މަޖިލީސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކަށް ވާންޖެހޭކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި އަންހެން ބޭފުޅުން ހިމެނިގެންދާނެ ގޮތާއި ގުޅޭގޮތުން ދިވެހި ރައްޔިތުން ފުންކޮށް ވިސްނާކަމާއިމެދު އެމަނިކުފާނުގެ ހިތުގައި ޝައްކެއް ނެތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މަޖިލީސް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމުގެ ޒިންމާ ނަގަންޖެހޭނީ ސިޔާސީ ޕާޓީތަކުންކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި މެމްބަރުން ތަމްސީލުވާއިރު، އަންހެނުންނަށް ހާއްސަ ފަހިކަމެއް ހޯދައިދިނުމަށް މަސައްކަތްކުރުމަކީ އެންމެހާ މެމްބަރުންވެސް އަނެއްކާ ނިޔަތްގަނެ އަޒުމް ކަނޑައަޅަންވީ ކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އަދި ރައްޔިތުންގެ މަޖިލިސް ގުޅިގެން އަންހެނުންގެ ދުވަހުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެންމެހާ މެމްބަރުންވެސް އެކަމުގައި ޝާމިލުވެވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށާއި އެ ބައްދަލުވުމުގައި ފޮރިން އެފެއަރޒް އިން ހާރިޖީ ސިޔާސަތުތަކާއި ގުޅޭގޮތުން ބައެއް ވާހަކަތައް މަޖިލީސް މެމްބަރުންނާއި ހިއްސާ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

