ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ތިން ވަނަ ފަހަރުކަމަށް ވިދާޅުވެ، އޭނާއަށް ފުރުސަތު ނުދެއްވަންވީ ކީއްވެގެންތޯ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް ސުވާލު އުފައްދަވައިފިއެވެ.
ގާސިމް މިހެން ވިދާޅުވީ މަދަނީ ޖަމިއްޔާތަކާއިއެކު ޖުމްހުރީ ޕާޓީއިން ބޭއްވި ބައްދަލުވުމުގައެވެ.
ގާސިމް ވިދާޅުވީ އޭނާ އިންތިހާބުގައި ވާދަކުރަނީ އަމިއްލަ މަންފާއަށް ނޫންކަމަށާއި، ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންނަކީ ތަނަވަސް ބަޔަކަށް ހެދުމަށް ކުރަން ހުރި މަސައްކަތްތައްކޮށް، އެކަމަށް އެހީތެރިވުމަށްކަމަށެވެ. އަދި އޭނާއަކީ ހިޔާނާތްތެރިވާނެ މީހެއް ނޫންކަމަށާއި، ދައުލަތުގެ ފައިސާގައި ނުޖެހޭނެކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ފައިސާއިން ”ބޮޑުލާރިއެއް ގައި ވެސް ނުޖެހޭނެ“ ކަމަށާއި، ”ބައިސެންޓް“ ގައި ޖެހިވަޑައިގަތުމުގެ ވިސްނުންވެސް ނެތްކަމަށް ވިދާޅުވެ، ގާސިމް ފާހަގަކުރެއްވީ މީގެ ކުރިން އޭނާ ފުރުއްވާފައިވާ އެކި އެކި މަގާމުތަކެވެ.
ފިނޭންސް މިނިސްޓަރުކަމާއި މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރުކަން އަދި އައިއެމްއެފާއި ވޯލްޑްބޭންކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުކަމުގެ އިތުރުން ހޯމް މިނިސްޓަރުގެ މަގާމާއި އަދި ރައްޔިތުންގެ ހާއްސަ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަދާކުރައްވާފައިވާނެކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ މި މަގާމުތަކުގައި ހުންނަވާވެސް ދައުލަތުގެ އެއްވެސް ފައިސާއެއްގައި ޖެހިފައިނުވާނެކަމަށެވެ.
އެހެންވީމާ ތިޔަ ބޭފުޅުން ޓެސްޓްކޮށްލައްވަން ވެސް ރަނގަޅެއްނުންތޯއޭ އަޅުގަނޑު. އަޅުގަނޑު މި އަނގަތަޅަމުން ދާއިރު ކޮންމެ ފަހަރަކު ވެސް ޗާންސް އޮވެ އެ ފުރުސަތު ދެއްވާތޯ ރައްޔިތުންނަށް އާދޭސް ދަންނަވަމުން ދާއިރު. ކީއްވެތޯއޭ އަޅުގަނޑަށް އެއް ފަހަރު ވެސް ފުރުސަތު ނުދެއްވަންވީ؟.
ގާސިމް ސުވާލު އުފެއްދެވިއެވެ.
ގާސިމް ސުވާލު އުފެއްދެވީ އޭނާ އެ ހުރިހާ ވާހަކައެއް ދައްކަވަމުންދާއިރުވެސް، ވެރިކަމަށް އިންތިހާބު ނުކުރައްވަނީ ކީއްވެގެންކަމާއިމެދުގައެވެ. އަދި ވިދާޅުވީ އޭނާ ޓެސްޓްކޮށްލަށް ވެރިކަމަށް ގެނައުން ރަނގަޅުވާނެކަމަށެވެ. ގާސިމް އޭނާގެ ގާބިލްކަން ދެއްކެވުމަށްޓަކައި އިތުރަށް ފާހަގަކުރެއްވީ، އެމްޑީޕީގެ ދެ ވެރިކަން ގެނައުމަށް ކުރެއްވި މަސައްކަތެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެނައުމަށްވެސް މަސައްކަތްކޮށްދެއްވާފައިވާނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ރައީސް ޔާމީން އަށް ވެރިކަން ލިބުނީ އޭނާ ހޮވައިދިނުމުންކަމަށެވެ.
މީގެ އިތުރުން ގާސިމް ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނު ވާހަކައަށް އަލިއްއަޅުއްވައި، ތާރީހާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.

