އިންސާނީ ވަގުފާރީގެ ތުހުމަތުތައް ކުރެވިފައިވާ ސަރުކާރުގެ އޮފިޝަލުން ޖަވާބުދާރީ ކުރުވާފައިނުވާކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ބުނެފިއެވެ.
2023 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުން ޝާއިއުކޮށްފައިވާ ”2023 ޓްރެފިކިންގް އިން ޕާސަންސް“ ރިޕޯޓުގައި އެ މުއައްސަސާއިންވަނީ ދިވެހިރާއްޖޭގެ ސަރުކާރުން އިންސާނީ ވަގުފާރީގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ފާހަގަކުރެވޭ މައްސަލަތައް އަދި ހައްލުތައްވެސް ބަޔާންކޮށްފައެވެ.
ރިޕޯޓުގައިވާގޮތުން، އިންސާނީ ވަގުފާރީގެ އަމަލުތައް ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުއިން ކަނޑައެޅިފައިވާ މިންގަނޑުތަކާއި ދިވެހި ސަރުކާރުގެ އެ ކަންކަން ހުރި މިންގަނޑުތަކާއި ދިމާނުވެއެވެ. އެހެންނަމެސް އެ މިންގަނޑުތަކާއި އެއް ގޮތް ކުރުމަށް ފާހަގަކުރެވޭ ވަރުގެ މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެފައިވެއެވެ. މީގެ ކުރިން އެކުލަވާލެވުނު މިފަދަ ރިޕޯޓަށްފަހު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރަމުންދާކަމަށް ފެންނަކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާތަކެއް ކުރެވިގެންދިއުން ހިމެނޭކަމަށް ބުނެފައިވާއިރު، ދިވެހިރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެންނަ އެޖެންސީތަކުން އަމަލުކުރަންޖެހޭ އާ އުސޫލުތައްވެސް އެކުލަވާލެވިގެންދިޔަކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް މުހިންމު އެތައް ދާއިރާތަކަކުން އެކަން ހުއްޓުވުމަށް ބޭނުންވާ ”މިނިމަމް ސްޓޭންޑަޑް“ތަކަށް ސަރުކާރުން ނުފެތޭކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން އެފަދަ މައްސަލަތައް އެކަށީގެންވާ ގޮތެއްގެ މަތިން ތަހުގީގުކުރުމުގެ މަސައްކަތްތައް ނުކުރެއެވެ. އަދި މަސައްކަތުގެ ބޭނުމުގައި ދިވެހިރާއްޖެއަށް ގެންނަ ނުވަތަ އަންނަ މީހުންގެ ތެރޭގައި ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ މީހުން ތިބިކަން ސާފުއިރު، އެފަދަ މީހުން ދެނެގަނެވިފައިނުވާކަމަށް ކަމަށްވެސް ބުނެފައިވެއެވެ. އެ ޑިޕާޓުމެންޓުން ބުނެފައިވާގޮތުން، ވަގުފާރީގެ މައްސަލައިގައި ތުހުމަތުކުރެވިފައިވާ ސަރުކާރުގެ އިސް ފަރާތްތަކުގެ މައްސަލަތައް ބަލައި ޖަވާބުދާރީ ކުރުވާފައިނުވެއެވެ.
