އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް މައްސަލައެއް އުފެދުމަށް ބޭނުން ނުވާކަމަށާއި އެހެންކަމުން އަވައްޓެރި ގުއުމާއިއެކު ވަރަށް ގާތުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާގައި ހުންނަވައިގެން ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެ އޮންނަނީ އިންޑިއާ ސަރަހައްދުގެ މެދުގައިކަމަށެވެ. އެހެންކަމުން އަމާން އަދި ކުރިއެރުން ލިބިގެންދާފަދަ ގޮތަކަށް މި ސަރަހައްދުގައި ހަމަޖެހުން ގާއިމުވެފައި އޮތުމަކީ ރާއްޖެއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، އިންޑިއާ ސަރަހައްދުގައި ކުރިމަތިވާ ކޮންމެ މައްސަލައެއްގެވެސް ސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށެވެ. އެހެންކަމުން ގައުމީ މަގުސަދެއް ހާސިލުކުރުމަށްޓަކައި އިންޑީއާ ކަނޑުގެ ސަރަހައްދުގައި އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ގޮތަކަށް އޮންނަން ބޭނުންވާކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އެ މަގުސަދު ހާސިލުކުރެއްވުމަށްޓަކައި އިންޑިއާ އާއިއެކު ގާތުން މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އަދި އެހެނިހެން ބައެއް ގައުމުތައްވެސް އެކަމުގައި އެއްބާރުލުން ދެމުންދާކަމަށް މިނިސްޓަރު ވިދާޅުވީ، މަސައްކަތްކުރައްވަމުންދަނީ އިންޑިއާ ސަރަހައްދުގައި އަމާންކަމާއި ފާގަތިކަން ކަށަވަރުކުރެއްވުމަށްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވި ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އިންޑިއާއިންކަމަށެވެ.

