ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް އުފެއްދުމަށް ގައުމީ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި

ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަން ޖެހޭ ގައުމީ ޖަލްސާ ބޭއްވުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާކަން ހާމަކުރެއްވީ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބްއެވެ.

”ސަންގަށް“ މައުލޫމާތުދެއްވަމުން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މި ނިންމުން ފާސްވެފައިވަނީ 5 މެންބަރުންގެ އިއްތިފާގުންކަމަށެވެ. މި ޖަލްސާ ބޭއްވުމުގެ ކުރިން 3 ދުވަހުގެ ނޯޓިސްއެއް ކޮމިޝަންއަށާއި މީޑިއާތަކަށް ދޭންޖެހޭނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ. އަދި ޖަލްސާ ބޭއްވޭނީ ނޯޓިސްއަށްފަހުގައިކަން ހަބީބް ފާހަގަކުރެއްވިއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ނުދީ ހިފެހެއްޓުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުންތައްވެސް ކޮމިޝަންއަށް އަމާޒުވިއެވެ.

އިތުރަށް ބަލަން ޖެހޭ ކަންތައް ހުރުމާއި އެކު، އެކަމަށް ތިން މަސް ދުވަސް ނަގާފާނެކަމަށް އީސީން ބުނުމުން އެކަމަށް އާއްމުންގެ ނުރުހުން ވެސް އަމާޒުވެފައިވަނިކޮށް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާއެއް ބޭއްވުމުގެ ހުއްދަ އަންނަ ހަފްތާގައި ދިނުމަށް އީސީން ނިންމާފައިވާކަމަށެވެ. އަދި އެކަން ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކަށް އަންގާފައިވާކަން ވެސް ހާމަކުރި އެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން އެދި ކޮމިޝަނަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މެމްބަރުން މިދިޔަ ހަފްތާގެ އެކި ދުވަސްތަކު ދިޔައެވެ.

ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި މެމްބަރުންގެ އިތުބާރު އޭނާގެ މައްޗަށް ނެތެވެ. ފުއާދު ވިދާޅުވީ މެމްބަރުން ތުހުމަތު ކުރީ އޭނާ މަސައްކަތް ކުރައްވަނީ، ވަކި ކޮޅަކަށް ޖެހި ނުފޫޒުގެ ދަށުވެފައި ހުންނަވައި، ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށެވެ. އެއީ ކޮން މެމްބަރުނެއްކަން ހާމަކޮށް، ވޯޓު ނުދެނީ ކޮން ދެ މެމްބަރެއްކަން ވެސް ވިދާޅުވި އެވެ. ފުއާދު ޑިމޮކްރެޓްސްގެ މެމްބަރުންނާއި ދެއްކެވި ވާހަކަ ވީޑިއޯ ކުރުމަށް ފަހު އެބޭފުޅުންގެ ފަރާތުން ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރި އެވެ.

ޑިމޮކްރެޓްސްގެ މެމްބަރުން އީސީގެ ބައެއް މެމްބަރުންގެ މައްޗަށް ވަރަށް ބޮޑެތި ތުހުމަތުތައް ކުރިއެވެ. އަދި އެއީ ސަރުކާރުގެ އިސްބޭފުޅުންނާއި ގުޅުން އޮތް، އާއިލީ ބޭފުޅުންކަމަށް ވެސް ބުނެފައިވެއެވެ.

ނޫސްވެރިންނާއި ބައްދަލުކޮށް އޭރު ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްގެ ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ އުސޫލުތަކާއި ހިލާފަށްކަމަށެވެ. ޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކޮށް ކުރު މުއްދަތެއްގެ ތެރޭގައި ފޯމުތައް ހުށަހެޅުމުން ވެސް މިވީ 25 ދުވަހުގެ ތެރޭގައި ކޮމިޝަނުގެ ބައެއް މެމްބަރުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ފޯމުތައް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައި ފޯމުތައް ޕްރޮސެސް ކުރާނެކަމަށް އީސީން ބުނިކަމަށެވެ. އެކަމަކު އެ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް ހުއްދަ ނުދިންކަމަށް ވިދާޅުވިއެވެ. ހަސަން ވިދާޅުވީ އެ މަސައްކަތްތައް ވެސް ނިމިފައިވާކަމަށާއި ހުއްދަ ހިފަހައްޓާފައި ވަނީ ކޮމިޝަނުގެ ބައެއް މެމްބަރުން އެގޮތަށް ބޭނުންވެގެންކަމަށެވެ.

ފޯމުތައް ވެރިފައި ކުރަން ލިބޭކަމަށް ބުނާ ތިން މަސް ދުވަހާއި ގުޅިގެން ހަސަން ލަތީފް ވިދާޅުވެފައި ވަނީ މަސައްކަތް ނިމުމާއި އެކު ދެން އިތުރަށް ފޯމުތައް ހިފެހެއްޓޭނެ ގާނޫނީ ހަމައެއްނެތް ކަމަށެވެ. މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ސަބަބަކީ އެއީކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ކޯޓަށް ދާނެކަމަށް އިއުލާނު ކުރުމުގެ ކުރިޔަށް ހަބީބް ވަނީ ޑިމޮކްރެޓްސްގެ ރެޖިސްޓްރީ ހުއްދަ ދޭން ނިންމިކަމަށް އިއުލާނުކޮށްފަ އެވެ. އެކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ ފޯނުން ގުޅައި އެގޮތަށް އެންގި ނަމަވެސް އިތުބާރު ނުކުރާކަމަށެވެ. އަދި އޭގެ ސަބަބަކީ ފޯނުން ގުޅައި ދައްކާ ވާހަކަތަކާއި އަމަލާއި ދިމާނުވުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: