މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މަޖިލީޙުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައި އެމަނިކުފާނު ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަން ހިއްސާ ކުރައްވާފައިވާކަމަށް އިޝާރާތްކުރައްވާ ޝަރީފް ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަކީ، އެމަނިކުފާނު ބޭނުންފުޅުވުމުން، އަދާކުރައްވަން އޮތް މަސްއޫލިއްޔަތެއް ނޫންކަމަށެވެ. އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިގެންދާއިރު، ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާނަމަ، އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީގެ އިތުބާރު ނެތް ހާލަތުގައި ރައީސް ނަޝީދު ހުންނެވީ މަގާމުގައި ”ބަގުޑިބައްދައިގެން“ ކަމަށެވެ. އަދި އެގޮތުގެ މަތީ ނުހުންނެވުމަށް އެދިވަޑައިގަންނަވާ އެމަނިކުފާނުގެ އިސްތިއުފާއަށް ޝަރީފް ގޮވާލެއްވިއިރު، އެގޮތަށް އަމަލުނުކުރައްވާނަމަ، އެމަނިކުފާނު ގައުމަށް ބޮޑު މުސީބާތަކަށް ވެގެންދާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ޖަލްސާ ނުބާއްވާ އުޒުރުވެރިވެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވާއިރު، ހުންނެވީ މަޖިލީސް ހިސޯރު ކުރައްވައިގެންކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް ނުހުރެވޭނެކަމަށެވެ. އަދި އުޒުރުވެރިވެވަޑައިގަންނަވާ ނަމަ އިސްތިއުފާ ދެއްވުމަށް އޭނާ ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
ޝަރީފް ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ރައީސް ނަޝީދު މިހާރު ހުންނެވީ ގާނޫނީ އިމުން ބޭރުގައިކަމަށެވެ. އަދި ބަގުޑިބައްދައިގެން ދުވަސްކޮޅެއް ހުރެވުނު ނަމަވެސް، އެމަނިކުފާނަށް ޕްރައިމް މިނިސްޓަރުކަމާއި ރައީސުލްޖުމުހޫރިއްޔާކަންވެސް ދެން ރައްޔިތުން ނުދެއްވާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު ހުދުމުހުތާރު މިންވަރު މިހާރު ރައްޔިތުންނަށް ސާފުކޮށް ފެނިގެންދާނެކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތައް ޑިމޮކްރެޓްސް ކަމަށް ދައުވާކުރައްވަމުންދާއިރު، އުޅުއްވަނީ ޑިމޮކްރެސީގެ ހަމަތައް މުގުރަމުންކަމަށެވެ. އެގޮތުން އަގުލަބިއްޔަތަށް ތަބާ ނުވާކަމަށާއި، ރައީސް ނަޝީދު އުޅުއްވަނީ ގާނޫނުގެ ވެރިކަން މުގުރަމުންކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނު އަމަލުކުރައްވަމުންދާގޮތުން، ރައޔްިތުންގެ ވެރިކަން ފުނޑިގެން ހިގައިދާނެކަމުގެ ބިރު ހީވެފައިވާކަމަށެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގައި ތިރީސް އަހަރުގެ ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް އިންތިހާބުން ބަލިވެވަޑައިގަތުމުން އެކަން ގަބޫލުކުރެއްވިކަމަށެވެ. އަދި ރީތި ގޮތުގައި ވެރިކަމުން ފައިބާވަޑައިގެންނެވިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، އެހެންނަމަވެސް ޑިމޮކްރެސީގެ ޗެމްޕިއަންކަމަށް ދައުވާ ކުރައްވަމުންދާ ރައީސް ނަޝީދު އެމަނިކުފާނުގެ އިތުބާރު ނެތްކަން ސާފުކޮށް ފެންނަން އޮތް އިރުވެސް މަގާމުން ދޫނުކުރައްވަން މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މައުމޫންއަކީ ހުދުމުހުތާރު ބޭފުޅެއްކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް ވުރެ ރައީސް ނަޝީދުގެ ކިބައިގައި އެ ސިފަ މާ ބޮޑަށްވެސް ފެނިގެންދާކަމަށް ވިދާޅުވިއެވެ.

