ދަ ޑިމޮކްރެޓްސް އަށް ތާއީދުކުރާ މީހުން މަގާމުތަކުން ވަކިކުރުމުން ދޭހަވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފިނޑިކަންކަމަށް އެ ޕާޓީއިން ބުނެފިއެވެ.
މި މައްސަލައިގައި ޕާޓީއިން ނެރުން ނޫސް ބަޔާނެއްގައި ވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހަރަކާތްތެރިވާ ޒުވާނުންނާއި ޢާންމުންނަށް އެކިގޮތްގޮތުން ބިރުދައްކައި، ވަޒީފާއިން ވަކިކޮށް ސަރުކާރުން ނާއިންސާފުން ޢަމަލުތައް ކުރަމުންގެންދާކަމަށް އެ ޕާޓީގެ މެންބަރުން ގަބޫލުކުރާއިރު، ޕާޓީއިން ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ.
އިއްޔަ ވަޒީފާއިން ވަކިކުރި އާސިޔަތު އަލައިކާ ޢަދްނާން އާއި، މުޙައްމަދު ޙަމްދާން އަދި އަންޞާރު ޢަބްދުއްސައްތާރަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށާއި، ކުރީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ޢަދަދު ނުކުރެވޭހައި ބުރަ މަސައްކަތް ކޮށްފައިވާ ޒުވާން ސިޔާސީ ލީޑަރުން ސިޔާސީ ލީޑަރުންކަމަށް ދަ ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެންޕެއިންގައި ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގެ އިތުރުން ކެންޕެއިން ރޭވުމާއި ހިންގުމުގެ އިސް ޙަރަކާތްތެރިންކަމަށްވެސް ދަ ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ. އަދި ފަންނީގޮތުންނާއި، ޢިލްމީގޮތުން ޤާބިލު، ހީވާގިކަމާއެކު މަޤާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އުފުލަމުންދިޔަ ބޭފުޅުންކަމަށްވެސް ދަ ޑިމޮކްރެޓްސްއިން ބުނެއެވެ.
ސިޔާސީގޮތުން ޚިޔާލު ތަފާތުވުމުން ތަޢުލީމާއި ތަޖުރިބާގެ ގޮތުން ޤާބިލު ފަރާތްތަކަށް ޚިދުމަތްކުރުމުގެ ފުރުސަތު ބަންދުކުރުމަކީ ޤައުމުގެ މުސްތަޤްބަލަށް އެޅޭ ހިޔަންޏެއްކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފައިވއެވެ. އަދި އެއީ މިވެރިކަން ގެންނަމުން ނުކުރާންކަމަށް ވަޢުދުވީ ކަމެއްކަން ދަ ޑިމޮކްރެޓްސް އިން ފާހަގަކުރެއެވެ.
ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ ސެޕްޓެންބަރު 2023 އަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގައި ސަރުކާރުގެ މައި ކޯލިޝަން ޕާޓްނަރަކުވެސް ރައީސް ސާލިހަށް ތާޢީދު ނުކުރައްވާނެ ކަމަށާއި، ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިޢުލާންކުރައްވާކަމަށެވެ. އަދި އަނެއް ކޯލިޝަން ޕާޓްނަރަކުވެސް ރައީސް ސާލިހަށް ރިޔާސީ އިންތިޚާބުގައި ތާޢީދެއް ނުކުރެވުމަށް ނިންމާފައިވާއިރު، އެއީ ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ވާހަކައެވެ. އެހެނަސް އެޕާޓީތަކުގެ މެންބަރުން ތިބީ ސިޔާސީ މަޤާމުތަކުގައި، އާރާއި ބާރު ހިންގުމުގައިކަމަށާއި، އެއްވެސް މެންބަރަކަށް އިންޒާރުދީ، ވަކި ނުކުރާކަން ދަ ޑިމޮކްރެޓްސް އިން ފާހަގަކުރިއެވެ.
އެހެންކަމުން މަޤާމުން ވަކިކުރި ދެ ބޭފުޅުންނަކީ ކޮންމެހެން ރައީސް ސާލިހަށް ތާޢީދުނުކޮށްގެން ވަކިކުރި ބައެއް ނޫންކަމަށައި، އެހެނެއްކަމަކު ދަ ޑިމޮކްރެޓްސްގެ ތާޢީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމަށާއި، ބިރުދެއްކުމަށް ވަކިކުރި މީހުންކަމަށް ދަ ޑިމޮކްރެޓްސް އިން ބުނިއެވެ. އަދި އެއީ އެ ޕާޓީއަށް ފާޅުގައި ތާޢީދުކުރުން ހުއްޓުވުމުގެ ނިޔަތުގައި ކުރިކަމެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް އިން ވަނީ ސިފަކޮށްފައެވެ.
ދަ ޑިމޮކްރެޓްސް ދެކޭގޮތުގައި މިމަގުން މަޤާމުތަކުން ވަކިކުރަމުން ދިޔުމުން ރަމްޒުކޮށްދެނީ ރައީސް ސާލިހުގެ ފިނޑިކަމެވެ. ޕާޓީގެ މެންބަރުންނާމެދު ޒާތީވެ ތަޢައްސުބު ގެންގުޅޭކަން މިކަމުން ހާމަވާކަމަށާއި، ސަރުކާރުގެ އަނިޔާވެރިކަމާއި، ތަފާތުކުރުމާއި، ނަހަމަކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.

