ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، މި ސަރުކާރަށް ތާއީދުކުރައްވާ ހުރިހާ ފަރާތްތަކުން އެންމެ ހަރު އަޑުން ދައްކަނީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ވާހަކައެވެ. ފަހުރުވެރިކަމާއިއެކު ބުނަނީ ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ ވާހަކައެވެ. އަދި ސަރުކާރުން ގޮތް ނިންމުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުގެ ވާހަކަވެސް ދައްކަނީ ފަހުރުވެރިކަމާއިއެކުއެވެ.
ނަމަވެސް ދައްކާ ވާހަކައާއި ފެންނަ މަންޒަރު ވަރަށް ތަފާތެވެ. ފެންނަނީ ސިޔާސަތެއް ކަނޑައަޅާ ނުވަތަ ކަމެއް ނިންމާތާ ހަފްތާ ދެ ހަފްތާ ނުވެ، ސަރުކާރު ހޫނު ފެނަށް ވެއްޓޭ މަންޒަރެވެ. ފިއްތުންތަކާއި ކުރިމަތިވާ މަންޒަރެވެ. މިއީ ހަމަ ކަނޑައަޅާ ސިޔާސަތުތަކާއ،ި ނިންމާ ނިންމުންތަކުގެ މޮޅުކަންތޯއެވެ. ސަރުކާރުން އައު ސިޔާސަތެއް ތަންފީޒުކުރާއިރަށް ފެނިގެންދަނީ ފާޑުކިޔުން އަމާޒުވެ، ސަރުކާރަށް އެތަކެއް ފިއްތުންތަކެއް ކުރިމަތިވާ މަންޒަރެވެ. މިއީވެސް ހަމަ ކަނޑައަޅާ ސިޔާސަތުތަކުގެ މޮޅުންކަންތޯއެވެ.
ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ކުރުމަށްޓަކައި، ގާނޫނެއް ތަސްދީގުވެ އެކަން އާންމުންނަށް ތިލަވުމުން ސާފުވެގެންދަނީ ސަރުކާރުން ކަންކަން ކުރަމުންދާލެއް ދޯހަޅިކަމެވެ. ރައްޔިތުންނާއި، ގައުމުގެ މަސްލަހަތާއި ގުޅުން ހުރި ބޮޑެތި ނިންމުންތައް ނިންމާއިރު، އެކަށީގެންވާ ދިރާސާތައް ނުހައްދަވާ އަދި ކަން ހިނގަމުން ދާ ގޮތް ރަނގަޅަށް ނުބައްލަވާކަމެވެ. ކަމާއި ބެހޭ މާހިރުންގެ ފަރާތުން ލަފާ ނުހޯދާކަން ނުވަތަ އެއްވެސް މަޝްވަރާއެއްވެސް ނުކުރާކަން ހާމަވެގެންދާއިރު، އެކަންކަން ނިންމުމުގައި ހަރަކާތްތެރިވަނީވެސް ކަމުގެ އިލްމާއި، ހުނަރު ހުރި މީހުން ނޫންކަންވެސް ހާމަވެއެވެ.
ހައްދަވަން ޖެހޭ ދިރާސަތާކައި، ބައްލަވަން ޖެހޭ ކަންކަން ނުބައްލަވާ، ކަމެއް ފުރިހަމަކުރުމަށް ކަނޑަތުކުރަންޖެހޭ މަރުހަލާތައް ފުރިހަމަނުކޮށް ކަންކަން ތަންފިފީޒްކުރައްވަން ފެއްޓެވުމުން ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން ފެނިގެންދަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިފަދައިން ސިޔާސަތުތައް ލާހޫރޭ މަންޒަރެވެ. ހަރުދަނާކަމެއް ނެތި އެގޮތް މިގޮތަށް ތަންފީޒުކުރެވޭ ގާނޫނުތައް ކޮޅެއްގައި ނުޖެހި އުޅެނިކޮށް ބަދަލުކުރަންޖެހެއެވެ. ގާނޫނަކުން ނުވަތަ ގަވާއިދަކުން އަދި ސިޔާސަތަކުން ނަމަވެސް ހޯދަން އުއްމީދުކުރާ މަންފާ ލިބިގެންދާ މަންޒަރެއް ނުފެނެއެވެ.
ކަންކުރެވޭ ނުކުރެވޭ ގޮތް ސަރުކާރަށް އިނގޭތޯ ސުވާލުއުފެދޭ ހިސާބަށް ދިޔަ ހާލަތްތައް އެބަހުރިއެވެ. އެގޮތުން އޮޅިގެން ގްރީން ޓެކްސް އުވާލެވުމާއި، ވާނެ ގެއްލުމާއި ރައްޔިތުންނަށް އޮތް ތަކުލީފު އެނގި ތިބެ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ބޮޑުކުރުމާއި، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގާނޫނު ފާހަގަކުރެވެއެވެ. މިއީ ސަރުކާރުން ރަނގަޅު ކަމެއްގެ ގޮތުގައި ދެކި ކުރި ކަންތައްތަކެކެވެ. ނަމަވެސް ވެއްޓުނީ ހޫނުފެނަށެވެ. ފިއްތުންތަކާއި ހެދި ކުޑަކަކޫ ޖަހަން މަޖުބޫރުވި ހާލަތްތަކެވެ.
ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50 (ފަންސާސް) ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމަނާފައި ކަމަށާއި ނަމަވެސް، ކުނި މެނޭޖުކުރުމުގެ ބިލް މަޖިލީހުން ފާސްވެގެން އައިއިރު މި މައްދާ ވަނީ އުނިކުރެވިފައިކަމަށް ބުނެ އެންވައިރަމެންޓް މިނިސްޓްރީއިން ނެރުން ބަޔާނުގައި ކޮތަޅުގެ އަގު ބޮޑުވި މައްސަލައިގައި ކުށްވެރިކުރީ މަޖިލީހެވެ. މި މައްދާ އުނިކުރެވިފައިވީ ނަމަވެސް، އެ ބިލަކީ ކުނީގެ އަސާސީ ޚިދުމަތް ދިނުމަށް މުހިއްމު ބިލަކަށްވާތީވެ، ސަރުކާރުން ނިންމީ ތަޞްދީޤުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހަޅަންޖެހޭ އިސްލާހުތައް ވަކިން ހުށައެޅުމަށްކަމަށް މިނިސްޓްރީއިން ބުނިއިރު، މިއީ ހަމަ ކަން ކުރާ އުސޫލުތޯއެވެ. މަޖިލީހަށް ބިލްތައް ސަރުކާރުގެ ފަރާތުން ހުށައެޅުމަށްފަހު ކަން ހިންގާ ގޮތް އެއްވެސް ވަރަކަށް ނުބަލާކަން ހާމަވާއިރު، ވަކި މާއްދާއެއް ވަކި ގޮތަކަށް ހިމެނި ގޮތާއިމެދު މެންބަރުން ހޭލުންތެރިކުރެވިފައި ނެތްކަންވެސް ދޭހަވެއެވެ.
ކަންކަން ތަންފީޒުކުރުމުގެ ބާރުދިފައިވާ މީހުން ސަރުކާރަށް ހޭލުންތެރި ނުކުރުވޭއިރު، ރައްޔިތުން ކަމަކާއިމެދު ހޭލުންތެރިކުރާނީ ކިހިނެއް ހެއްޔެވެ؟ ސިޔާސަތުތަކުގެ ހަރުދަނާ ވާހަކަދައްކާއިރު، ކަމެއް ހުއްޓުވުމަކަށް ގެނައުމަށް ތަސްދީގުކުރާ ގާނޫނުތަކުންނާއި، ކަނޑައަޅާ ސިޔާސަތުތަކުން ނިކުންނާނެ ނަތީޖާއަކަށް ސަރުކާރުން ނުބާލާކަން ޔަގީނެވެ. އަދި ރައްޔިތުންގެ އާންމު ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމާއި ގުޅޭ ނިންމުންތައް ނިންމާއިރު، ރައްޔިތުންނަށް ދައްކާނެ ހައްލެއް ނޯވެއެވެ. ދެން ކަންތައް ކުރެވިދާނެ ގޮތެއް ބުނެއެއް ނުދެވެއެވެ.
ކުރިން އަޅުގަނޑު ފާހަގަކުރި ހެއްކާއި ބެހޭ ބިލުގައި، ރާއްޖޭގެ ނޫސްވެރިން ގެނެސްދޭ ހަބަރާއި ރިޕޯޓުތަކުގައި ނަން ހާމަނުކޮށް މަސްދަރުތަކާއި ހަވާލާދޭތީ އެފަދަ ނަންތައް ހާމަކުރަން މަޖުބޫރު ކުރެވޭގޮތަށް ބިލުގައި މާއްދާއެއް ހިމެނިއިރުވެސް ފެނިގެންދިޔައީ ސަރުކާރުގެ ސިޔާސަތުތަތައް އެކުލަވާލަނީ ދެމެހެއްޓެނިވި ގޮތެއްގައި ނުދެމެހެއްޓޭކަމެވެ. ބިލު ފާސްކުރުމުގެ ކުރިންވެސް ނޫސްވެރިން އެތަކެއް ކަންބޮޑުވުންތަކެއް ފާޅުކުރި ނަމަވެސް އެކަމަށް އެއްވެސް އަޅާލުމެއް ނެތި ސަރުކާރުން ބިލު ތަސްދީގުކުރުމަށްފަހު ދެން ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެއްވިޖެކަމަށެވެ. އެހެންކަމުން އެ މާއްދާއަށް އިސްލާހު ގެންނާނެކަމަށް ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގަތީ ކުރީގައި ހުރި ގޯސްތައް ރަނގަޅުކުރުމަށް ނަމަވެސް 5 އަހަރުގެ ދައުރު ހަމަވާން ގާތްވިއިރު ފެންނަމުންދަނީ އަމިއްލަ އަށް ހައްދަވާ ގޯސްތައް ރަނގަޅުކުރައްވަން މަސައްކަތްކުރާ މަންޒަރެވެ. ރައީސް ނަޝީދު ވިދާޅުވިފަދައިން ސިޔާސަތުތައް ލާހޫރޭ މަންޒަރެވެ.

