މަޖިލީހަށް ހުށައަޅުއްވާފައިވާ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ސަބަބުން ރިޔާސަތު ބެލެހެއްޓެވުމަށް އުޒުވެރިވެވަޑައިގަންނަވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ފާސްކުރީ މި މަހުގެ 6 ގައެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ 36 މެންބަރުންގެ ވޯޓާއިއެކުކަމަށެވެ.
އަސްލަމް ވިދާޅުވީ ޕާލިމަންޓު ގުރޫޕުން ބޭއްވި ބައްދަލުވުމުގެ އަގުލަބިއްޔަތުން ރައީސް ނަޝީދު، މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް، އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން އިސްވެ ތިބެގެން މަޖިލީހަށް ވައްދަން ނިންމާފައިވާކަމަށެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު، ރައީސް ނަޝީދު އަމަލުކުރައްވަމުން ގެންދަވާ ގޮތާއިމެދު މެންބަރުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑުކަމަށެވެ. އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އެކަން ތަކުރާރުކޮށް މަޖިލީހުގެ ތަޅުމުގައި އާއި އަދި އެހެނިހެން ފުރުސަތުތަކުގައިވެސް ފާހަގަކުރައްވަމުން ގެންދަވާކަމަށް އަސްލަމް ވިދާޅުވިއެވެ.
މި މައްސަލަ އާއި ގުޅިގެން މަޖިލީހުގެ އަމީން އާންމަށް ރައީސް ނަޝީދު ފިނުއްވި މެސެޖުގައިވަނީ މިހާރު މިއޮތް ހާލަތުގައި ރިޔާސަތު ބެލެހެއްޓެވެމުން އުޒުރުވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިިބިވަޑައިގަންނަވާ އިހްތިޔާރެއްކަމަށެވެ. އަދި އެމައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ އިހުތިޔާރުގެ ބޭނުންކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް މަޖިލީހުގެ ގަވައިދު ބަޔާންކުރާ މިންވަރުގައި ހުރިހާ ކަމެއް ހިންގެވުމުގައި ދެމިހުންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އަބްދުﷲ ވަކިކުރުމަށްވެސް ވަނީ ހުށައަޅާފައެވެ. ނަމަވެސް މީގެން އެއްވެސް މައްސަލައެއް ކުރިއަށްނުދާތީ މިކަން އެމްޑީޕީއިން ސިފަކުރަނީ މަޖިލީހުގައި މަރުތަޅު އެޅުވުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އަދި ގަވާއިދުން އެކަން އެގޮތަށްކުރުމަށް ތަންނުދޭކަން އެމްޑީޕީއިން ފާހަގަކުރެއެވެ.
ނަމަވެސް މިކަން ރައީސް ނަޝީދާއި އަރިސް މެންބަރުން ފާހަގަކުރަނީ މަޖިލީހުގައި “މަރުތަޅު” އަޅުވައިގެން ސަރުކާރުން ބާރުތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައެވެ.

