އަލަށް އުފެއްދުމަށް މަސައްކަތްކުރާ ”ދަ ޑިމޮކްރެޓްސް“ ގެ ގައުމީ ޖަލްސާ މި މަހުގެ 5 ގައި ބޭއްވުމަށް ހަމަޖައްސާފައިވާކަން އެ ޕާޓީއިން އިއުލާންކޮށްފިއެވެ.
ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާކަން ހާމަކުރެއްވީ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބްއެވެ.
ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ޖުލައިކަން ހާމަކުރެއްވީ މިއަދު ދަ ޑިމޮކްރެޓްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފްއެވެ.
ހަބީބް ވިދާޅުވި ގޮތުގައި މި ޖަލްސާ ބާއްވާކަމުގެ 3 ދުވަހުގެ ނޯޓިސްއެއް އީސީއަށް ދޭންޖެހޭނެއެވެ.
“ސަންގަށް” މައުލޫމާތުދެއްވަމުން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މި ނިންމުން ފާސްވެފައިވަނީ 5 މެންބަރުންގެ އިއްތިފާގުންކަމަށެވެ. މި ޖަލްސާ ބޭއްވުމުގެ ކުރިން 3 ދުވަހުގެ ނޯޓިސްއެއް ކޮމިޝަންއަށާއި މީޑިއާތަކަށް ދޭންޖެހޭނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ. އަދި ޖަލްސާ ބޭއްވޭނީ ނޯޓިސްއަށްފަހުގައިކަން ހަބީބް ފާހަގަކުރެއްވިއެވެ.