ރިޕޯޓުގައިވާގޮތުން، އެފަދަ ހާލަތް ކުރިމަތިވެފައިވާ މީހުން ދެނެގަނެ ރައްކައުތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައްވެސް ހުރީ ދަށް ފެންވަރެއްގައެވެ. އަދި ރިޕޯޓު އެކުލަވާލެވުނު އިރު އެފަދަ މީހުންނަށް އެހީ ފޯރުވާދިނުމަށްޓަކައި އާންމު އުސޫލެއް އެކުލަވާލައި ޝާއިއުކުރެވިފައިނުވާކަމަށްވެސް ބުނެފައިވާއިރު، އެފަދަ ހާލަތެއްގައި ހުރި މީހެއްތޯ ދެނެގަތުމަށް ރާއްޖެއަށް މަސައްކަތު ބޭނުމަށް ހިޖުރަ ކުރާ މީހުން އެކަށީގެންވާ ގޮތެއްގެ މަތިން ”ސްކްރީން“ ކުރެވިގެން ނުދާކަމަށް ބުނެފައިވެއެވެ. ރިޕޯޓު އެކުލަވާލެވުނު އިރު އެފަދަ ފަރާތްތަކަށް ހިމާޔަތާއި ރައްކައުތެރިކަން ދިނުމުގެ ގޮތުން ބެހެއްޓޭނެ ތަނެއްވެސް ބިނާކުރެވިފައިނުވާކަމަށް ބުނެފައިވެއެވެ. އިންސާނީ ވަގުފާރީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ބައެއް މަސައްކަތްތައް ކުރަމުންދާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެ މައްސަލައިގައި ތުހުމަތުކުރޭވޭ ތިން ދިވެއްސަކާއި ބަންގްލަދޭޝް ރައްޔިތެއްގެ މައްޗަށް ދައުވާކުރެވިގެންދިޔަކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައި ވާގޮތުން، ސަރުކާރުގެ އެއްވެސް މުއައްޒިފެއްގެ މައްޗަށް އެފަދަ މައްސަލައެއްގެ ތުހުމަތުކުރެވިފައިވާކަމަށް ސަރުކާރުން ރިޕޯޓުކޮށްފައިނުވެއެވެ. އެހެންނަމަވެސް ކޮރަޕްޝަންގެ މައްސަލަތައް އޮތުމާއި ސަރުކާރުގެ އޮފިޝަލުންގެ މައްޗަށް ތުހުމަތުތައް ކުރެވިފައިވުމަކީ ކަންބޮޑުވުމެއްކަމަށް ބުނެފައިވެއެވެ. ރިޕޯޓުގައިވާގޮތުން، ޕްރޮސެކިއުޓާރ އޮފީހުންވަނީ ސަރުކާރަށް ތާއީދުކުރާ މަޖިލީސް މެމްބަރެއްގެ މައްޗަށް ކުރެވިފައިވާ އެފަދަ ދައުވާތައް އަނބުރާ ފޮނުވާލާފައެވެ. ޖިންސީ ބޭނުންތާއި ގުޅިފައިވާ ވަގުފާރީގެ މައްސަލައެއްގެ ތެރޭގައި ހައްޔަރުކުރެވުނު ފުލުހުންގެ މުއައްސަސާގެ މުއައްޒިފަކުގެ މައްޗަށްވެސް ދައުވާ ނުކުރާކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން 2021 ވަނަ އަހަރުގެ ތެރޭގައި ”ޗައިލްޑް ސެކްސް ޓްރެފިކިންގް“ މައްސަލައެއްގައި ޝާމިލުވާކަމުގެ ތުހުމަތުގައި ލަންކާގައި ހައްޔަރުކުރި ސަރުކާރުގެ އިސްވެރިއެއްގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އެޅިފައިވާކަމަށް ރިޕޯޓު އެކުލަވާލެވުނު އިރު މައުލޫމާތު ލިބިފައިނުވާކަމަށް ބުނެފައިވެއެވެ. އަދި ލޭބާރ އިންސްޕެކްޓަރުންނާއި ގާޒިން ރިޝްވަތު ނަގައިގެން ލޭބާރ މައްސަލަތައް ދޫކޮށްލުމާއި ނުބެލުން ފަދަ އަމަލުތައް ހިންގަމުންދާކަމުގެ ތުހުމަތުތައް ކުރެވިފައިވާކަމަށް ބުނެފައިވާއިރު، ތަންފީޒީ އިދާރާތަކުން އެފަދަ މައްސަލައެއްގެ އޮޕަރޭޝަނަކަށް ތައްޔާރުވަމުންދާއިރު، ވިޔަފާރިވެރިންނަށް ކުރިއާލައި މައުލޫމާތު ދިންކަން އޮބްޒާވަރުން ރިޕޯޓުކުރާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

