ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ގޮވާލި ގޮވާލުން ކުށްވެރިކޮށް މައްސަލަ ތަޙުޤީޤުކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.
އިދިކޮޅުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން އަށް އަނިޔާވެރިވެ، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ޝިފާޢު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ގޮވާލި ގޮވާލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ޝިފާޢު ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރުމަށް ގޮވާލި ގޮވާލުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޢަމަލަކަށްވާކަމަށް އިިދިކޮޅުން ވަނީ ބުނެފައެވެ. އެހެންކަމުން ލަސްކުރުމެއް ނެތި މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤްކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
ޝިފާޢުއަކީ ސަރުކާރު ދިފާޢުކޮށް އެންމެ އަޑުގަދަކޮށް ވަކާލާތުކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކަށްވާއިރު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށާއި މިސަރުކާރަށް ތާއީދު ކުރާ މަޖިލީހުގެ މެންބަރުންގެ އިތުރުން ރައީސް ޞާލީހުގެ ކެބިނެޓްގެ ބައެއް ވަޒީރުންވެސް އެމަނިކުފާނަށް އަނިޔާކޮށް ނިޒާމުން ގެއްލުވާލަން މަސައްކަތްކުރާކަން ދަނީ ފާހަގަވަމުންކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އެގޮތުން މެއި މަހުގެ އެއްވަނަ ދުވަހު މިސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ކުރެއްވި ޓުވީޓު، ޒާތީ ޓްވީޓެއް ގޮތަށް ސިފަކުރައްވާ އިދިކޮޅުން ވިދާޅުވީ ރައީސް ޔާމީން އަނިޔާވެރިވާނޭކަމަށް އިމްރާން ވަނީ ވިދާޅުވެފައިކަމަށެވެ.
ރައީސް ޔާމީންއަކީ އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުކަމަށް ފާހަގަކޮށް، އިދިކޮޅުން ބުނެފައިވަނީ ކަންމިހެން އޮތްއިރު، ސަރުކާރުގެ ނުފޫޒުން ހަރާން ޙުކުމެއް ޖަހައި އަނިޔާވެރިވަމުންދާއިރު، ކުރިއަށް އޮތްތާ އެމަނިކުފާނަށް އިތުރު އަނިޔާދީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގެންގޮސްދާނެކަމުގެ ބިރު އޮތްކަން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މިސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުންގެ ބަސްމަގުން ސާފުވަމުންދާތީ، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން ވަގުތަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލާކަމަށެވެ.

