިޔާ ވަނީ މީގެ ކުރިން ބުނެފައިކަމަށްވެސް ޕީޕީއެމް/ޕީއެންސީ އިން ނެރުން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިޙުތިޖާޖުގެ ތެރޭގައި ރައީސް ސާލިހުގެ ޢަމުރަށް ފުލުހުން ޤާނޫނާއި ޚިލާފުވެ، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ބައިވެރިނަނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަން ތަކުރާރުކޮށް އިދިކޮޅުގެ މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޢާންމުގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ އިތުރުން ޝީލްޑުން ރައްޔިތުންގެ ގައިގައި ތަޅާ އެމީހުންގެ ބޫޓުން ރައްޔިތުންގެ ގަޔަށް އެރުން ފަދަ ޢަމަލުތައް ވެސް ހިންގާފައިވާކަމަށްވެސް ޕާޓީއިން ބުނެފައިވެއެވެ. އިދިކޮޅުން ބުނެފައިވާ ގޮތުގައި މީގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނަށްވެސް އެއްވެސް މިންވަރަކަށް ބަލާފައެއް ނުވެއެވެ.
މީގެ އިތުރުން މި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދިވެހި ރައްޔިތުން އެއްވެސް ޝަރުތަކާއި ނުލާ މިހާރުން މިހާރަށް ދޫކޮށްލުމަށް ޕީޕީއެމް/ޕީއެންސީ އިން ގޮވާލާފައިވެއެވެ. އަދި އިޙުތިޖާޖުގައި ހިންގި ޑިމޮކްރަސީއާއި ބީރައްޓެހި ޢަމަލުތައް ބަލާ ފިޔަވަޅު އެޅުމަށް ޤާނޫނުން އެޒިންމާ ޙަވާލުކޮށްފައިވާ މުއައްސަސާތަކުން އެމީހުންގެ ޒިންމާ އަދާކޮށް މިކަންކަން ބެލުމަށާއި، އަދި ފިޔަވަޅު އެޅުމަށް އިދިކޮޅުން ގޮވާލާފައިވެއެވެ.

